ވެރިކަމަކީ އަމާނާތެއް ކަމަށާއި، ޒިންމާ އަދާނުކޮށްފިނަމަ ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު، މިއަދުގެ ހުކުރު ހުތުބާގައި ދީފިއެވެ.
ހުތުބާގައި ބުނެފައި ކޮންމެ މީހަކީ ވެސް ޒިންމާދާރު މީހަކަށް ވާން ޖެހޭނެ ކަމަށާއި އެކަމުގެ މުހިންމުކަމަށްވެސް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ކުށް ކުރާ މީހާ ކުށަށް ޒިންމާ ވާން ޖެހޭނެ ކަމަށާއި އެއްވެސް މީހަކު ނުހައްގުން ކުށްވެރިއަކު ސަލާމަތްކުރަން އުޅެގެން ނުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުކުރު ހުތުބާގައި ޒިންމާދާރުވުމާއި މަސްޢޫލިއްޔަތު އުފުލުމާއި ގުޅޭގޮތުން ވަނީ އިރުޝާދު ދީފައެވެ. ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެއްކަމަށް ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ ކޮންމެ ބެލެހެއްޓުންތެރިއަކު ވެސް އޭނާ ބަލަަހައްޓަން ޖެހޭ ބަޔާއި އަދި ކަންކަމާއި މެދު މަސްޢޫލުވާން ޖެހޭނެ ކަމަށެވެ. މީސްތަކުންގެ ވެރި މީހާ އަކީ ބެލެހެއްޓުންތެރިއެއް ކަމަށާއި އޭނާ ރައްޔިތުންނާއި މެދު މަސްޢޫލުވާން ޖެހޭނެ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދ ފިރިމާހާއ އަކީ އޭނާގެ އަހުލުވެރިންގެ ބެލެހެއްޓުންތެރިއެއް ކަމަށާއި އޭނާ އެ މީހުންގެ މައްޗަށް މަސްއޫލުވާން ޖެހޭކަން ހަނދުމަކޮށްދީފައިވެއެވެ. ހުތުބާގައި ބުނެފައި ވަނީ އަނބި މީހާ އަކީ ގޭގެ ކަންކަމާއި ދަރިންގެ ބެލެހެއްޓުންތެރިޔާ ކަމަށާއި އޭނާ އެ މީހުންނަށް މަސްއޫލުވާން ޖެހޭ ކަމަށެވެ. ހަމައެހެންމެ އޮފީސްތަކުގެ މުވައްޒަފުންނާއި ވެރިން ހަވާލުވެފައިވާ މަސްއޫލިއްޔަތަށް ދުނިޔެ އާއި އާޚިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެކަން ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
ޒިންމާދާރުވުމާއި މަސްޢޫލިއްޔަތު އަދާކުރުމުގައި ގައުމުގެ ވެރިންނާއި ޤާނޫނު ހަދާ މުއައްސާތަކާއި، އަދުލު އިންސާފު ޤާއިމްކުރާ މުއައްސަސާތަކާއި، ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ޤައުމުގެ ސިޔާދަތާއި އަމްނާއި އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިގްތިސާދާއި ބައިތުލްމާލުބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާ ބޮޑު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ވިޔަފާރިވެރިންނަކީ ވެސް އެ މީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް ޒިންމާ އެއް އޮތް ބައެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ބައެއް މީހުންނަކީ ވަޒީފާގެ މަސްޢޫލިއްޔަތުގެ ގޮތުން އަހުދާއި ހުވާ ކޮށްގެން ތިބި ބަޔަކަށް ވާއިރު އެ އަހުދާއި ހުވަޔަށް ހުރުމަތްތެރިކޮށް ހިތުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފައެވެ. އެ މަސްއޫލިއްޔަތު އަދާކުރި ގޮތާއި މެދު ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އަދާކުރާ ވަޒީފާ އަކީ ވެސް އަމާނާތެއް ކަމަށާއި އެ އަމާނާތް ރަނގަޅަށް އަދާކުރަން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ވެރިކަމަކީ ވެސް އަމާނާތެއް ކަމަށާއި އެ ޒިންމާ އަދާނުކޮށްފި ނަމަ ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ހުކުރު ހުތުބާގައި ވަނީ ދީފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން