ޤުރުއާން އަޑުއެހުމަކީ ޘަވާބުލިބޭ ކަމެކެވެ. ޤުރުއާން އަޑުއެހުމަކީ ރަޙްމަތެކެވެ. ބަރަކާތެކެވެ. އާދަވާ ކޮންމެ ދުވަހަކު ކުރާ ކަންކަމުގެ ލިސްޓަށް އިތުރު ކޮށްލަން ޖެހޭ ކަމެކެވެ. އެހެން މީހެއްގެ ކިޔެވުން އަޑުއަހައިލުމުން، ޤުރުއާނާ މެދު ވިސްނާ ފިކުރު ކުރަން ފަސޭހަވެއެވެ.

عبدالله بن مسعود رضي الله عنه ކިބައިން ރިވާވެގެންވިއެވެ. ރަސޫލުﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّم ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު އަޑުއެއްސެވުމަށް) ޤުރުއާން ކިޔަވައިވިދާޅުވެދެއްވާށެވެ." ތިމަން ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނަށް ތިމަންކަލޭގެފާނު ޤުރުއާން ކިޔަވައިދިނުމުގެ ބޭނުމެއް އޮވެދާނޭތޯއެވެ؟ ހަމަކަށަވަރުން އެ ޤުރުއާން ބާވާލެއްވެނީ ކަލޭގެފާނުގެ މައްޗަށެވެ." ރަސޫލުﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ތިމަންނޫން އެހެން މީހަކު ޤުރުއާން ކިޔަވާ އަޑު އައްސަވަން ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ." ދެން ތިމަން ނިސާ ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން 41 ވަނަ އާޔަތާ ހަމައަށް ކިޔެވީމެވެ. (فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍۭ بِشَهِيدٍۢ وَجِئْنَا بِكَ عَلَىٰ هَـٰٓؤُلَآءِ شَهِيدًۭا) (އައްނިސާ: 41) މާނައީ: "ފަހެ، ތިމަން-ރަސްކަލާނގެ ކޮންމެ އުންމަތަކުން ހެކިވެރިއަކު، (އެބަހީ: އެއުރެންގެ މައްޗަށް ހެކިވުމަށް ޓަކައި އެ އުއްމަތެއްގެ ނަބިއްޔަކު) ގެންނަވައި، އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާ ހިނދު، ކޮން ފަދަ ތޯއެވެ؟" ދެން ރަސޫލުﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمއާ ދިމާލަށް ތިމަން ބަލައިލީމެވެ. އެހިނދު އެކަލޭގެފާނުގެ ދެލޯފުޅު ތެމި ކަރުނަފޮދު ފައިބާތީ ތިމަންނާއަށް ފެނުނެވެ."

ކީރިތި ޤުރުއާން އަޑުއެހުމަކީ މުއުމިނުންގެ ހިތްތައް މަޑުމޮޅިކޮށްދޭ ކަމެއް ކަން މި ބަޔާންކުރި ޙަދީޘުން އެނގެއެވެ. އެހެނީ ކީރިތި ޤުރުއާނަކީ މުއުމިނުންގެ ހިތްތަކުގެ ދިރުމެވެ. ابن القيم رحمة الله عليه ވިދާޅުވެފައި ވެއެވެ. "ޤުރުއާން އަޑުއެހުމަކީ އެންމެ މާތްވެގެން ވާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ."

ރަސޫލުންނާއި ނަބިއްޔުންގެ ވާހަކަތަކާއި އިސްވެދިޔަ އުންމަތްތަކުގެ ޚަބަރުތަކާއި މާތް ﷲ އެންގެވި މަގުން ދިރިއުޅުން ކުރިޔަށް ގެންދާންވީ އިރުޝާދުތަކާއި ކާއިނާތުގައި ލައްވަވައިފައި ވާ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ ހެކިތަކުގެ އިތުރަށް މި ދުނިޔެ ފަނާވެ ނެތިގެންދާނޭ ގޮތުގެ ވާހަކަތައް އެންމެ ފުރިހަމައަށް، އެންމެ ޞައްޙަ މަގުން އެނގޭނެ މަޞްދަރަކީ ކީރިތި ޤުރުއާނެވެ. އެހެން ކީރިތި ޤުރުއާން އަޑުއެހުމަކީ ޢިލްމުގެ ތަޅުދަނޑިއެއް ކަމާ މެދު ޝައްކެއް ނެތެވެ.

ހަފްތާއެއް ފާއިތުވެގެންދާއިރު ތަފާތު ޚަބަރުތަކާއި ޕްރޮގްރާމްތައް ޓީވީއާއި ރޭޑިއޯއާއި ޔޫޓިއުބު މެދުވެރިކޮށް އަޅުގަނޑުމެން އަހަމުއެވެ. އަޅުގަނޑުމެންގެ ޙާލަތަކީ މިއީ ކަމުގައިވާއިރު، ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ނަފުސާ ކުރައްވަންވީ ސުވާލަކީ "އަޅުގަނޑަށް މި ހަފްތާތެރޭ ކީރިތި ޤުރުއާނުގެ ކިތައް ސޫރަތް އަޑުއެހުނުތޯ؟" އެވެ. މިފަދައިން އަމިއްލަ ނަފުސާ ކުރެވިދާނެ ސުވާލުތައް ބައިވަރެވެ. "ކީރިތި ޤުރުއާނުގެ ތަރުޖަމާ ޔޫޓިއުބު ފަދަ މަންސަތަކުން އަޑުއެހެން ހުރިއިރު، ކީރިތި ޤުރުއާނުގެ ތަރުޖަމާ އަޑު އަހައިލަން ވަގުތުކޮޅެއް ހޭދަކޮށްލެވޭތޯ؟" އެވެ. ޤުރުއާން އަޑުއެހުމަކީ ހިތުދަސްކުރުން ފަސޭހަކޮށްދޭ ކަމެއް ކަމުގައި ވާއިރު، "ހިތުދަސްކުރުމުގެ ނިޔަތުގައި ޤުރުއާން އަޑުއަހަން ވަގުތު ހޭދަކުރެވޭތޯ؟" އެވެ.

ބައެއް އަޚުންނާއި އުޚުތުންނަށް ޓީވީ ސީރީޒެއްގެ 114 އެޕިސޯޑް ބަލާލުމަކީ މާއުނދަގޫ ކަމެއް ނޫނެވެ. އެކަމަކު ކީރިތި ޤުރުއާނުގެ 114 ސޫރަތް ކިޔެވުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ކީރިތި ޤުރުއާނުގެ 114 ސޫރަތް އަޑުއެހުން ވެސް އޮންނަނީ ތަކުލީފު ބޮޑު ކަމަކަށް ވެފައެވެ.

އަޅުގަނޑުމެންނަށް އަޑުއެހޭނެ އެންމެ މާތް، އެންމެ މޮޅު، އެންމެ ބަރަކާތްތެރި އެއްޗަކީ ކީރިތި ޤުރުއާނެވެ. ލިބޭ ހުސްވަގުތުތަކުގައި ފައިދާއެއް ނެތް ވީޑިއޯތައް ބެލުމުގެ ބަދަލުގައި ކީރިތި ޤުރުއާން އަޑުއަހާ ބައެއް ކަމުގައި ވަމާތޯއެވެ؟ 

 

(ޤުރުއާން އަޑުއެހުމުގެ މާތްކަން - އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް؛ ދީނުގެ މަގު، އަހަރު 4، އަދަދު 7، ޞ.4، 16 ފެބުރުއަރީ 2024)