ތުރުކިޔޭގެ އިސްތަންބޫލް ގައި ހުންނަ މިސްކިތެއްގައި އިއްވި މި ކުރު ޚުތުބާގެ މާނަ އެހާވެސް ފުނެވެ. ޚުތުބާ ދެއްވި އިމާމުގެ ހަށިކޮޅުގައި، މާ ދިގު ޚުތުބާއެއް އިއްވުމުގެ ހިތްވަރެއް ނެތެވެ. ގައިބާރު ދެރަވެ މުސްކުޅިފުޅު ވުމުގެ ސަބަބަކުން ނޫނެވެ. އެހެނަސް އިމާމާއަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. މިއީ ފަލަސްޠީނަށް ނިސްބަތްވާ އިމާމެއް ކަމުގައިވާ އިމާމް މަޙްމޫދު އަލް ހަސަނާތު އިއްވި ކުރު ކުރު ޚުތުބާގެ ވާހަކައެވެ.

މިސްކިތައް މީހުންތައް އޮތީ ޖަމާވެފައެވެ. ޚުތުބާ ދިނުމަށް އިމާމު ހަސަނާތު މިންބަރުކޮޅަށް އަރައިވަޑަތެވެ. އާދައިގެ މަތިން ޚުތުބާ އިއްވަން ފެށިއެވެ. ޚުތުބާގެ މައިނގަނޑު ފެށީ ފަލަސްޠީނުގެ ވާހަކައިންނެވެ. ނަމަވެސް އިތުރަށް އެ ވާހަކަތަކަކާ އެކު އިމާމަށް ޚުތުބާ ކުރިއަކަށް ނުގެންދެވުނެވެ. ނަމަވެސް އިމާމާ ވަރަށް މުހިއްމު މެސެޖެއް، އެ ކުރު ޚުތުބާގައިވެސް ދެއްވިއެވެ.

"ކުށެއް ނެތް 30،000 މުސްލިމުން ޝަހީދުކޮށް، 70،000 މުސްލިމުންނަށް އެކިވަރުގެ އަނިޔާދީ އަދި 2 މިލިއަނަށްވުރެ މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށް، މަގުމަތިކޮށްލި އިރުގައިވެސް، މި އުންމަތުގެ މީސްތަކުންނަށް ހޭވެރިކަމެއް ނުވިއެވެ. ދެން ވަކި ތިމަންނާގެ ޚުތުބާއަކުން ހޭވެރިކަމެއް ވާނޭ މީހަކު ހުންނާނެ ހެއްޔެވެ؟ އިތުރަށް ތިމަންނާ ދައްކާނީ ކޮން ބައެއްގެ ގާތު، ކޮން ވާހަކަ އެއް ހެއްޔެވެ؟ ތިޔަބައިމީހުންގެ ސަފުތައް ސީދާކޮށް، ތަރުތީބުކޮށް، ނަމާދަށް އަވަސްވެގަންނާށެވެ!" ގިސްލަމުން ލޮލުގެ ކަރުނަތައް ފުހެމުން އިމާމު މަޙްމޫދު އަލް ހަސަނާތު ގެ ޚުތުބާ ނިންމާލިއެވެ! މިއީ ޖުމުލަކޮށް މުޅި ޚުތުބާގައި ބުނި މައިގަނޑު ވާހަކައެވެ!

އާދޭހެވެ! އިމާމުގެ ވާހަކަ ކިތައްމެހާވެސް ތެދެވެ. މުޅި ދުނިޔޭގެ ލޯ ކުރިމަތީ، މުޅި އިސްލާމީ އުންމަތުގެ ލޯ ކުރިމަތީ، އަދި މި އުންމަތުގެ އަތްތަކުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ އެ ލާއިންސާނީ އަނިޔާތަކާ ހަމަލާތަކުގައި އެތައް ހާސް މައުސޫމު މުސްލިމުންނެއް ޝަހީދު ކުރަމުންދާއިރު، މި އުންމަތް އަދިވެސް އޮތީ ނިދާފައެވެ. އިސްލާމީ ބޮޑެތި ގައުމުތައް އޮތީ ވިޔަފާރީގެ އަޅުވެތިކަމުގައި ގައިދުވެފައެވެ. އަނެއް ބަޔަކު، ރަލާ އޫރުމަހާ، ޖުވާ ކުޅުމުގެ މަސްތުގައި ޖެހި، އިސްލާމްކަމާ އީމާންކަމާ، ސިޔާސަތުތައް މުޅިން ވަކިކޮށްފިއެވެ. އާރާ ބާރު ހުއްޓެއް ކަމަކު، ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ހާލާމެދު ހަމްދަރުދީވާ އިސްލާމީ ލީޑަރުން މަދެވެ. މިއީ މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވާންވީ ވަގުތެކެވެ. ނަމަވެސް ފެންނަނީ ބައިބާވުމާ އަރާރުންވުމެވެ.

އެތައް ހާސް މުސްލިމުންނެއް، ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން، އެއްވެސް ކުށަކާނުލާ މަރާ ހުސްކުރަމުން ދާއިރު، އިސްލާމީ އުންމަތަށް އެކަމުން އަސަރެއް ނުކުރާނަމަ، މިސްކިތެއްގާ ދޭ ދަރުހަކުން، ނުވަތަ ޚުތުބާއަކުން އަސަރެއް ކުރާނީ ފަހެ ކޮން ގޮތަކުން ހެއްޔެވެ؟ މާތް ﷲ އަޅަމެއް އެންމެންނަށް ހެޔޮ ވިސްނުން ދެއްވާ، ސީދާވެގެންވާ މަގަށް މަގު ދައްކަވާންދޭވެ! އަދި އިސްލާމީ އުންމަތް އެކުވެރި ކުރައްވާ ބާރުވެރި ކުރައްވާ ނަސްރު ދެއްވާންދޭވެ!