އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުން، މުސްލިމުންނަކީ، އެކަކު އަނެކަކަށް ހެޔޮއެދޭ ބަޔަކަށް ވާންޖެހެއެވެ. އަދި އެބައިމީހުންނަކީ، އަނެކުންގެ ޤަދަރާއި އިއްޒަތަށް އުނިކަމެއް ލިބޭފަދަ ބަހެއްބުނެ، ނުވަތަ އެފަދަ ކަމެއް ކޮށްގެންވާނެ ބަޔެއް ނޫނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފުރިހަމަ މުސްލިމަކީ، އެމީހާގެ ދުލާއި އަތްފައިގެ ނުބައިކަމުން، އެހެންމީހުން ސަލާމަތްވެގެންވާ މީހާއެވެ."

މި މަތިވެރި އުސޫލާ އެންމެ ބޮޑަށް ޙިލާފުވާ އެއްކަމަކީ، ތިމާފަދަ އެހެން މުސްލިމުންނާ ބެހޭގޮތުން ޙަޤީޤަތާ ޙިލާފު ވާހަކަދެއްކުމެވެ. އަދި އެފަދަ ވާހަކަ އެކަކު އަނެކަކާ ހަމަޔަށް ގެންގޮސް، ކުށެއްނެތް މީހަކު ނުވަތަ ބަޔަކު ބަދުނާމުވެ އެބަޔެއްގެ އަގުވެއްޓޭގޮތަށް އެފަދަ ވާހަކަ ފަތުރައި ހެދުމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. " يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍۢ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍۢ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ " (އަލް-ހުޖުރަތު: 6) މާނައީ: "އޭ އީމަންވި މީހުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިގަކު، ޙަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދު ބަލައި ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، (އެހެންވެއްޖެނަމަ) ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެ އެވެ."

އެކަކު އަނެކަކާ ދޭތެރޭގައި ޙަޤީޤަތާ ޙިލާފު ވާހަކަދައްކައި، އެފަދަ ވާހަކަތައް ފަތުރައި ހެދުމަކީ، ޖަމާޢަތުގެ ތެރޭގައި އޮންނަންވާ އެކުވެރިކަމުގެ ގުޅުމަށް ވަރަށް ބޮޑަށް ބުރޫ އަރާކަމެކެވެ. އެކަކު އަނެކަކުގެ މައްޗަށް ހިތްނުބައިވެ، މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެދުމަށް މެދުވެރިވާ ވަރަށް ބޮޑު ސަބަބެއްވެސް މެއެވެ.

އެހެންކަމުން، އިސްލާމީ ޖަމާޢަތެއްގައި އުޅޭ ކޮންމެ ފަރުދަކުވެސް، މިފަދަ އަމަލުތަކުގެ ސަބަބުން މުޖްތަމަޢު އަށް ކުރާ ނުބައި އަސަރު ދެނެގަތުން މުހިންމެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، ކޮންމެ މީހަކުވެސް، އެމީހެއްގެ ދާއިރާގައި ގަދައަޅައި މަސައްކަތްކުރުމަކީ، އިސްލާމްދީން އެމީހެއްގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.

 

("ޙަޤީޤަތާ ޙިލާފު ވާހަކަދެއްކުމުގެ ނުރައްކާތެރިކަން" – އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް – ދީނުގެމަގު، އަހަރު 16، އަދަދު 8، ޞަފްހާ 1، 05 އޮކްޓޫބަރު 2001)