އެކިކަންކަމާއި އެކަންކަމުގެ ދަރަޖަ އެކި ގޮތްގޮތަށް އެކި ހާލަތްތަކުގައި ބަދަލުވެދެއެވެ. އެގޮތުން އަނބިންނަށް އަނިޔާވެރިވުމާ ދަރިންނަށް ޚަރަދުނުކުރުމަކީ އަނިޔާވެރިކަމުގެ އެންމެ މަތީ ދަރަޖައިގައި ހިމެނިގެން ހިނގައިދާނޭ ކަމެކެވެ. އެހެނީ އަނބިންނަށް ހެޔޮކޮށް ހިތުމަށާއި ދަރިންނަށް ޚަރަދުކޮށް އަދި އެދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތެވެ. އަދި އަނބިންނާއި ދަރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ހައްގެއް ކަމުގައިވެސް އިސްލާމްދީން ބަޔާންކުރެއެވެ.
ދަރިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާ އަމާނާތެކެވެ. އަނބިންނަކީ ރަހިމުގެ ގުޅުމެއް ނެތި، ދުނިޔޭގައި ބީރައްޓެއްސެއް ކަމުގައި ތިބާ ވީހިނދު، ސާފު ހިތަކައިގެން ތިބާގެ އުޅުމާ ގުޅުންތަކަށް ރުހި، ތިބާ ދެކެ ލޯބިވެގެން ހުރި އަންހެނެކެވެ. އެހެން ފިރިހެނުންނަކީ ހިލޭ ފިރިހެނުން ކަމުގައި ހަދައި، ގުޅުންތައް ތިބާ އާއި އެކު ހަލާލުކޮށްގެން ހުރި، އިރެއްގައި ތިބާ ނުވެސް ދަންނަ މީހެކެވެ. ވީ އިރު އަނބިންނާއި ދަރިންނަށް ރައްކާތެރިވެ، އޯގާތެރިވެ، ހަރަދުކޮށް ބެލެހެއްޓުން ތިބާގެ މައްޗަށް މަނާވެގަންނަން އޮތީ ކޮން ސަބަބެއް ހެއްޔެވެ؟
މީސްތަކުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއިއެކު އަނބިދަރިންވެސް ހިމެނޭ ގޮތަށް ވަކިމީހަކަށް ބެލުމެއް ނެތި އަނިޔާވެރިވުން މިވަނީ އާއްމު ކަމަކަށްވެފައެވެ. ތިމާކުރަން ބޭނުންވާކަމެއް، ތިމާ ބޭނުން ގޮތަކަށް ކުރަމުން ދަނީ އެކަމުގެ ސަބަބުން އަނެކާ އަޅާ ވޭނަށް ވިސްނާ ނުލައެވެ. ތިމާގެ އުފަލާ އަރާމަށް ހަރަދު ކުރަމުން ދަނީ ތިމާ ހަރަދުކުރުން ވާޖިބު ބަޔަކު ތިބިކަން ހަނދާން ނައްތާލާ ހާލުގައެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ.
އިސްލާމީ ތާރީޚަށް ބަލާލަމާ ހިނގާށެވެ! ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އޮތީ ހަމަ އެކަނި އަނބިންނާއި ދަރިންނަކަށް ނޫނެވެ. ސުލައިމާންގެފާނު ހިނިތަކަށްވެސް ރައްކައުތެރިކަން ފޯރުކޮށްދެއްވެވިއެވެ. އެވަރުގެ ކުޑަކުޑަ ދިރޭ އެއްޗަކަށްވެސް އަނިޔާވިއަ ނުދެއްވެވުމަށްޓަކައެވެ. ވީއިރު، އަނބިންނާއި ދަރިންނަށް މި ރައްކާތެރިކަން އޮންނަންވަނޭ މިންވަރު ތަސައްވަރު ކުރައްވަވާށެވެ.
"(ދެން لشكر އާއިގެން) ހިނީގެ وادى އަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، سليمان ގެފާނާއި، އެކަލޭގެފާނުގެ لشكر ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ." (އަންނަމްލް: 18)
"ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" (އަންނަމްލް: 19)
އަނިޔާވެރިކަމާއި އަނިޔާކުރުން މިއަދު މުޅި ދުނިޔޭގައި މިދަނީ ފެތުރި އާއްމު ވަމުންނެވެ. އިންސާނެއްގެ ކިބައިން ތާ އަބަދު އަނިޔާ ލިބުމަކީ ދުނިޔޭގެ ފިޠުރަތެކޭ ހީވާ ވަރަށް ބައެއް ފަރާތްތަކަށް މިއަދު އެބަ އަނިޔާ ލިބެއެވެ. ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ އަނިޔާތަކެވެ. ދަރިންނަށް އަޅާނުލާ، ހަރަދުނުދީ، ހިމާޔަތާއި ރައްކާތެރިކަމުގެ ކުނޑިފުކެއްވެސް ދަރިންގެ މައްޗަށް ނުފޯރުވާ ބައްޕައިން މުޖުތަމައުތަކުގައި ގިނަވެއްޖެއެވެ. މިއީ ވިސްނާލުން މުހިއްމު ކަމެކެވެ.
ބިރުވެރިކަމުން ފުރިގެންވާ ދުވަހު ބިރުން ތުރުތުރު އަޅާ ހުންނަން ޖެހޭނެ ހާލަތުން ސަލާމަތް ވެވޭނީ އަނިޔާކުރުމުން ދުރުހެލިވެގެންނެވެ. އޯގާތެރިކަން އިސްކޮށްގެންނެވެ. ތިމާގެ ވާޖިބުތައް އަދާކޮށްގެންނެވެ. ދުނިޔެމަތީގައި ތިމާ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ރައްކާތެެރިކަން ފޯރުކޮށްދީގެންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކުޑަކުޑަ ސުއިތްޕަކަށްވެސް އަނިޔާނުވުމަށް އެދޭ މި އިސްލާމްދީނުގައި، ތިބާގެ އަނބިންނާއި ދަރިންނަށް އަނިޔާކުރުން އެއީ ކިހާބޮޑު ފާފައަކަށް ވާނެ ހެއްޔެވެ؟ މިކަންކަން މިހެން ހުރިކަން ގަބޫލުކޮށް ވިސްނާނަމަ އެއްވެސް މީހަކު އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. އަނިޔާ އަކީ ހަމައެކަނި ގައިގާ ޖެހުމެއް ނޫނެވެ. ބާރަށް ހަޅޭ ލެވުމެއްވެސް ނޫނެވެ. ހަރަދު ނުކުރުމާއި އަޅާނުލުމާއި ލޯބިނުދިނުމަކީވެސް އަނިޔާއެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން