ކީރިތި ޤުރުއާނަކީ ޝިފާއެކެވެ. ފަރުވާއެކެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ އެހީގައި ދުޢާ ކުރުމަކީ އޮތް ކަމެކެވެ. ފެން ކިޔެވުމަކީވެސް އޮތް ކަމެކެވެ. ތިމާ އެދޭ ކަމެއް، އެދޭ ގޮތަކަށް އެދި، އެކަމަށް ނިޔަތްގަނެ، ސަބަބުތަކުގައި ހިފުމާއި އެކު ޤުރުއާނުގައި އެކަމާ ގުޅުންހުރި އާޔަތްތައް ކިޔާ ދުޢާކޮށް، މާތް ﷲ އަށް ވަކީލު ކުރުމީ އޮތް ކަމެކެވެ.
އެގޮތުން މާބަނޑު އަންހެނުން، އެމީހުންގެ ބަނޑުގައިވާ ތުއްތު ދަރިފުޅަކީ އަޚުލާޤު ރަނގަޅު ދަރިއެއް ކަމުގައި ވުމަށް އެދޭނަމަ، އެކަމަށް އެދި އެކަމަށް ނިޔަތްގަނެ، ލުޤްމާނު ސޫރަތް ގިނައިން ކިޔެވުމަކީ އެކުދިންގެ އުޅުމާ އަޚުލާޤު ރަނގަޅު ވެދާނެ ކަމެކެވެ. ނަމަވެސް މިއީ އެދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު، އެ ފަދަ ތަރުބިއްޔަތެއް ނުދޭން އޮންނަ ސަބަބެއް ނޫނެވެ. މާބަނޑު އިރު މި ސޫރަތް ގިނައިން ކިޔެވުމާއި އެކު، އެކުއްޖާ ދުނިޔެއަށް އުފަންވުމާއި އެކު، ރަނގަޅު ތަރުބިއްޔަތެއްވެސް ދޭންވާނެއެވެ. ސަބަބުގައި ހިފުމަކީ މިއީއެވެ.
ދަރިފުޅުގެ އަޚުލާޤު ރަނގަޅުވުމަށް އެދި ލުޤުމާން ސޫރަތް ކިޔަވާ ދުޢާ ކުރަން ޖެހޭ ސަބަބުތައް ބައިވަރެވެ. މި ސޫރަތުގައި އައިސްފައިވާ ރިވެތި އަޚުލާޤުގެ ބައެއް ސިފަ ތަކަށް ބަލާލާނަމެވެ. އެގޮތުން:
. ޝަރީކު ނުކުރުން.
﴿13﴾ وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ
މާނައީ: "އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ." (ލުޤްމާން 13 ވަނަ އާޔަތް)
. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ޝުކުރުވެރިވުން.
﴿14﴾ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ
މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ." (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (ލުޤްމާން 14 ވަނަ އާޔަތް)
. ކުޑަ ނަމަވެސް ހެޔޮކަމެއް ކުރުން.
﴿16﴾ يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ
މާނައީ: "އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ عمل އަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި عمل އެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (قيامة ދުވަހުން) اللَّه އެ عمل އެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (ލުޤްމާން 16 ވަނަ އާޔަތް)
. ނަމާދުކުރުން މަތީ ދެމިހުރުމާއި ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން މަނާކުރުން އަދި ކެތްތެެރިވުން.
﴿17﴾ يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ
މާނައީ: "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ." (ލުޤްމާން 17 ވަނަ އާޔަތް)
. ބޮޑާ ނުވުމާއި ކިބުރުވެރި ނުވުމާއި އަދި ފަޚުރިވެރިކަންމަތީ އެހެން މީހުންނަށް ސަމާލުކަން ނުދީ ނޫޅުމަށް.
﴿18﴾ وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ
މާނައީ: "އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." (ލުޤްމާން 18 ވަނަ އާޔަތް)
. މެދުމިނަށް ލޯބި ކުރުމާއި އަޑު މަޑުކުރުން އަދި ޒުވާބު ނުކުރުން.
﴿19﴾ وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ
މާނައީ: "އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ." (ލުޤްމާން 19 ވަނަ އާޔަތް)
ލުޤުމާނު ސޫރަތުގައި އައިސްފައިމިވާ ނަޞޭޙަތުގެ ކޮންމެ އިރުޝާދެއްގެ އަސްލަކީ ދަރިންނަށް ދޭ ނަޞޭޙަތެކެވެ. އެހެންކަމުން ތިމާގެ ބަނޑުގައިވާ ދަރިފުޅަކީ މިފަދަ ނަޞޭޙަތްތަކަށް ފަރިތަ، އަޑުއަހާ ކިޔަމަންވާ، ކިޔަމަންތެރި ބަސްއަހާ ޚުލްޤު ހެޔޮ ދަރިއެއްކަމުގައި ވާން އެދޭނަމަ، އެކަމަށް ނިޔަތްގަނެ، ލުޤުމާން ސޫރަތް ގިނައިން ކިޔެވުން ހުއްޓެވެ. މިއީ ދުޢާ ކުރުމުގެ ސިފައެކެވެ. މިއީ ޤުރުއާނުން ކުރެވިދާނެ ފަރުވާއެކެވެ. މިއީ ނަފްސާނީ އަދި އަޚުލާޤީ ފަރުވާއެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން