ރަމަޟާން މަހަކީ އެމަހެއްގައި ހެޔޮ އަމަލުތައް ކުރުން ގިނަ ކުރަންޖެހޭ މަހެކެވެ. އެ މަހެއްގައި ފާފަތަކުން ނަފްސު ދުރުކޮށް ޠާހިރުކުރަން ޖެހޭނެ މަހެކެވެ. މިކަން ހަމަ ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. މަދަރުސީ ހަޔާތުގައްޔާއި އިލްމީ ފޯވަހިތަކުގައްޔާއި ދަރުސްތަކުގައިވެސް އަބަދުމެ މިވާހަކަތައް ތަކުރާރުވެދެއެވެ. މީސްމީޑިޔާގެ އެކި މަންސަތަކުގައިވެސް މި ވާހަކަތައް އަބަދުމެ ދައުރުވަމުން ދެއެވެ. މިކަންކަން ނުދަންނަ މީހަކު، އަހަރެމެންގެ ތެރެއަކު ނުވާނެއެވެ.

ކަންއޮތީ މިހެން ކަމުގައި ވީނަމަވެސް، މި މާތް މައްސަރުގައިވެސް ދޮގުހެދުމާއި މަކަރާއި އޮޅުވާލުމުގެ ތެރެއަށް ޣަރަގުވެފައިވާ އެތައް ބަޔަކު އަހަރެމެންގެ މި އިސްލާމީ މުޖުތަމައުގައި އެބަ އުޅެއެވެ. އަރާ އިރާއެކު ހަދާ ދޮގު، ދިފާއު ކުރުމަށް އިރުއޮއްސެންދެން ދަނީ އިތުރު ދޮގުތައް ހަދަމުންނެވެ. އިރު އޮއްސިއްޖެނަމަ އުޅެނީ ކޮންމެވެސް މީހަކު ބަދުނާމުކޮށް ފަޟީހަތްކުރުމުގައެވެ.

ބައެއްމީހުންގެ އަމަލުތައް ހުންނަ ގޮތުން، އެބައިމީހުންނަށް ދޮގު ހެދުމުގެ ހުއްދައެއް އޮންނަ ފަދައޭ ހީވާކަހަލައެވެ. ހާއްސަކޮށް ސިޔާސީގޮތުން މަތީ މަގާމުތަކުގައި ތިބި މީހުންނާއި ސިޔާސީގޮތުން ދޫހެލޭ، މަގުބޫލު "ޝަހުސިއްޔަތުން" ގެ ކިބައިން މިފަދަ ވިޔާނުދާ އަމަލުތައް ތަކުރާރުކޮށް ފެންނަމުން އެބަ ދެއެވެ. މިބައިމީހުންގެ ދޮގާއި އޮޅުވާލުންތައް މީސްމީޑިޔާގައި އެންމެނަށް ފެންނަން ހުންނާނޭހެން ލިޔެ އާއްމުކުރަމުން ދެއެވެ. ދޮގު ހެދުން އެއީ ހަމަ އާދައިގެ ކަމެއް ކަމުގައި ހީވާކަހަލައެވެ.

މާތް ރަމަޟާން މަސް އަހަރެމެންނާ ބައްދަލުކޮށް މި މައްސަރުގެ ދުވަސްތައް ގުނަމުންދާއިރުގައިވެސް މިފަދަ މީސްމީހުންގެ ކިބައިން ބިރުވެތިކަމެއް ނުފެނެއެވެ. ހެޔޮ އަމަލުތައް ގިނަކުރުމުގެ ޝައުގެއް ނުފެނެއެވެ. ރަމަޟާންމަހު ރޯދަހިފަން ޖެހުންވެސް އެއީ ބޮޑުކަމެއް ކަމުގައި ވެގެން އުޅޭ ކަހަލައެވެ. ހެޔޮވާނީ ކޮންފަދަ އަކުން ހެއްޔެވެ؟

އޭ ލޮބުވެތި މުސްލިމު އަޚުންނޭވެ! ރަމަޟާންމަހަކީ ދޮގުހެދުމާއި މަހަކާއި ހީލަތުން އެއްކިބާންވާން ޖެހޭނެ މަހެކެވެ. ދޮގު ހެދުމަކީ އާދައިގެ ކަމެއް ކަމުގައި ދެކި، މި މާތް މައްސަރުގެ ޘަވާބާއި ދަރުމަ، ދޮގާ މަކަރުގެ ސަބަބުން ގެއްލިގެން ދިޔަ ނުދޭށެވެ. ދުނިޔެ މަތީގައި ފަހަރުގައި ތިޔަ ހެދޭ ދޮގުގެ ސަބަބުން ޢަޒާބެއް ފާވެގެން ނައިސްފާނެއެވެ. ނަމަވެސް ހިސާބުބައްލަވާނެ ކަމަށް އިމާންވާ މީހާ، އެ ދޮގުގެ ހިސާބު ބައްލަވާނެކަމާއި އެކަމުގެ އުގޫބާތްލިބޭނޭކަން ގަބޫލު ކުރާނެއެވެ. އެހެންނަމަ، މި މާތް މައްސަރުގައި އެފަދަ ދޮގުތައް އާއްމުކޮށް އެންމެނަށް އެނގޭނޭހެން އާއްމުންދެ ތެރޭގައި ނުފަތުރާނެއެވެ. އެކަން އެމަގުން ކުރާނަމަ، އެބައިމީހުންގެ އީމާންތެރިކަމާމެދު ސުވާލު އުފެދެއެވެ. މާތް ﷲ އަޅަމެން އެންމެނަށް ހެޔޮވިސްނުން ދެއްވާ، ދޮގާއި އޮޅުވާލުމާއި މަކަރުގެ ކެހިވެރިކަމުން އަޅަމެންގެ ދުލާއި ހިތްތައް ސާފުކުރައްވާންދޭވެ!