ޒިނޭކުރުމާއި ފާޙިޝް އަމަލުތަކުގެ ނުބައިކަން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނަކީ އިއްފަތްތެރިކަމާއި ތާހިރުކަމުގެ ދީން ކަމަށެވެ. މާތް ﷲ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަހުލާގީ އަމަލުތަކާއި ފާހިޝް އަމަލުތައް ހަރާމްކުރައްވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެންމެ ނުރައްކާތެރި ފާހިޝް އަމަލަކީ ޒިނޭ ކަމަށާއި، ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާ ކަމަށާއި، ނަމަވެސް މި ޒަމާނުގައި މިއަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެދާ ކަމަށެވެ. އާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާ ކަމަށެވެ. އަދި ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ހަރާމް އެތައް ފާފަތަކަކަށް އަރައިގަންނަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަގުސަދުގައި ދަތުރު ހަދައިގެން އެހެން ގައުމުތަކަށް ވެސް ގޮސް އުޅޭ ކަމަށެވެ. ނަމަވެސް ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް އިތުރު ވެރިރަސްކަލާނގެއަށް ބިރުވެތިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުތުބާގައި ބުނީ ޒިނޭކުރުމަކީ ނުބައިވެގެންވާ އަމަލެއް ނަމަވެސް އެކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ އާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަށެވެ. އެ މީހުން އެ ފާހިޝު އަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެއްކަން ފާހަގަކޮށްފައިވެއެވެ. އަދި މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިސްލާހު ވުމަށް ކަމަށާއި، އިސްލާހުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ނުރައްކާތެރި ބަލިތަކެއް ކަމަށާއި، ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭ ކަމަށެވެ. އަދި އިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަހުލާގީ އަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެއްކަން ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ދުނިޔޭގެ އަހުލާގު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަމަށާއި، އެއީ ﷲ ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާ ކަމަށެވެ. އެއީ ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާ ކަމަށާއި، މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފްސަށް މުޅީން ދޫކޮށްލުމުގެ މުސީބާތެއް ކަމަށެވެ. އަދި އިސްލާމްދީން ވަނީ މި ފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވާފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި ބުނީ ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތައުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެން ކަމަށެވެ. އެ މީހުންގެ އަތުގައި ޝައިތާނާ ހިފުން މަނާކޮށްގެން ކަމަށެވެ.
ކީރިތި ރަސޒުލާގެ ބަސްފުޅުގައިވާ ގޮތުން ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެކެވެ. ޒިނޭއާއި ފާހިޝު އަމަލުތަކުން ދުރުވެގަތުމަށް ނަމާދު ގާއިމުކުރުންމަތީ ދެމިތިބުމަށާއި، ތައުބާވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ކާވެނިކުރުމަށާއި، ކާވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން