"ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަތުން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ ﷲ ގެ ސުންނަތް ކަމަށެވެ. އެކަލާނގެ އިރާދަފުޅު ކަމަށާއި، ﷲ އަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައި ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ ﷲ ގެ މަތިވެރިވެގެންވާ ޙިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީ ކަމަށެވެ. ހުތުބާގައި ބުނެފައިވަނީ މި ދުނިޔޭގައި މި ފަދަ އިމްތިޙާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ﷲ ފޮނުއްވެވި ރަސޫލުބޭކަލުންނަށް ކަމަށެވެ.

މާތް ﷲ ގެ ނަބިއްޔާ أَيُّوْبُ عَلَيْهِ السَّلَام އެކަލާނގެ ކުރެއްވި އިމްތިޙާނާ ކުރިމަތިލެއްވި ގޮތް ހަނދާނަށް ގެނައުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. މާތް ﷲ އައްޔޫބުގެ ފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން ދެއްވި ކަމަށާއި، ޢަދަދު ނުކުރެވޭ ވަރަށް ދަނޑުފަނގުތަކަކާއި ނަޢަމްސޫފިތައް ދެއްވި ކަމަށެވެ. އަދި ގާތްތިމާގެ މީހުންނާއި އެތައް ޚާދިމުންނެއް އެކަލޭގެފާނުގެ ޚިދުމަތުގައި ވި ކަމަށާއި، ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވި ކަމަށެވެ.

އަދި އޭގެ ފަހުގައި ﷲ އެކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވި ކަމަށާއި، އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެކަލޭގެފާނުގެ ދަނޑުފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވި ކަމަށާއި، ހުރިހައި އަޅުންނާއި، ޚާދިމުންނާއި، ގާތްތިމާގެ މީހުންނާއި އެކުވެރީން، އެކަލޭފާނު ދޫކޮށް ދިޔަކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އަރިހުގައި ދެމިތިއްބެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނަށް ހެނދުނާއި ހަވީރު ޒިޔާރަތްކުރަމުން ދިޔަ އެކަލޭގެފާނުގެ އަރިސް ދެ އަޚުންވެސް ދިޔަކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ކީރިތި ޤުރްއާނުގައި މި ފަދަ ޢިބުރަތްތެރި ވާހަކަތައް ﷲ ބަޔާންކޮށްދެއްވަނީ އެ ފަދަ ވާހަކަތަކުން ފިލާވަޅު ލިބިގަނެ އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙު ކުރުމަށް ޓަކައެވެ. ﷲ ގެ އިމްތިޙާނަށް ކެތްތެރިވުމުގެ ސަބަބުން އެ ބޮޑުވެގެންވާ ނުތަނަވަސްކަމާއި ދަތި ޙާލުން އައްޔޫބުގެފާނު ސަލާމަތްކޮދެއްވީ ކޮންފަދައަކުންކަން ވިސްނައި ފިކުރުކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އައްޔޫބުގެފާނުގެ ބަލީގެ ޝިފާއެއްކަމުގައި ﷲ ލެއްވެވި ފެންއާރުން ނާނާފުޅުފިއްލަވައި ފެންފޮދު ހިއްޕެވުމުން އެކަލޭގެފާނު ކުރީން ހުންނެވި ރިވެތި ފުރިހަމަ ސޫރައާއި ދުޅަހެޔޮކަމަށް އެކަލޭގެފާނު އިއާދަ ކުރެއްވި ކަމަށެވެ. އަދި އެކަލޭގެފާނަށް ކުރީން ލިބިވަޑައިގަތް ދަރީންގެ އަދަދަށް ވުރެ ގިނަ ދަރީންނާއި މުދަލާއި ތަނަވަސްކަން ދެއްވި ކަމަށާއި، އެކަލޭގެފާނުގެ ކެތްތެރިކަމާއި ޘާބިތުކަމުގެ ސަބަބުން ﷲ އެކަލޭގެފާނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވައިފައި ވާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، އަހަރެމެން ﷲ އަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިޙާނުކުރައްވާނެކަމެވެ.

އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އަނެއް ފިލާވަޅަކީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ޤުރްބާނީ ކަމަށާއި، އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދު ވެސް އެ ކަމަނާ އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވި ކަމަށެވެ. އަދި އެ ކަމަނާ މީސްތަކުންނަށް ނޯކިރީކޮށްދެއްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅުއަރުވަމުން، އެކަލޭގެފާނުގެ ޚިދުމަތުގައި ދެމި ހުންނެވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.