އެހަށްދުވަހު އެ މަހެއް އަންނާތީ ތައްޔާރުވަމުން އައި ރޯދަމަހުގެ ތިންބައިކުޅަ ދެބައި ނިމުނީއެވެ. އިސާހިތަކު މި މަސް އަޅުގަނޑުމެންނާ ވަކިވެދާނެއެވެ. މި މަހުގައި ހެޔޮ ޢަމަލުކުރަންވީ ވަރަށް އަދިވެސް ނުކުރެވޭ ކަމުގެ އިޙްސާސްކުރެވޭ ނަމަ އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. ރަމަޟާން މަހުގެ ފަހު ދިހަ ދުވަސް މިއޮތީއެވެ. އެ ދުވަސް ތަކުގެ ތެރޭގައި ލައިލަތުލްޤަދްރިވިލޭރޭ ހިމެނޭ ދުވަސްތަކެވެ. މިއަދުން ފެށިގެން އިތުރު ހިތްވަރެއް ލަމާ ހިނގާށެވެ.
މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. (لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍ (ސޫރަތުލް އަލްޤަދްރި: 3) މާނައީ: "ލައިލަތުލްޤަދުރިވިލޭރޭ، އެއް ހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." އެ ރޭ ހޯދުމަށް އަޅުގަނޑުމެންގެ ނިޔަތް އިޚްލާސްތެރިކޮށް މާތްﷲ އަށް ދުޢާކުރަން ފަށާށެވެ. އެ ރޭގެ އަޖުރު ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް އަޒުމުކަނޑައަޅާށެވެ.
ރޯދަމަހުގައި ބައެއް ފަހަރު ފަރުޟު ނަމާދުތަކަށްވުރެ ސުންނަތް ނަމާދުތަކަށް އިސްކަން ދެވޭތަން ފެނެއެވެ. ޙާއްޞަކޮށް މަޣްރިބްނަމާދުގެ ޖަމާޢަތާއި ފަތިސްނަމާދުގެ ޖަމާޢަތަށް ފަރުވާކުޑަކޮށް ތަރާވީޙްނަމާދަށް ދެވޭ އިސްކަން މާބޮޑުކަން ފާހަގަވެއެވެ. އާދެ! ރޭ އަޅުކަމުގައި އެ މީހަކަށް ކުޅަދާނަވީ ވަރެއް ކުރާން ވާނެއެވެ. އެކަމަކު ފަރުޟު ނަމާދުތަކަށް ފަރުވާކުޑަ ނުކުރާށެވެ. ފަރުޟު ނަމާދުތައް މާ މުހިންމުވާނެއެވެ. ނަމާދުގައި ޚުޝޫޢަތްތެރިކަން ދެއްވައިތޯއާއި ކުރާ ނަމާދުތައް ޤަބޫލުކުރައްވައިތޯ ﷲއަށް ދަންނަވާށެވެ.
މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. ( شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَـٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ) (ސޫރަތުލް ބަޤަރާ: 185) މާނައީ: "ރަމަޟާންމަހަކީ، އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި، ހިދާޔަތާއި (ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި) ފުރްޤާނެއް ކަމުގައެވެ." މިއީ ޤުރުއާން ބާވައިލެއްވުނު މަހެވެ. އަދި ޖިބްރީލްގެފާނާއި ނަބިއްޔާ ޤުރުއާން މުރާޖާކުރައްވާ މަހެވެ. އަދި އެންމެހައި ސަލަފުއްޞާލިހުން އެހެނިހެން އަޅުކަންކަން ބަހައްޓަވައިފައި ޤުރުއާނާ އެކު ވަގުތުތައް ހޭދަކުރެއްވި މަހެވެ. އަޅުގަނޑުމެން ވެސް މި މަހުގެ ފަހު ދިހައިގައި ވީހާ ވެސް ގިނަ ވަގުތު ޤުރުއާނަށް ދެވޭތޯ ބަލަމާ ހިނގާށެވެ.
އަދި މާތްﷲ ފުރުޤާން ސޫރަތުގެ 71 ވަނަ އާޔަތާއި 72 ވަނަ އާޔަތުގައި ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ތައުބާވެ ޞާލިޙު ޢަމަލުކޮށްފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެ މީހާއީ ގިނަގިނައިން ﷲއަށް ތައުބާވާ މީހެކެވެ. އަދި އެބައިމީހުންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާ ހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ." މި ދުވަސްތަކުގައި ގިނަގިނައިން ތައުބާވާށެވެ. މާތް ﷲ ނުފުއްސަވާނޭ ފާފައެއް ނުވެއެވެ. ފާފަތައް ފުއްސަވާ އެ ފާފަތައް ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްދެއްވުމަށް އެ އިލާހު ކުޅަދުންވަންތައެވެ. ފާފަކުރެވިފައިވާ އެކަކު ވެސް މާޔޫސްނުވާށެވެ. އަދި މި ދުވަސްތަކުގައި ބޭކާރު ވާހަކަތަކުން ދުރުހެލިވެ ތިބުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.
ނަބިއްޔާ ޞައްލަ ﷲ އަލައިޙި ވަޞައްލަމް މި ދުނިޔެ ދޫކުރައްވަންދެން ކޮންމެ ރޯދަމަހެއްގައި ވެސް ފަހު ދިހައެއްގައި އިޢުތިކާފް ކުރައްވާ ކަމަށް އޮންނަ ޙަދީޘްފުޅެއް ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އާދެ! ޗުއްޓީ ނަގައިގެން ވެސް އިޢުތިކާފް ކުރައްވާށެވެ. އެ ގޮތަށް ގިނަ ވަގުތު ހުސް ނުކުރެވޭ ނަމަ، އެ މީހަކަށް ވީ ވަރަކުން މި ދިހަ ދުވަހު، ޙާއްޞަކޮށް ރޭގަނޑުގެ ވަގުތު ދުޢާކުރުމާއި ޛިކުރުކުރުމާއި ޤުރުއާން ކިޔެވުމުގައި ހޭދަކުރާށެވެ. ޞަދަޤާތްކުރުން ގިނަކުރާށެވެ. މި ރަމަޟާންމަހުގެ ފަހު ދިހައިގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ.
(ފަހު ދިހައެއްގައި ހިތްވަރުކޮށްލާށެވެ! - މުޙައްމަދު ސަމޫހު ސަޢީދު؛ ދީނުގެ މަގު، އަހަރު 4، އަދަދު 13، ޞ.4 – 29 މާރިޗް 2024)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން