ޢަފޫ ކުރުން ނުވަތަ މަޢާފް ކުރުމީ މާތްކަމާއި ދީލަތިކަމުގެ ތެރެއިންވާ ސިފައެކެވެ. އެއީ އިސްލާމްދީން ބާރުއަޅާ އަޚްލާޤު ރިވެތި ސިފަތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ބާރު ލިބިފައިވާ ހާލަތުގައި އަމިއްލަ އިހްތިޔާރުން އިހްސާންތެރި ކަމާއެކު، ކުރާކަމެކެވެ. އެ ނޫން ގޮތެއްގައި، އެނަމުގައި ކުރާ ކަމަކަށް ޢަފޫ ކުރުމެކޭ ނުކިއޭނެއެވެ. މުޢުމިނުންގެ ބައެއް ސިފަ ބަޔާންކުރެއްވުމުގައި ﷲ ވަހީކުރެއްވިއެވެ. وَٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ (އައްޝޫރާ: 37) މާނައީ: "އަދި އެއުރެންނީ ބޮޑެތި ފާފަތަކާއި، ފާހިޝް ކަންތައްތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެ ހިނދެއްގައި މާފުކުރާ ބަޔެކެވެ." އަދި މުޢުމިނުންގެ ސިފަ ބަޔާންކުރައްވައި އެކަމަށް އިރްޝާދު ދެއްވުމުގެ ގޮތުން އެކަލާނގެ ވަހީ ކުރެއްވިއެވެ. ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ (އާލްއިމްރާން: 134) މާނައީ: "އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ހާލުގައި، (މުދާ) ހޭދަކޮށް އުޅޭ މީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިހްސާންތެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ."
ކީރިތި ރަސޫލާ އަށް މުޙާތަބް ކުރައްވައި، ސޫރަތުއް އާލްއިމްރާންގެ 109 ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ!" މިކަން މިހެން ހުރުމާއެކު، އެކަލޭގެފާނުގެ މާތް ޚުލްޤުފުޅުގައި ވަނީ ޢަފޫ ކުރެއްވުމާއި ތަހައްމަލު ކުރެއްވުމާއި އިހުސާންތެރިވެ ވަޑައިގަތުމުގެ ސިފަފުޅެވެ. އަދި އިސްލާމީ އުއްމަތަށް އެކަލޭގެފާނު އިރްޝާދު ދެއްވަނީ ޢަފޫ ކޮށް ރުޅިމަޑު ކުރުމުގެ ގޮތް އިސްކޮށް، މީސްތަކުންނާމެދު ރިވެތި ޚުލްޤުން އަޚްލާޤު ބެހެއްޓުމަށެވެ. އަދި އެކަލޭގެފާނުގެ ދީލަތި ވެގެންވާ ޢަފޫ ކުރެއްވުމުގެ މިސާލުތައް ގިނަގުނައެވެ. ހާއްސަކޮށް މައްކާ ފަތަހަ ކުރެއްވިދުވަހު އިޢްލާން ކުރެއްވި ޢަފޫއާމް އެކަނި ވެސް ދަލީލަކަށް ފުދެއެވެ. އެދުވަހު އެއްވެފައިވާ މީސްތަކުންނަށް އެކަލޭގެފާނު އެންގެވީދާށޭއެވެ. ތިޔަބައިމީހުން ތިޔަތިބީ މިނިވަންކަމާއެކު އުޅުމަށް ދޫކޮށްލައްވާފައެވެ. މިފަދަ އެހެން މިސާލެއް ޔޫސުފް ޢަލައެހިއްސަލާމްގެ ފަރާތްޕުޅުން ފެނިގެންދެއެވެ. އެއީ އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާމެދު ކުރި ކަންތަކުން ސަލާމަތްވެ ވަޑައިގެން އެކަލޭގެފާނަށް އާރާއިބާރު ލިބިވަޑައިގަތުމަށްފަހު އެމީހުންނަށް މަޢާފް ދެއްވުމެވެ. މިގޮތުން ސޫރަތުއްޔޫސުފް 92 ވަނަ އާޔަތުގައި އެކަލޭގެފާނުގެ ދޫފުޅު މައްޗަށް ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަ ފުއްސަވާށިއެވެ!" އަދި އެކަލޭގެފާނާމެދު އެ އަޚުން ކުޅަ ނުބައި އަމަލާމެދުވެސް އެކަލޭގެފާނު ބަދު ބަސްފުޅެއް ވިދާޅެއްނުވެއެވެ. އަދި ކީއްތޯއެވެ؟ އެ އަމަލު އެކަލޭގެފާނު ނިސްބަތްކުރެއްވީ ޝައިޠާނާއާ އަށެވެ. އަދި މި ދަނޑިވަޅުގައި ވެސް އެކަލޭގެފާނު ހަނދުމަފުޅުކުރެއްވީ އެކަލޭގެފާނުގެ މައްޗަށް އޮތް ﷲ ގެ އިހުސާންތެރިވެ ވޮޑިގަތުމެވެ. ސޫރަތުއް ޔޫސުފްގެ 100 ވަނަ އާޔަތުން މިކަން އެނގެއެވެ. ވީމާ، މިފަދަ ފިލާވަޅުތަކުން އިބްރަތް ލިބިގަތުން ހުއްޓެވެ.
(ޢަފޫ ކުރުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރެއިންވާ ކަމެކެވެ.- ހުސެއިން އަބްދުއްރަހުމާން؛ ދީނުގެ މަގު، އަހަރު 21، އަދަދު 7، ޞ.2 – 09 މާރިޗް 2007)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން