އަޟްޙާ ޢީދު ދުވަހުގެ ޙިކުމަތްތައް ކުރުގޮތަކަށް ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ!
﴿32﴾ ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ.
މާނައީ: "(ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ شعائر ތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حج ގެ عمل ތަކާއި، އެނޫންވެސް دينى أمر ތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوى ވެރިކަމުގެ ތެރެއިންނެވެ." (އަލް ޙައްޖު 32 ވަނަ އާޔަތް).
މި އާޔަތުން އެނގޭ ގޮތުގައި ޢީދަކީ، ދީނީ ޝިޢާރުތައް (އެބަހީ: އަޅުކަމުގެގޮތުގައި ކުރެވޭ ކަންތައްތައް) ފާޅުކޮށް މަތިވެތިކުރުމުގެ ފުރުސަތު ގެނެސްދޭ ކަމެކެވެ. މިސްކިތްތަކާއި މައިދާންތަކަށް މީސްތަކުން އެއްވެ ޢީދު ނަމާދުކޮށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދިރުވައި ﷲ ގެ އަމުރުފުޅު ތަންފީޒުކުރަން ޖެހޭނެ ދުވަހެކެވެ. އުޟުޙިޔާ ކަތިލައި، ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކޮށް، އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓަން ޖެހޭނެ ދުވަހެކެވެ. މިފަދަ ޝިޢާރުތަކަށް މާތްކޮށް ހިތުމީ ހިތްތަކުގެ ތަޤުވާ ކަމުގައި ﷲ އަންގަވާފައިވާކަން ވެސް މިއާޔަތުން އެނގެއެވެ.
"ޢީދަކީ މުސްލިމުންގެ ކިބައިގައި އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ޝުޢޫރުތައް އުފައްދައިދޭ ޚާއްޞަ މުނާސަބަތެކެވެ. ރީތި ފޭރާމާއި މީރުވަސްދުވާ ހުވަނދުން ޒީނަތްތެރިވެ ހިނިތުންވުމާއެކު މީހުންނާ ބައްދަލުކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. އެކަކު އަނެކަކަށް ޒިޔާރަތްކުރުމާއި ހަދިޔާ ދިނުމާއި ހާލުއަހުވާލު ބަލައިލައި އެކުގައި ވަގުތު ހޭދަކޮށް ވާހަކަ ދައްކައިލައި، ކައިބޮއެ ހެދުމުގެ ސަބަބުން އެ ގެނެސްދޭ އުފާވެރިކަން ކިތަންމެހާވެސް ބޮޑެވެ.
ހިތްތަކުގައިވާ ކިލަނބުކަން ފިލުވައިލައި، ކެނޑިފައިވާ ގުޅުންތައް އަލުން ގުޅުވައި ގާތްތިމާގެ ކަމާއި ރަޙުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށްލުމަށް ލިބޭ އެންމެ ރަނގަޅު ފުރުޞަތަކީ ޢީދެވެ. ރަޙިމު ގުޅުން ކަނޑައިލުމަކީ ޙަރާމްކަމެއްނަމަވެސް، ދުނިޔޭގެ ވަގުތީ އެދުންތަކާއި ހަވާނަފްސާއި ޝައިޠާނާގެ ގޮވުންތަކުގެ ސަބަބުން، އެ މަތިވެރި ގުޅުން ކަނޑައި ރުޅިއަށް އުޅޭ އަޚުންނާއި އުޚުތުން ގިނައެވެ. ޢީދަކީ ޒިޔާރަތްކުރުމާއި ތަހުނިޔާ ކިޔުމާއި ހަދިޔާ ބަދަލުކުރުންވެސް އޮންނަ މުނާސަބަތަކަށްވާތީ، ރަޙިމުގެ ގުޅުން ކަނޑައި ރުޅިވެފައިވާ ބަޔަކު ތިބިނަމަ އެކަން އިޞްލާޙުކޮށްލުމަށް މިއަށްވުރެ ވަކީން މުނާސަބު ވަގުތެއް ނުލިބޭނެއެވެ.
ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި އުޅޭ އެންމެހައި މުސްލިމުން، އެއްކަމެއްގައި - ޢީދު ނަމާދާއި އުޟުޙިޔާ ކަތިލުމާއި ޢީދުގެ އުފާ ފާޅުކުރާ މަންޒަރުން، މުސްލިމުންގެ ހައިބަތާއި ޤަދަރު ދައްކުވައިދެއެވެ. އެބައިމީހުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައެއްވަންތަކަން ރަމްޒުކޮށްދެއެވެ. ކޮންމެ ތަނެއްގައި ދިރިއުޅުނުނަމަވެސް މުސްލިމުންނަކީ އެއްބައެއްކަމާއި، ﷲ އަށް ކިޔަމަންތެރިވުމާއި އެކަލާނގެ ނިޢުމަތްތައް ބޭނުންކުރުމުގައި އެބައިމީހުން ތަފާތުނުވާނޭކަން ދައްކުވައިދެއެވެ.
ޢީދަކީ ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށްޓަކައި ލިބޭ ފުރުސަތެއްވެސްމެއެވެ. ރަމަޟާން މަހުގެ ރޯދައާއި ލައިލަތުލްޤަދުރިއާއި ޙައްޖާއި، ބަރަކާތްތެރިވެގެންވާ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ހެޔޮކަމާއި އަދި ޢަރަފާތް ދުވަހުގެ މަތިވެރިވެގެންވާ ރޯދަ ހިފުންފަދަ ފުރުޞަތުތައް ފަހިކޮށްދެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރު އަދާކުރުމެވެ. އަޅުކަންތައް ކުރުމުގެ ތައުފީޤު ދެއްވުމުގެ އިތުރުން، އެކަލާނގެ ދެއްވަވާފައިވާ ޢަދަދުނުކުރެވޭހައި ގިނަ ނިޢުމަތްތަކަށްޓަކައި އެކަލާނގެއަށް ޝުކުރު އަދާކުރުމެވެ."
ބަޔާންކުރިފަދަ ގިނަ ޙިކުމަތްތަކާއެކު ﷲ ޝަރަޢަކުރައްވާފައިވާ ޢީދު ފާހަގަކުރުމުގައި، އެކަލާނގެއަށް އުރެދޭފަދަ އެއްވެސް ޢަމަލެއްކޮށްގެންނުވާނެއެވެ. އެގޮތުން، ދެޖިންސުގެ ހިލޭ މީހުން މަސްހުނިވެ، ހިތްތަކަށް ފާހިޝް ހިޔާލުތަކާ ޝައިޠާނީ ވަސްވާސްތައް އަންނަފަދަ ގޮތަކަށް އުފާވެރިކަން ހޯދައިގެން ނުވާނެއެވެ. ފެނާއި ކުލަ ޖަހައި، ހަށިގަނޑުގެ ވަނާތައް ފާޅުވާފަދަ ހެދުންތަކުގައި އުޅިގެން ނުވާނެއެވެ. ހަޑިހުތުރު، އަދި ފާހިޝް އިބާރާތްތައް ބޭނުން ކޮށްގެން ހަދާފައިވާ ލަވަތައް ކިޔައި ހަޑި މުޑުދާރުހާ ވައްތަރުތައް ޖައްސާ ނަށައި ނާޗަރަންގީ ކުޅުމަކީ އިސްލާމީ ހަމައިން ބަލާއިރު ހުއްދަކަމެއްނޫނެވެ. މިހުންނަނީ ޢީދު ޝަރުޢު ވުމާއު ޢީދުގެ މުޅި މަޤުޞަދާއި ހިލާފު ކަންކަމެވެ. އުފާ ކުރުން ހުއްޓެވެ! ހިތްހަމަޖެހުން ލިބިގަތުންވެސް ހުއްޓެވެ! ހީލާ ސަމާސާކޮށްލުން ވެސް ހުއްޓެވެ! ކުޅިވަރުކޮށް ވާދަވެރިކަމާއި އެކު ފޯރި ނެގުންވެސް ހުއްޓެވެ! އެކުވެ އެކުވެރިވުންވެސް ހުއްޓެވެ! ނަމަވެސް މި ހުރިހާކަމެއްވެސް ކުރުން އޮތީ އަޅުކަންތަކަށް ބުރޫ ނަރާނެހެންނެވެ. ފާހިޝް ކަންކަމާއި މުންކަރާތްތަކަށް މަގުފަހި ނުވާނެ ގޮތްގޮތަށެވެ.
"ވީމާ ޢީދާ ކުރިމަތިލާއިރު، ޢީދުގެ ޙިކުމަތްތަކާމެދު ފުންކޮށް ވިސްނައިލަމާ ހިނގާށެވެ. އެ ޙިކުމަތްތަކާ ފުށުއަރާ ޢަމަލެއް ކުރެވޭނަމަ އެކަމެއް އިޞްލާޙުކޮށްލަންވާނެއެވެ. ޢީދަށްޓަކައި ދުރާލައި ކިތަންމެ ބޮޑު ތައްޔާރީއެއްވެގެން ތިއްބެއް ކަމަކު، މުންކަރާތެއް ހިމެނޭ ކުޅިވަރެއް އިންތިޒާމުކޮށްފައިވާނަމަ އަވަހަށް އެކަމެއް ހުއްޓައިލާ ތައުބާވާށެވެ. ޢީދަކީ، ﷲ ޝަރަޢަކުރައްވާފައިވާ ދުވަހެއްކަމުން، އެދުވަސް އިޙްތިފާލުކުރަންޖެހޭނީ އެ އިލާހުގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށެވެ."
ހަވާލާ: އަލްއުސްތާޛު އަޙްމަދު ޝާޒް (2023). ސަން.އެމްވީ
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން