އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަށާއި، އަދި ތަނަވަސްކަމުގައި ދިރިއުޅުމަށް ބޭނުންވާ އެއްކަމަކީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދުމެވެ. މިއީ ނަފްސާނީ އިލްމުވެރިން ދެކޭގޮތް ކަމުގައި ގިނަ މުފައްކިރުން އެއްބަސްވެއެވެ.

ތިމާގެ ހިތުގައި މި ދެންނެވިފަދަ ޝުޢޫރެއް ނުވާނަމަ، ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދުމަކަށް، ނުވަތަ އެކިއެކި ނުރައްކާތެރި ކަންތައްތަކުން މިންޖުވުމަކަށް އެކަކުވެސް މަސައްކަތެއް ނުކުރާނެއެވެ.

މިއީ، ހަޤީޤަތެއް ކަމަށްވިޔަސް، އެކަމުގައި ބަލަންޖެހޭ ވަކި އިންތަކެއް ހުންނަންޖެހޭނެއެވެ. ނެތްނަމަ، ތިމާއަކީ، ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި މަސައްކަތްކުރާ މީހަކު ކަމުގައި ވެގެން ހިނގައިދާނެއެވެ. މިގޮތުން، ތިމާއަކީ، އެހެން މީހުންގެ މަސްލަހަތަށް ނުބަލައި، ހަމައެކަނި ތިމާގެ މަސްލަހަތަށް ބަލާ މީހަކު ކަމުގައި ވެއްޖެނަމަ، ޖަމާޢަތުގެ ތެރޭގައި އެއްވެސް ހަމައެއްނެތް ވާދަވެރިކަން އުފެދި، އެކިއެކި ހަމަނުޖެހުންތައް އުފެދޭގޮތް ވެދާނެއެވެ. އެހެންކަމުން، މިފަދަ ގޮތްތައް މެދުވެރިވިޔަނުދިނުމަށް ވަރަށް ހަރުދަނާ އުސޫލުތަކެއް އިސްލާމްދީނުގައި ވަނީ، ކަނޑައަޅުއްވާފައެވެ.

ތިމާގެ އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުމަށް އިސްލާމް ދީނުގައި ވަނީ އިރުޝާދު ދެއްވާފައެވެ. އާހިރަތަށްޓަކައި މަސައްކަތް ކުރުމުގައި ވެސް، ތިމާއަށް ދުނިޔެއިން ލިބެން އޮތްބައި ހަނދާން ނައްތާނުލުމަށް ވަނީ އަންގަވާފައެވެ. މިކަން އެހެން އޮތް ނަމަވެސް، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، ތިމާގެ އަޚުންނަށާއި އުޚްތުންނަށް ހެޔޮއެދުމަށްވެސް ވަނީ، ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

ތިމާގެ އަޚުންނާއި އުޚްތުންނަށް ހެޔޮއެދުމުގެ މުހިންމުކަމާ ބެހޭގޮތުން ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ކުރެ އެކަކުވެސް، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ބީދައިން، ތިމާގެ އަޚާ އަށް ހެޔޮއެދިއްޖައުމަށް ދާންދެން، އީމާނެއް ނުވެއެވެ." މިފަދަ މަތިވެރި ނަބަވީ އިރުޝާދުތަކުން އަގުހުރި ފިލާވަޅުތަކެއް ލިބިގަތުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެކެވެ.

 

("އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އެހެން މީހުންނަށް ހެޔޮއެދުން" – މައުމޫން އަބްދުލް ޤައްޔޫމް، ދީނުގެމަގު އަހަރު 20، އަދަދު 23، ޞަފްހާ 1، 30 ޖޫން 2006)