މަސްތުވާތަކެއްޗަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ވަރަށް ނުރައްކާތެރި ވަބާއެކެވެ. ދުނިޔޭގެ ނިސްބަތުން ވަރަށް ގިނަބަޔަކު ވަނީ އޭގެ ނުރައްކާތެރިކަމުގައިޖެހިފައެވެ. މިވަބާއިން ސަލާމަތްވޭތޯއާއި، ދާއިމީ ރަނގަޅު ހައްލެއް ހޯދޭތޯ ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް ދަނީ އިންތިހާއަށް މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް ޤާނޫނީގޮތުން ދެމުންގެންދާ އަދަބު ބޮޑުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
ހަގީގަތުގައި މިކަހަލަ ކަންކަމުގައި އޮތް އެންމެ ރަނގަޅު ދާއިމީ ހައްލަކީ އޭގެ ނުރައްކަލުގައި ނުޖެހި އުޅުމެވެ. ރައްކާތެރިވެގެން އުޅުމަކީ ދިފާއުގެ މޮޅު ހަތިޔާރުކަން އަބަދުވެސް އަޅުގަނޑުމެންގެ ޝިއާރަކަށް ހެދުމެވެ. ސަބަބަކީ މަސްތުވާތަކެތީގެ ދަލުގައި ޖެހިއްޖެ މީހަކަށް އެއިން ސަލާމަތްވުމަކީ ވަރަށް ދަތި އުނދަގޫކަމަކަށް ވެފައިވާތީއެވެ.
ރައްކާތެރިވެގެން އުޅުމުގެ ގޮތުން ކުރުމަށް އޮތް އެންމެ ރަނގަޅު ކަމަކީ ތިމާގެ އަޤީދާ ހަރުދަނާ ކުރުމެވެ. ތިމާގެ އީމާންތެރިކަން ވަރުގަދަ ކުރުމެވެ. އެހެނީ މާތްﷲ އާމެދު ތިމާގެ ހިތުގައި އޮންނަންޖެހޭ ހަގީގީ ޔަގީންކަމާއި އިތުބާރު އެންމެ ފުރިހަމަ ގޮތުގައި އާރާސްތު ކުރެވިއްޖެނަމަ މަސްތުވާތަކެތިން ސަލާމަތްވުމަކީ ﷲ އިރާދަކުރެއްވިއްޔާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ސަބަބަކީ އީމާންކަމަކީ، މާތްﷲ ގެ ހުރިހާ އަމުރުފުޅުތަކަށް އޭނާ އަށް ވީވަރަކުން ވީހާ ރަނގަޅަކަށް އޭނާ ލައްވާ އަދާކުރުވާނެ ކަމަކަށްވާތީ އެވެ. އަދި އެކަލާނގެ މަނާކުރެއްވި ހުރިހާ ކަމަކުން އޭނާ މުޅިން ދުރުހެލި ކުރުވާނެ ކަމަކަށްވެސް އެކަން ވާތީއެވެ.
މާތްﷲ ކަނޑައެޅިގެން ވަކިގޮތަކަށް ކަމެއް ކުރުމަށް އަމުރު ކުރައްވައިފިނަމަ އެ އަމުރުފުޅަކަށް ކިޔަމަންތެރިކަން އަދާކުރަންވާނީ ސުވާލަކާވެސް ނުލައެވެ. އަދި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވާން ވާނީވެސް ހަމަ އެފަދައިންނެވެ. އެހެންކަމަށްވާނަމަ މަސްތުވާތަކެއްޗަކީ ﷲ ސުބުހާނަހޫ ވަޠައާލާ ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ އެއްޗަކަށްވާއިރު އެއާމެދު އަމަލު ކުރަންޖެހޭނެ ގޮތަކީ، ހަމައެކަކުވެސް އެއާ ކައިރިވެސް ނުވުމެވެ. އެއީ ﷲ ސުބުހާނަހޫ ވަޠައާލާ މަނާކުރައްވާފައިވާ ކަމަކަށް ވާތީ އެވެ.
އީމާންކަމާއި ހަރުދަނާ އަޤީދާ އަކީ ތިމާގެ ޖާނާ މާލުން އެކަލާނގެއަށް ޤުރުބާން ކުރުވާ އެއްޗެކެވެ. ބަދުރު ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަޝްވަރާގައި މިޤްދާދު އާއި ސައުދު ބްނު މުއާޒްއާ ދެބޭކަލުންގެ ބަސްފުޅުގައި މާތްﷲ އަށްޓަކައި، އެކަލާނގެ ދީނާއި އެކަލާނގެ ރަސޫލާއަށްޓަކައި، އެބޭކަލުންގެ ޖާނާއި މާލުން ފިދާވެވަޑައިގަންނަވަން ތައްޔާރަށް ތިއްބެވިކަމުގެ ހަގީގީ ސިއްރަކީ މި އީމާންތެރިކަމާއި މިހަރުދަނާ އަޤީދާ ނޫން ދެވަނަ ކޮން އެއްޗެއްތޯއެވެ! ބަނގުރާ ހަރާމް ކުރެއްވުނު ކީރިތި ޤުރުއާންގެ އާޔަތް ބާވައިލެއްވުމުގެ ކުރިން ރާބުއިމަކީ އަރަބީންގެ ތެރޭގައި އާންމުވެފައިވާ ކަމެކެވެ. އެހެންނަމަވެސް، މާތްﷲ މުސްލިމުންނަށް ރާބުއިން ހަރާމްކުރެއްވި ވަގުތު އެމީހުންގެ އަތުގައި ހުރި ރާ މަގުމައްޗަށް އުކާލެއްވުމުގެ ޖާދުވީ ބާރަކީ މި އީމާންކަމާއި މި ހަރުދަނާ އަޤީދާ ނޫން ދެވަނަ ކޮންއެއްޗެއްތޯއެވެ!
("މަސްތުވާތަކެތިން ސަލާމަތްވުން"، - އަލްމަރުހޫމް އަފްރާޝީމް އަލީ، ދީނުގެމަގު އަހަރު 22، އަދަދު 15، ޞަފްހާ 3، 02 މެއި 2008)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން