މީހަކު އޭނާގެ އަމިއްލަ ނަފްސާމެދު ވިސްނުން ހިންގާލައިފިނަމަ، ހެއްދެވި ފަރާތެއްވާކަން އޭނާއަށް ގަބޫލުކުރެވޭނެއެވެ. އެއީ ޚާލިޤުވަންތަ ﷲ އެވެ. ދުނިޔޭގައި އެކަލާނގެ ލައްވާފައިވާހާ މަޚްލޫޤެއް އެކަލާނގެއަށް ތަސްބީހަ ކިޔައެވެ. އެކަމަކު، އިންސާނުންގެ ތެރެއިން ގިނަބަޔަކު ވަނީ އެކަމަށް އިންކާރުކޮށް ނުކިޔަމަންތެރި ވެފައެވެ. ކުރަންވީ ކަންތައްތަކަކާއި ނުކޮށްދޫކޮށްލަންވީ ކަންތައްތަކެއް އަންގަވާފައިވާކަމަކަށް އެބައިމީހުން ގަބޫލެއްނުކުރެއެވެ. ހެއްދެވި ފަރާތެއްވާކަން ގަބޫލުކުރުމަށްވެސް އެބައިމީހުންދަނީ އިންކާރުކުރަމުންނެވެ. ދިރިއުޅުމުގެ މަޤްޞަދަކީ، ދުނިޔޭގެ އުފާކަމުގައި މި މީހުންވަނީ ބަލާފައެވެ. އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުންނަކީ އެއީކަމުގައި އަންގަވާފައިވެއެވެ. އެފަދަ މީހުން ދުނިޔެ ދޫކޮށްދާއިރު، އެބައިމީހުންނާމެދު އަމަލުކުރެވޭނޭގޮތް ބަޔާންކުރައްވައި ކީރިތި ޤުރުއާންގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގައިވަނީ މިފަދައިންނެވެ.  {ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ ۖ فَأَلْقَوُا۟ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوٓءٍۭ ۚ بَلَىٰٓ إِنَّ ٱللَّهَ عَلِيمٌۢ بِمَا كُنتُمْ تَعْمَلُونَ ٢٨  فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ} (އައްނަހްލު: 28،29) މާނައީ: "(އެއީ) އެއުރެންގެ ނަފްސުތަކަށް އަނިޔާކުރާ ހާލު، މަލާއިކަތުން އެއުރެން މަރުގަންނަވާ މީހުންނެވެ. ފަހެ، އެއުރެން މަލާއިކަތުންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ.) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެތާނގައި ދެމިތިބެނިވި ގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ، (އެއީ) ކިބުރުވެރިވެގެންވާ މީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ!"

އެބައިމީހުންގެ ވެރިރަސްކަލާނގެއަކީ، ﷲ ކަންދަނެ، ތަޤުވާވެރިވެ، ހެޔޮ އަމަލުތައްކޮށް އުޅުނުމީޙުން ދުނިޔެ ދޫކޮށްދާއިރު، އެބައިމީހުންނަށް ހުރި އުފާވެރިކަމުގެ ހަބަރު ބަޔާންކުރައްވައި ކީރިތި ޤުރުއާންގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގައިވަނީ މިފަދައިންނެވެ. {ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَـٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ} (އައްނަހްލު: 32) މާނައީ: "އެއުރެންނީ، ކުށްފާފަތަކުން ޠާހިރުވެގެންވާ ހާލު، މަލާއިކަތުން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެހިނދު) އެ މަލާއިކަތުން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!"

އާދެ! މިއީ، އަޅުގަނޑުމެންގެ ވެރިރަސްކަލާނގެ އަންގަވާފައިވާ އެންގެވުމެކެވެ. މިފަދަ އެންގެވުންތަކާމެދު ސަމާލުކަން ނުދީ ފަރުވާކުޑަކޮށްލައިފިނަމަ، އެކަމުގެ ހިތިނަތީޖާ ލިބޭނީ ހަމަ އެ ފަރުވާކުޑަކުރި މީހަކަށެވެ. އުޅެންވީގޮތާއި، ނޫޅެންވީގޮތް ބަޔާންކުރައްވައި، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނާ ހަމައަށް ފޮނުއްވާފައިވަނީ، ގާތްތިމާގެ މީހުންނާއި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ސަލާމަތްކުރުމަށްޓަކައެވެ. އެއީ ލިބިފައިވާ ބޮޑު ނިޢުމަތެކެވެ. އެ ނިޢުމަތް ޝުކުރުވެރިކަމާއެކު ބަލައިގަތުމަކީ ވާޖިބު ކަމެކެވެ.

 

(އިސްލާމްދީނަކީ ސަލާމަތާއި ރައްކާތެރިކަމުގެ މަގެވެ. - ޝުއައިބް ޔޫސުފް -  ދީނުގެ މަގު، އަހަރު 21، އަދަދު 9، ޞ.2 – 23 މާރިޗް 2007)