އަންނަނީ ރަމަޟާން ކަރީމެވެ. ގިނަގުނަ ވެގެންވާ ދަރުމައާއި ސަވާބާއި ހެޔޮކަން ހިފައިގެން އަންނަ މައްސަރެވެ. ރަމަޟާން މަހާ ބައްދަލުވުމަކީ މުއުމިނު އަޅަކަށް ލިބޭނޭ އެންމެ މަތިވެރި ނިޢުމަތެވެ.
ރަމަޟާންމަހާ ބައްދަލުވުން ވެގެންދާނީ އަޅުގަނޑުމެންގެ ނަފުސުތައް އިޞްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުޞަތަކަށެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ ކަންކަން ތަރުތީބު މަގުން ހަމަޔަކަށް އަޅުވަން ލިބޭ މޫސުމަކަށެވެ. އަޅުގަނޑުމެންގެ ނަފުސުގައިވާ އީމާންތެރިކަމާއި، ހެޔޮކަންކަމަށް ލޯބިކުރުމުގެ މަތިވެރި ސިފަތައް އިތުރަށް ތާޒާކޮށް އާރޯކުރާން ލިބޭ ފުރުޞަތަކަށެވެ.
އަޚުންނާއި އުޚްތުންނޭވެ! ރަމަޟާން މަހަކީ ބަރަކާތާއި ހެޔޮކަމުގެ މޫސުމެވެ. މިއީ ޤުރުއާނާއި، އީމާންތެރިކަމާއި، އިޙްސާންތެރިކަމުގެ މޫސުމެވެ. ދުޢާކުރުމާއި މުނާޖާ ދެންނެވުމުގެ މޫސުމެވެ. ދީލަތިކަމާއި، ކެތްތެރިކަމުގެ މޫސުމެވެ. އެތަކެއް މަތިވެރިކަމަކާއި ޚާއްޞަކަމެއް އެ މޫސުމެއްގައި އެކުލެވިގެންވާ މޫސުމެވެ.
ފާއިތުވި ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެ ދިޔައީ އިހަކަށް ދުވަހުންހެން ހީވާ ކަހަލައެވެ. ދުވަސްތައް ދައުރުވަމުންދަނީ އެހައި ވެސް ހަލުވިކޮށެވެ. ލޮލުގެ އެސްފިޔަ ޖަހައި ހުޅުވައިލާހައި އަވަހަށެވެ. އެއް އަހަރު ދުވަސް ފާއިތުވެ ދިޔައީއެވެ. މި ކަންކަމުގައި ވެސް އެތަކެއް ޢިބްރަތާއި ޙިކުމަތް ވޭ ނޫންތޯއެވެ. އެހެންކަމުން، ދުނިޔެ ފަނާވެ ނިމިދާނޭ ދުވަސް ވެސް ވަނީ ދާދި ގާތުގައި ނޫންތޯއެވެ. އެހެންކަމުން، މިފަދަ މަތިވެރި މޫސުމެއް އަޅުގަނޑުމެންނާ ބައްދަލުވުން، މި މޫސުމުގެ ދަރުމައާއި މަތިވެރިކަމާއި ސަވާބު ޣަނީމާކުރުމަށް އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މަތީ ދަރަޖައަކަށް މަސައްކަތްކުރާން ވާނެ ނޫންތޯއެވެ؟ އެހެނީ، ގެއްލިއްޖެއްޔާ މިއީ އަނބުރައި ލިބޭނޭ ވަގުތެއް ނޫނެވެ.
ހަމަކަށަވަރުން މި މަހަށް އިސްތިޤްބާލުކުރުމަށް އެންމެ އެކަށީގެންވާ އެއް ކަމަކީ ތެދުވެރި ތައުބާއަކުން ތައުބާވުމެވެ. ކުރެވިފައިވާ ހުރިހާ ފާފަތަކަކުން ތައުބާވުމެވެ. އަދި ހިތުގައި ހިފައިފައިވާ ބަލިމަޑުކަމުގެ ހުރިހާ ނުބައި ސިފަތަކަކުން ޠާހިރުވުމެވެ. ޙަސަދަވެރިކަމާއި، ބޮޑާކަމާއި، ކިބުރުވެރިކަމާއި، އަނެކާއަށް ނުނިޔަތްލުމާއި، ރުޅިވެރިކަމާއި ނަފުރަތްތެރިކަން ފަދަ ހުރިހާ ނުބައި ސިފަތަކަކުން އެ ހިތް ދުރުކޮށް، ޠާހިރުކޮށް، އެ ގޮތުގައި ލެއްވުމަށް މާތް ﷲއަށް ދުޢާ ދެންނެވުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾ (އައްނޫރު: 31) މާނައީ: "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން އެކީއެކަށް ﷲއަށް ތައުބާވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށް ޓަކައެވެ."
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ތައުބާވުމުން، ހިތުގައި އަށަގެންފައިވާ ނުބައި ސިފަތަކުން ސަލާމަތްވެ، ހިތުގެ އާރާއި ބާރާ އެކު ހެޔޮކަންކަން ކުރުމަށް ކުރިމަތިލައެވެ." (މަޖްމޫޢުލް ފަތާވާ، 79/01) އަދި އިބުނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ހިތުގެ އެންމެ ފުންމިނުން ތެދުވެރި ތައުބާއަކުން ތައުބާވާން ޢަޒުމު ކަނޑައަޅައި ޞައްޙަ ތައުބާއަކުން ތައުބާވެއްޖެއްޔާ، ކުރީން ކުރެވިފައިވާ ހުރިހާ ފާފަތަކެއް އަންދައި ހުލިކޮށް ސާފުކޮށްލާނެއެވެ. އެއީ ނެތް އެއްޗެއް ފަދައިންނެވެ. އެހެނީ، ތައުބާވެފައިވާ މީހާއަކީ އެއްވެސް ފާފައެއް ނުކުރާ މީހެއް ފަދަ މީހެކެވެ." (އަލްވާބިލުއް ޞައްޔިބު 12)
ދުޢާއަކީ، މާތްﷲ އަޅަމެންނަށް ހެޔޮ މަގަށް މަގުދައްކަވައި، އެ އިލާހުގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމުގެ ތައުފީޤު ދެއްވުމެވެ. އާމީން!
(އަންނަނީ ރަމަޟާން ކަރީމް - އައްޝެއިޚް ޝަފިޢު އަބްދުﷲ؛ ދީނުގެ މަގު، އަހަރު 4، އަދަދު 10، ޞ.4 – 08 މާރިޗް 2024)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން