ދުވާލުގެ މަސައްކަތްތަކުގައި ބުރަކޮށް އުޅެ ވަރުބަލިވުމަށްފަހު ރޭގަނޑުގެ ވަގުތުތަކުގައި އަރާމުކޮށްލުމަކީ ކޮންމެ އިންސާނަކަށްވެސް ބޭނުންވާނެ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ( وَجَعَلْنَا نَوْمَكُمْ سُبَاتًۭا {٩} وَجَعَلْنَا ٱلَّيْلَ لِبَاسًۭا {١٠} وَجَعَلْنَا ٱلنَّهَارَ مَعَاشًۭا {١١} ) (އައް ނަބާ: 9-11) މާނައީ: "އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ. އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ. އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ."
އެމީހެއްގެ ދިރިއުޅުމުގެ ކަންތައް ރަނގަޅު މީޒާނެއްގައި ވަޒަންކުރާ މީހާގެ ވަގުތުތައް ވާނީ ބަހާލެވިފައެވެ. މިގޮތުން ފަތިސްވަގުތަކީ، ފެށެންއުޅޭ ދުވަހަށް ތައްޔާރުވުމުގެ ވަގުތެވެ. މުސްލިމުން، މިގޮތުން އިސްކަންދޭނީ އެމީހުންގެ އާދުވަސް ފެށުމުގައި ފަތިސްނަމާދުން ފެށުމަށެވެ.
އާދޭހެވެ! ދުވަހެއްގެ ފެށުން، ޚާލިޤުވަންތަ ﷲ އަށް ކުރެވޭ ސަޖިދައަކުން ފަށައި އޭނާގެ ހަޔާތުން ފެށޭ ކޮންމެ އާދުވަހެއް އޭނާ އަށް ރަނގަޅު ފައިދާހުރި ދުވަހެއް ކަމުގައި ލެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުމަށްފަހު، އެކަލާނގެއަށް ވަކީލުކޮށްގެން ފަށައިފިނަމަ، އެދުވަސް ހޭދަވާނީ ވަރަށް ބަރަކާތްތެރި ދުވަހެއްގެ ގޮތުގައެވެ.
ހަމައެފަދައިން، ފަތިސްނަމާދަށް ރައްކާތެރިވުމަކީ، މުސްލިމުން ފަރުވާތެރިކަން ބަހައްޓާ ކަމެކެވެ. ހަމައެއާއެކު، ފަތިސްނަމާދަކީ ސަވާބާއި، ދަރުމަ އެތައްގުނައަކަށް އިތުރުވެގެންދާ ނަމާދެކެވެ. އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޡްއެއްގެ މާނައިގައިވެއެވެ. "ރޭގަނޑުގެ އިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިނަމަ އޭނާ ރޭގަނޑުގެ ދެބައިކުޅަ އެއްބައި އިހްޔާއު ކުރި ފަދައެވެ. އަދި ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފިނަމަ މުޅިރޭ އިހްޔާއު ކުރިފަދަ އެވެ." އަދި އައްތިރްމިޒީ ރިވާކުރައްވާފައިވާ ޙަދީޘްއެއްގެ މާނައިގައިވެއެވެ. "ފަތިސްނަމާދު ޖަމާޢަތުގައި އަދާކޮށް ﷲ ގެ ޛިކުރު ކުރުމަށް އިށީނދެ އިނުމަށްފަހު، އިރު އެރުމުން ދެ ރަކުޢަތް ނަމާދެއް ކޮށްފިނަމަ، އޭނާ ފުރިހަމަ ޙައްޖަކާއި ފުރިހަމަ ޢުމްރާއެއް ކުރި ފަދައެވެ." (އެބަހީ: އެފަދަ ސަވާބު ﷲ އެމީހަކަށް ދެއްވާނެތެވެ.)
ފަތިސްނަމާދުގެ މާތްކަމާއި، އެ ނަމާދު ޖަމާޢަތުގައި ކުރުމުން ލިބޭ ސަވާބާއި ދަރުމައިގެ ވާހަކަ ވަރަށް ގިނަ ރިވާޔަތްތަކުން އައިސްފައިވެއެވެ. އެހެންކަމުން، މުސްލިމަކަށް އެއީ ކިހާވަރެއްގެ މުހިންމު ކަމެއްކަން ހާމަވެގެންދެއެވެ. ވީމާ، ފަތިސްނަމާދަށް ފަރުވާތެރިކަން ބަހައްޓާ މީހަކީ، އޭނާގެ ދެދުނިޔެ ބާއްޖަވެރިވާނެ މީހެއްކަން ކަށަވަރެވެ. އަދި އެމީހަކީ އެމީހެއްގެ ވާޖިބުތައް އަދާކުރުމަށް ފަރުވާތެރިވާނެ މީހެކެވެ. އަދި އެމީހަކީ އޭނާއަށާއި އޭނާގެ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާނެ މީހެކެވެ.
މިކަމުން އެނގެނީ ރޭގަނޑުގެ ގިނަވަގުތުތަކުގައި ހޭލައި ތިބުމަށްފަހު ފަތިސްނަމާދު އަޅާފައި ނިދާ މީހުންނަށް ﷲ ގެ ރަޙުމަތުން އެ އުނިވެގެންދަނީ ވަރަށް ބޮޑު ބައެއް ކަމެވެ. އެހެންކަމުން، ކޮންމެ މުސްލިމަކުވެސް އޭނާގެ ކޮންމެ ދުވަހެއް ބާއްޖަވެރި ދުވަހަކަށް ހެދުން މުހިންމެވެ.
("ފަތިސްނަމާދަށް ރައްކާތެރިވުން" - މުޙައްމަދު ރަޝީދު އިބްރާހިމް ރަޝީދު، ދީނުގެމަގު އަހަރު 22، އަދަދު 25، ޞަފްހާ 3، 11 ޖުލައި 2008)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން