މާތް ﷲ ހައްދަވާފައިވާ ކޮންމެ އެއްޗަކީ އެއްމެ ފުރިހަމައަށް ހައްދަވާފައިވާ އެއްޗެކެވެ. އެކަލާންގެ މި ދުނިޔޭގައި ތަރުތީބު ކުރެއްވި ކޮންމެ ކަމަކާއި ކޮންމެ ނިޒާމެއްވެސް ވަނީ އޭގެ އެއްމެ ފުރިހަމަ ގޮތުގައި ފުރިހަމަވެފައެވެ. ޤުދުރަތުން ހިނގާ އެއްވެސް ނިޒާމެއްގައި، ޤުދުރަތުގެ އެއްވެސް އުފެއްދުމުގައި އެއްވެސް އުނިކަމެއް އައިބެއް ނުވާނެތެވެ. 

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.

﴿3﴾ الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ . 

މާނައީ: "އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمن ވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، تكرار ކޮށް نظر ހިންގައި ބަލާށެވެ! އެއްވެސްކަހަލަ އައިބު ކަމެއް ތިބާޔަށް ފެނޭހެއްޔެވެ؟" (އަލް މުލްކު 3 ވަނަ އާޔަތް).

﴿4﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ .

މާނައީ: "ދެންވެސް تكرار ކޮށް ދެފަހަރަށް نظر ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ حال ގައި (ތިބާގެ) نظر އެނބުރި ތިބާގެގާތަށް އަންނަހުށްޓެވެ." (އަލް މުލްކު 4 ވަނަ އާޔަތް).

މާތް ﷲ މި ވަނީ އެކަލާންގެ އުފެއްދެވި ތަކެއްޗަށް އިންސާނާ ބަލާ، އެތަކެއްޗާއި މެދު ވިސްނުމަށް ތަކުރާރުކޮށް އަންގަވާފައެވެ. އަދި އެ ތަކެއްޗާ ކަންކަމުން އިންސާނުންނަށް އެއްވެސް އައިބު ކަމެއް އަދި އުނިކަމެއްވެސް ނުފެންނާނޭ ކަމަށް މާތް ﷲ މި ވަނީ ވަޙީ ކުރައްވާފައެވެ.

އެކަލާންގެ ނިޢުމަތްތަކާއި އެކަލާންގެ ހެއްދެވި ތަކެއްޗާއި މެދު ވިސްނާ ފިކުރު ކުރުމަށް އަންގަވާ، އަދި އެ އިލާހުގެ ކަލާމްފުޅު ކިޔަވާ އެ ފޮތުގައިވާ ވާހަކަތައް އަޑު އެހުމަށް އިޝާރާތް ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

﴿10﴾ وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ .

މާނައީ: "އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި فكر ކުރާކަމުގައިވީނަމަ، ނަރަކައިގެ أهل ވެރިންގެ ތެރެޔަކު ތިމަންމެން ނުވީހެވެ." (އަލް މުލްކު 10 ވަނަ އާޔަތް).

މިކަންކަމުން އެނގި ޔަގީންވާ ކަމަކީ މާތް ﷲ ގެ ނިޢުމަތްތަކާއި އެކަލާންގެ އުފެއްދެވުމުގެ ފުރިހަމަ ކަމެވެ. އަދި އެއިން ކޮންމެ އުފެއްދެވުމަކީ ޤުދުރަތްތެރިކަމާ އެއްކައުވަންތަ އިލާހެއް ވޮޑިގެންވާ ކަމުގެ ހެއްކެކެވެ. ވީއިރު އެއިން ކޮންމެ ނިޢުމަތަކާއި މެދު ވިސްނާ ފިކުރު ކޮށްފި ކޮންމެ މީހަކަށް އޮތީ އިސްލާމްދީނުގެ އަލިކަމެވެ. އެ އަލިކަމުން ނަރަކައިގެ ނަދިރިކަން ދުރުކޮށްދެއެވެ.

އަޅަމެން އެންމެންނީ ނިޢުމަތްތަކާއި މެދު ވިސްނާ ފިކުރުކުރާ އަދި އެ ކަންކަމުން އީމާންތެރިކަން ވަރުގަދަކުރާ ބަޔަކު ކަމުގައި ލައްވާންދޭވެ! އާމީން!