ނޭނގި ތިބެ، ނުބައި ކަންތައްކޮށް، އެއަށްފަހު، އެކަމާ ވިދިގެން އަވަހަށް ތަޢުބާވެ އުޅޭ މީހުންގެ ތަޢުބާ ގަބޫލުކުރެއްވުން މާތް ﷲ ވަނީ، އެކަލާނގެ ފަޟުލް ވަންތަކަމުން، އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް ލާޒިމު ކުރައްވާފައެވެ. އެކަލާނގެ ވަހީ ބަސްފުޅުގައިވެއެވެ. إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَـٰلَةٍۢ ثُمَّ يَتُوبُونَ مِن قَرِيبٍۢ فَأُو۟لَـٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا (އައްނިސާ: 17) މާނައީ: ތަޢުބާ ލެއްވުން ﷲ ގެ ހަޟްރަތުން އޮތްކަން ކަށަވަރީ، ނޭނގި ތިބުމާއެކު ނުބައި ކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތަޢުބާވެ އުޅޭ މީހުންނަށެވެ. ފަހެ، ﷲ، އެއުރެންގެ މައްޗަށް ތަޢުބާ ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ހަކީމުވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." ނަމަވެސް މިއާ ހިލާފަށް ނުބައި އަމަލުތައްކޮށް، އެކަމުގައި ދެމިތިބެ، ތަޢުބާވުމާއި، މާތްﷲ އަށް ރުޖޫޢަވުން، އުމުރުގެ ފަހުކޮޅަށް ބާއްވާ މީހުންނަކީ، ދިމާވާގޮތަކުން، މާތްﷲ ގެ ރަހުމަތާއި ފާފަ ފުއްސެވުން ނުލިބޭނެ ބައެކެވެ. އެބައިމީހުން އެގޮތަށް ކަންތައްކުރަނީ، މާތްﷲ އަކީ އޯގާވަންތަ ޢަފޫ ކުރައްވާ ކަލާނގެ ކަމަށްވާތީ އެންމެފަހު ވަގުތުގައި، ތަޢުބާ ވިޔަސް އެކަލާނގެ އެކަން ގަބޫލުކުރައްވާނެކަމަށް ދެކޭތީއެވެ. މާތްﷲ އަކީ، ޢަފޫ ކުރައްވާ ކަލެއް ކަމަށް ގަބޫލުކުރާނަމަ، ޙަޤީޤަތުގައި އެކަން ލިބިގަތުން ފަސްކުރުމުގެ ބަދަލުގައި ޖެހޭނީ އަވަހަށް އެހޯދާށެވެ. އެހެނީ، އުމުރުގައި ބާކީއޮތީ ކިހާވަރެއްކަން އެކަކަށްވެސް ނޭނގޭތީއެވެ. މާދަމާ ވެސް މަރުއައިސް ޖެހިދާނެތީއެވެ. އެހާރުން މާތްﷲ އާ ބައްދަލުކުރަން ޖެހޭނީ ފާފަވެރިންގެ ގޮތުގައި ތިބެއެވެ. ނުވަތަ ތަޢުބާ ވުމަށް ލިބޭނީ ތަޢުބާ ގަބޫލުނުކުރައްވާނެ ކުޑަ ވަގުތުކޮޅެކެވެ. އެއީ އެއަށްވުރެ ގިނަވަގުތު ލިބުނުއިރުވެސް އެވަގުތުގެ ބޭނުންނުހިފީމައެވެ. އެފަދަ މީހުންނަށް މާތްﷲ ވަހީކުރައްވަނީ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ (ފާތިރް: 37) މާނައީ: "ހަނދުމަކުރާނެ މީހަކު އެ ދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ އުމުރު ނުދަންމަވަންހެއްޔެވެ؟ އަދި އިންޒާރު ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ." މިފަދައިންނެވެ. ވީމާ، މިވަގުތުގެ ބޭނުން ނުހިފައިފިނަމަ ދެން ނަތީޖާއަކަށް ވާނީ މާތްﷲ ގެ ވަހީ ބަސްފުޅުގައިވާގޮތެވެ. وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٔـٰنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُو۟لَـٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًۭا (އައްނިސާ: 18) މާނައީ: "އަދި، ނުބައި ކަންތައް ކޮށްކޮށް ތިއްބާ އެއިން މީހެއްގެ ގާތަށް މަރުއައިސް ހާޟިރު ވެއްޖެނަމަ، އެހިނދު ތިމަން މިހާރު ތަޢުބާ ވެއްޖައީމޭ ބުނާ މީހުންނާއި، ކާފަރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތަޢުބާ ލެއްވުމެއް ނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި އަޒާބު ތިމަން ރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ."
ވީމާ، ބުއްދިވެރިންގެ ގޮތަކީ، ކުށެއް ކުރެވުމާއެކު، ވަގުތުން އެކުށަށް ތަޢުބާ ވުމެވެ. ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ މާތްﷲ ގެ ތެދުމަގު ހަނދުމަ ކުރުމެވެ. ފާފައެއް ކުރެވޭ ހިނދު، ނުވަތަ އަމިއްލަ ނަފުސަށް އަނިޔާއެއް ވެވޭ ހިނދު، ފާފަތަކަށް އިސްތިޢްފާރުކޮށް އުޅުމެވެ. އަދި ކުޅަ ކުށުގެ މަތީގައި ދެމިނުތިބުމެވެ. ތަޤުވާވެރިންނަކީ މިފަދަ މީހުންނެވެ.
(ތަޢުބާވުން ފަސްކުރުމަކީ ބުއްދިވެރިންގެ ގޮތެއް ނޫނެވެ.- ސައުދުﷲ އަލީ؛ ދީނުގެ މަގު، އަހަރު 21، އަދަދު 1، ޞ.3 – 26 ޖަނަވަރީ 2007)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން