މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގެ ކޮންމެ ފަރުދަކުވެސް ކަންބޮޑުވެ އެކަމަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ އެއްކަމަކީ، ޒުވާނުންގެ ތެރެއިން މަދުނޫންބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވުމެވެ. އެމީހުން އެކަމުން ސަލާމަތްކޮށް، ފައިދާހުރި ދިރިއުޅުމެއް އެމީހުންނަށް ހޯދައި ދިނުމަކީ، ސަރުކާރާއި، ރައްޔިތުންގެ މުހިންމު ލަނޑުދަނޑިއެކެވެ. އުފާވެރި އުންމީދެކެވެ. އެއީ ޤައުމުގެ މުސްތަޤުބަލުގެ ހުރިހާ ކަމެއް އޮންނާނީ، އެމީހުންގެ އަތްމަތީގައި ކަމަށްވާތީއެވެ.

މި ނުރައްކާތެރި ވަބާއިން ޤައުމާއި ޤައުމުގެ ދަރީން ސަލާމަތްކޮށް، މުސްތަޤުބަލު އުޖާލާކުރެވޭނީ، އެންމެން އެއްބާރުލައި އެކަތިގަނޑަކަށް ވެގެންތިބެ މަސައްކަތްކޮށްގެންނެވެ. ސަރުކާރާއި، ރައްޔިތުންނެވެ. އާލިމުންނާއި، ކަމުގެ ހުނަރުވެރި މާހިރުންނެވެ. މައިންބަފައިންނާއި، ބެލެނިވެރިންނެވެ. މުޢައްލިމުންނާއި، މުރައްބީންނެވެ. މިދެންނެވި ހުރިހާ ފަރާތްތަކަކީވެސް މަސްޢޫލުވެރި ފަރާތްތަކެކެވެ. އެއިން ކޮންމެ ފަރާތަކުންވެސް އަދާކުރަންޖެހޭ ދައުރެއްވެއެވެ. އިޙްލާސްތެރިކަމާއެކު ކޮންމެ ފަރާތެއްގެ ދައުރުވެސް އަދާކުރަން ޖެހޭނެ އެވެ.

ދެން ވިސްނާލަމާތޯއެވެ؟ އިންސާނާ މިފަދަ ނުރައްކާތެރި ވަބާގެ ދަލުގައި ނުޖެހި އުޅެވޭނެގޮތަކީ ކޮބައިތޯއެވެ؟ ސީދާ މަގުގައި ދެމިހުންނާނެ އަސާސަކީ ކޮބައިތޯއެވެ؟ ޝައްކެއްނެތް ގޮތުގައި ހެޔޮ ވިސްނޭ ކޮންމެ މީހަކު ޖަވާބުދޭނީ، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ހަރުދަނާ ބިންގަލެވެ. ވަރުގަދަ އަޤީދާ އެވެ. ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އަޅުކަމެވެ. އެ އަޅުކަމަށް ފަރުވާކުޑަނުކޮށް، އަންގަވާފައިވާގޮތަށް، އެ އަޅުކަން އަދާކުރުންމަތީ ދެމިހުރުމެވެ. ރެއަކާދުވާލު ކޮންމެ މުކައްލިފަކު އަދާކުރުމަށް ކަނޑައަޅުއްވާފައިވާ ފަރުޟު ފަސްނަމާދު އަދާކުރުންމަތީ ދެމިހުރުމެވެ. މި ޙަޤީޤަތް ބަޔާންކޮށްދެއްވުމުގެ ގޮތުން އަލް އަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމްކުރައްވާށެވެ! ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި މުންކަރާތްތައް ނަހީ ކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން ﷲ ހަނދުމަ ކުޅައުމަކީ އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ."

އާދޭހެވެ! މައިންބަފައިންގެ ދައުރަކީ، އެންމެ މުހިންމު ދައުރެވެ. މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަންނަ ވަގުތުން ފެށިގެން، އެމީހުންގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭނެ އެވެ. ވިހެއުމަށްފަހު ދީނުގައި އަންގަވާފައިވާ ކަންތައް ކުރުމެވެ.  އެކަންތައް ކުރަންޖެހޭނީ، ޝައިޠާނާގެ ނުބައިކަމުން އެކުއްޖާ ސަލާމަތް ކުރުމަށެވެ. ދެންހުރި ދީނުގެ އެހެނިހެން ކަންތައްވެސް އުމުރާ ގުޅޭގޮތުން އުނގަންނައިދެމުން ގެންދިއުމެވެ. މިގޮތުން، ދީނުގެ ތަރަހައިގެ މަތީގައި ބޮޑުވާކުއްޖަކީ، އަޤީދާ ވަރުގަދަ، ހަރުދަނާ ކުއްޖަކަށް ވާނެ އެވެ. އޭރުން އޭނާގެ ދިރިހުރި ލޮމީރު، އޭނާ ނުބައިކަމަކަށް އަރައިގަތަކަ ނުދޭނެއެވެ.

 

(" ﷲ ގެ އަމުރުފުޅުތަކަށް ޙުރުމަތްތެރިކޮށް ހިތާށެވެ! " މުޙައްމަދު ރަޝީދު އިބްރާހިމް – އަހަރު 17، އަދަދު 24، ޞަފްހާ 4، 04 ޖުލައި 2003)