އިންސާނުން ހައްދަވައި، މިދުނިޔެމަތީގައި ލައްވާފައިވަނީ، ވަކި ހަމަތަކެއްގެމަތިން، އެއުރެންގެ ދިރިއުޅުން އާރާސްތުކުރުމަށެވެ. އެއުރެން ހިތުހުރިހާ ކަމެއް ހިތަށްއެރިގޮތަކަށް ކުރުމަކަށެއްނޫނެވެ. ބުނާބަސްތަކާއި، ލިޔާކިޔުންތަކާއި، ފާޅުކުރާ ޝުޢޫރުތަކާއި، ކުރާ އަމަލުތައް ސީދާކުރަންޖެހެނީ، ދީނުގައި ދައްކަވާފައިވާ އަމާޒުތަކަށެވެ. އެއްވެސް އިންސާނަކަށް، މިދެންނެވި ހަމައިން ދުރުހެލިވެގެން، ތިމާ ހިތަށްއެރިހާ ގޮތަކަށް ބަސްބުނެ ޝުޢޫރުތައް ފާޅުކުރުމުގެ އިޙްތިޔާރެއް ދެއްވާފައެއްނުވެއެވެ. ތިމާ ދައްކާ ވާހަކައާއި، ކުރާ އަމަލުތަކުގެ އިތުރަށް، ތިމާ އަހާ އަޑުތަކާއި، ބަލާބެލުންތަކާއި، ހިތަށްއަރުވާ އެއްޗެހިތަކާއި، މިއިން ކޮންމެ ކަމަކީވެސް، ސުވާލުކުރައްވާނޭ ކަމެކެވެ. އަދި އެކަންކަމަށް އެކަށީގެންވާ ޖަޒާދެއްވާނޭ ކަންކަމެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. ﴿ وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًۭا ﴾ (އަލްއިސްރާ: 36) މާނައީ: "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައިވިއެވެ."

ހިތަށްއެރިހާ ގޮތަކަށް ވާހަކަދައްކައި، އެފަދަ އަމަލުތައް ކުރާ މީހުންނަކީ، ހަވާނަފްސަށް ތަބާވާ މީހުންނެވެ. އެފަދަ މީހުންނަށްވުރެ، ފުރެދުންތެރިކަން ބޮޑު ބަޔަކު ނުވެއެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. ﴿ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًۭى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾ (އަލް ގަޞާޞް: 50) މާނައީ: "އަދި ﷲ ގެ ޙަޟްރަތުން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ."

މުޖުތަމަޢުގައި ދޮގުވާހަކަތައް ފަތުރައި ތިމަންމެންނީ، ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައި ދިނުމަށް މަސައްކަތްކުރާ ބަޔެކޭ ބުނެ އުޅޭ މީހުން، ކޮންމެ ޒަމާނެއްގައިވެސް އުޅެއެވެ. އެފަދަ މީހުންގެ ސިފަތަކާއި، އެއުރެންނީ ފަސާދަކުރާ މީހުންކަން އަލް ބަޤަރާ ސޫރަތުގެ ނުވަވަނަ އާޔަތުން ފެށިގެން 12 ވަނަ އާޔަތުގެ ނިޔަލަށް ބަޔާންކުރައްވާފައިވެއެވެ. އެ އާޔަތްތަކުގެ މާނައިގައިވެއެވެ. "(އެއުރެން ހީކުރާގޮތުގައި) ﷲ އަށާއި އީމާން ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީ އެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފްސުތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ. އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، ﷲ، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި އަޛާބު ހުއްޓެވެ. އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި، ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ އިސްލާހު ކުރަން އުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ."

ވީމާ، ފަސާދަކުރާ ދެފުށްދެގޮތްމީހުން ކޮންމެ ޒަމާނެއްގައިވެސް އުޅޭނެ އެވެ. މާތްﷲ އެއުރެންގެ ނުބައި ރޭވުންތަކުން، މުއުމިނުން ސަލާމަތް ކުރައްވާނެއެވެ.

 

("ފަސާދަކުރާ މީހުންނަކީ، ކޮންމެ ޒަމާނެއްގައިވެސް އުޅޭބަޔެކެވެ." - މުޙައްމަދު ރަޝީދު އިބްރާހިމް، ދީނުގެމަގު އަހަރު 20، އަދަދު 3، ޞަފްހާ 4، 10 ފެބުރުއަރީ 2006)