ރޯދަމަސް ފެށުމާއެކު އަޅުގަނޑުމެންނަށް އަޅުކަންކުރުމަށް ލިބިގެންދަނީ އިތުރު ހިތްވަރެކެވެ. މުޅި މައްސަރު އެއްކޮށް ރޯދަހިފުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތްކުރުމާއި ރޯދަ ވީއްލުންތަކަށް ދަޢުވަތުދިނުމާއި މިހެންގޮސް ކިތަންމެ ކަމެއް ކުރަމުއެވެ. މި މަހުގައި ކުރާ ކަންކަމަށް ކޮންމެވެސް ވަރަކަށް ނަޒަރު ހިންގައިލާނަމެވެ.

ޤުރުއާން ކިޔަވާއިރު ރޯދަމަހު ޚަތިމެއް ކުރުމަކީ ގިނަ މީހުން މަސައްކަތްކުރާ ކަމެކެވެ. ނަމަވެސް ޚަތިމް ކުރުމުގެ ނިޔަތް އޮވެ ބައެއް ފަހަރު އަވަސް އަރުވައިލައިފާ ޤުރުއާން ކިޔެވޭ ތަން އާދެއެވެ. އޭގެ ސަބަބުން ޚަތިމްކޮށް ނިމޭއިރު ބައިވަރު ކުށް ކީފައި ހުރެއެވެ. އެހެންކަމުން ޤުރުއާން ކިޔަވާއިރު ވީހާ ވެސް ރީތިކޮށް ތަޖުވީދުމަގުން ތަރުތީލަކޮށް ކިޔެވުމަށް މަސައްކަތްކުރާށެވެ. ޚަތިމް އެއްކޮށް ނިމޭއިރު ކިޔޭ ކުށްބަސްތައް މަދުކުރުމަށް އަޒުމުކަނޑައަޅާށެވެ. މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿أَوْ زِدْ عَلَيْهِ وَرَتِّلِ ٱلْقُرْءَانَ تَرْتِيلًا﴾ (އަލް މުއްޒައްމިލް: 4) މާނައީ: "އަދި ލަސްލަހުން ޤުރްއާން ކިޔަވައި ވިދާޅުވާށެވެ!"

ރޯދަމަސް އައުމުން ރޯދަ ވީއްލުމަށް ގޭތެރޭގައި ތަކެތި ތައްޔާރުކުރުމުގައި އިސްރާފު ނުކުރާށެވެ. މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެ އިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ." ސޫރަތުއް އަލްއަޢްރާފް: 31) އަންހެންވެރީންނަށް ކެއްކުމުގައި ފިރިހެންވެރީން ތަކްލީފް ނުޖައްސާށެވެ. އެކަނބަލުންގެ އީމާންތެރިކަން އިތުރުކޮށް އަޅުކަންކުރުމަށް މި މައްސަރުގައި ފުރުޞަތު ދޭންވާނެއެވެ. އަދި ރޯދަ ވީއްލުމަށް ދަޢުވަތު ދިން ކަމުގައި ވިޔަސް މޭޒުމަތި ތިޔާގި ކުރުމުގެ ބަދަލުގައި އާދައިގެ މިންވަރަކަށް ތަކެތި ތައްޔާރުކުރާށެވެ. މިއީ މުބާރާތެއް ނޫނެވެ. ސަވާބާއި ދަރުމަ އެދިގެން މާތްﷲގެ ރުއްސެވުން ހޯދުމަށް ކުރާކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ.

މަޣްރިބް ނަމާދުގެ ޖަމާޢަތް ގެއްލުވައިނުލާށެވެ. އަޅުގަނޑުމެންގެ ވަރަށް ގިނަ މީހުންނަށް ރޯދަމަހުގެ މަޣްރިބް ނަމާދު ޖަމާޢަތް ގެއްލެއެވެ. ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ރޯދަވީއްލުން އަވަސްކުރައްވާ މަޣްރިބް ނަމާދުގެ ޖަމާޢަތަށް އަވަސްވެވަޑައިގަންނަވައެވެ. އަޅުގަނޑުމެން ޢަމަލުކުރަންވީ ގޮތަކީ އެއީ އެވެ.

ރޯދަ ވިއްލާ ވަގުތު މާގިނައިން ކެއުމަކީ ރޭއަޅުކަމަށް އުނދަގޫވާ ކަމެކެވެ. ތަރާވީޙް ނަމާދުގައި ކޮޅަށް ހުންނަން އުނދަގޫވެ ވައިބޭރުވުން ފަދަ ކަންކަމާ ކުރިމަތިވެއެވެ. ރޯދަ ވީއްލުމުގައި ކެއުން މަދުކޮށް ތަރާވީޙަށް ފަހު ކާން އާދަކުރާށެވެ.

މި މަހުގައި ނުބައި އާދަތަކާ ދުރުވާން ފަސޭހަވާނެއެވެ. ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ރޯދައަކީ އައްޑަނައެކެވެ." (ސުނަން އައްނަސާއީ) ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ޙަރާމް މަންޒަރުތައް ބެލުމަށް ދެވިހިފައިފައިވާ ވުމުން ސަލާމަތްވުމަށް މިއީ ވަރަށް ރަނގަޅު ރަނުގެ ފުރުޞަތެކެވެ. މި މަހު ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ އެ ކަންކަމުން ސަލާމަތްވުމަކީ ﷲގެ އިޛުނަފުޅާއެކު ވަރަށް ފަސޭހަކަމަކަށް ވާނެއެވެ.

އާދެ! ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވިފައިވާ މައްސަރުގައި އެ ސުވަރުގެއިން ޖާގަ ހޯދުމަށް، މި މައްސަރަށްވުރެ ވަކި ފަސޭހަ ދުވަސްވަރެއް ވޭ ހެއްޔެވެ؟ އަޅުކަމުގައި ކަންނެތް ނުވެ މި ރޯދަމަސް މިއީ ތިބާގެ އެންމެ ފުރިހަމަ ރޯދަމަސް ކަމުގައި ހަދަމާ ހިނގާށެވެ.

 

(ރޯދަމަސް އައުމުން - މުޙައްމަދު ސަމޫހު ސަޢީދު؛ ދީނުގެ މަގު، އަހަރު 4، އަދަދު 12، ޞ.3 – 22 މާރިޗް 2024)