ތާރީހުގެ ސަފުހާތައް އުކެނީ ޞަލީބީންގެ ނުބައިކަމާއި އެބައިމީހުންގެ އަނިޔާވެރިކަމުގެ ވާހަކަތައް ކިޔައިދެމުންނެވެ. ނަމަވެސް އެބައިމީހުންގެ އަތްދަށުން ޤުދުސް މިނިވަން ކުރި އިސްލާމީ އަބްޠާލުންގެ ޒިކުރާއާއި އިންސާނިއްޔަތުކަމުގެ ވާހަކަތައްވެސް ހަމަ އެތާރީޚުގެ ފަތްފުއްތަކުން އުކެއެވެ. ޞަލީބީން ޤުދުސް ހިފައި، ޤުދުސްގެ މިނިވަންކަން ކަތިލައިގަތީ މީލާދީން 1099 ވަނަ އަހަރުގެ ޖުލައި މަހު 15 ވަނަ ދުވަހުއެވެ. ހިޖުރީ ސަނަތުން، އެ ކަޅު ދުވަހަކީ 492 ވަނަ އަހަރުގެ ޝަޢްބާން މަހު 22 ވީ ހުކުރު ދުވަހެވެ. މުސްލިމުންގެ މަތިވެރި ބަޠަލް، ޞަލާޙުއްދީން ޔޫސުފް އިބްނުލް އައްޔޫބް، ނުވަތަ ޞަލާޙުއްދީނުލް އައްޔޫބީ، ޞަލީބީން ބަލި ކުރައްވައި ޤުދުސް މިނިވަން ކުރެއްވީ އޭގެ 88 އަހަރު ފަހުންނެވެ. އެއީ މީލާދީން 1187 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ހިޖްރި ސަނަތުން ރަޖަބު މަހުގެ 27 ވީ ހުކުރު ދުވަހެވެ. ޞަލީބީން، މުސްލިމުންގެ ލެއިން ބައިތުލްމަޤްދިސްގެ ޙަރަމްފުޅުގެ ތެރޭގައި ލޭގެކޯރުތަކުން ކުޅިވަރު ކުޅުނު ދުވަހަށް ފަހު ޤަރުނެއް ވެސް ނުވަނީސް އެބައިމީހުން ބަލި ކުރައްވައި ޤުދުސް މިނިވަން ކުރެއްވުމަށް ފަހު ޞަލާޙުއްދީނުލް އައްޔޫބީ ކަންތައްތައް ކުރެއްވި ގޮތަކީ އުޑާއި ބިމުގެ ތަފާތު ދައްކައިދޭ ތަސްވީރެކެވެ. ތަރައްގީއާއި ނާތަހުޒީބުގެ ތަފާތު ދައްކައިދޭ މިސާލެކެވެ. އިންސާނިއްޔަތުކަމާއި، ޖަންގަލީގެ އުސޫލުގެ ފަރަގު އޮޅުން ފިލުވައިދޭ މިސާލެކެވެ. ޙައްޤާއި ބާޠިލް ވަކިކޮށްދޭ އަލި ދަންމަރެކެވެ.

ޞަލާޙުއްދީނުލް އައްޔޫބީ އަކީ އިސްލާމް ދީނުގައި ފާހަގަކުރެވޭ މުޖާހިދެކެވެ. އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހު އިސްލާމީ އުންމަތުގައި ވިދާލި އަބްޠާލުންގެ ތެރެއިން ބޭފުޅެކެވެ.

ޞަލާޙުއްދީނުލް އައްޔޫބީ އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ ޞަލީބީންގެ އަނިޔާވެރިކަމާއި ނުބައިކަމާ ދެކޮޅަށް ޖިހާދު ކުރެއްވުމުގައެވެ. މުސްލިމުން ރައްކާތެރި ކުރެއްވުމުގައެވެ. އިސްލާމް ދީނާއި އެ ދީނުގެ އޯގާވެރި ތަޢްލީމުގެ ދިފާޢުގައެވެ. އެމަނިކުފާނަކީ އިތުރު މާތް ޞަޙާބީންނަށް ފަހު އިސްލާމީ ދުނިޔެ ދުށް އެންމެ މަތިވެރި އެއް ބަޠަލެވެ. އެމަނިކުފާނަކީ ކީރިތި ޤުރްއާނާއި މާތް ސުންނަތުގެ ތަރަހަތަކުގެ މަތީގައި ވެރިކަން ކުރެއްވި މަތިވެރި ލީޑަރެކެވެ. ދީންވެރި، ތަޤުވާވެރި، ތަވާޟުޢުވެރި، ޒުހުދުވެރި މުސްލިމެކެވެ. ޞަޙާބީންގެ ދައުރަށް ފަހު މުސްލިމުންގެ ތެރޭގައި ވެރިކަން ކުރެއްވި ގިނަ ބޭފުޅުންނާ ޚިލާފަށް، ޞަލާޙުއްދީނަކީ ދީނީ ޢިލްމުވެރިއެއް ވެސް މެއެވެ. އެމަނިކުފާނުގެ ތުއްޕުޅު ޢުމުރުފުޅާއި، ޒުވާން ޢުމުރުފުޅު ހޭދަކުރެއްވީ މަޝްހޫރު ދީނީ ޢިލްމުވެރީންގެ މަޖިލިސްތަކުގައެވެ. ދީން ކިޔަވައިވިދާޅުވުމުގައެވެ. އެ ޢިލްމުވެރިއެއްގެ ނުފޫޒު ޞަލާޙުއްދީނުލް އައްޔޫބީގެ މައްޗަށް ޚާއްސަ ގޮތެއްގައި ފޯރި އެއް ޢިލްމުވެރިޔަކީ މަޝްހޫރު އިމާމް އަލްޣަޒާލީ ރަޙިމަހުއްﷲ އެވެ.

ޞަލީބީންނާ ދެކޮޅު ހަނގުރާމައިގައި ޞަލާޙުއްދީން ދެއްކެވީ އިސްލާމް ދީނުގެ މުޖާހިދެއްގެ އޯގާވެރިކަމާއި ތަހްޒީބިއްޔަތުގެ ދިރިހުރި މިސާލެކެވެ. އެމަނިކުފާނަށް ތަބަޢަ ވެވަޑައިގެންނެވީ އެހެން ހުރިހާ އިންސާނުންނަށް ވުރެ އެ ބޭކަލަކު ދެކެ އެމަނިކުފާނު ލޯބިވެވަޑައިގެންނެވި މާތް ނަބީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ފަތަޙައިގެ ދުވަހު ދެއްކެވި ރިވެތި ނަމޫނާއަށެވެ. އެ މާތް ނަބަވީ ސުންނަތަށެވެ. އަދި ޤަރްނުތަކެއް ކުރީން މުސްލިމުންގެ މަތިވެރި ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު، ޤުދުސް ހިއްޕެވުމަށް ފަހު ދެއްކެވި ރިވެތި ނަމޫނާއަށެވެ. އާދޭހެވެ! ޞަލާޙުއްދީން ތަބާވެވަޑައިގެންނެވީ ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތްތަކަށެވެ.

“ނުބައިކަމެއްގެ ޖަޒާއަކީ އެއާ އެއްފަދަ ނުބައިކަމެކެވެ. ނަމަވެސް މަޢާފުކޮށް، ޞުލްޙަވެރިކަން ޚިޔާރު ކުރާ މީހާ ދަންނާށެވެ. ފަހެ އޭނާގެ ޘަވާބު ވަނީ ﷲ ގެ ޙަޟުރަތުންނެވެ. އެހެނީ ނުބައި ޢަމަލުތައް ގެނެސްގަންނަ މީހުން ދެކެ ﷲ ލޯބިވެވޮޑިއެއް ނުގަންނަވައެވެ.” – ސޫރަތުއް ޝޫރާ: 40

“އަދި ތިޔަބައިމީހުން ޢުޤޫބާތް ދޭ ނަމަ، ތިޔަބައިމީހުންނަށް ޢުޤޫބާތް ލިބުނު ފަދަޔަކުން ފަހެ ތިޔަބައިމީހުން ޢުޤޫބާތް ދޭށެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ކެތްތެރިވެއްޖެ ނަމަ، ފަހެ ކެތްތެރީންނަށް ޓަކައި އެ ގޮތް ހެޔޮކަން ބޮޑުވެގެންވާ ކަން ކަށަވަރެވެ.” ސޫރަތުއް ނަޙްލު: 127

ޞަލާޙުއްދީން ޤުދުސް ހިއްޕެވި ދުވަހާ ބެހޭ ގޮތުން މިޒަމާނުގެ އެންމެ މުޢުތަބަރު، އަދި އެންމެ އިޙްތިރާމް ލިބިގެން ހުންނެވި އެއް ޢިލްމުވެރިޔާ، ކަރެން އާރމްސްޓްރޯންގް އެ ކަމަނާ ލިޔުއްވި “ހޯލީ ވޯރ” މި ފޮތުގެ 185 ވަނަ ޞަފުޙާގައި ލިޔުއްވާފައި ވެއެވެ. “1187 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޞަލާޙުއްދީން އޭނާގެ ލަޝްކަރާއެކު ފާތިޙުންގެ ގޮތުގައި ޖެރޫސަލަމަށް ވަދެވަޑައިގެންނެވިއެވެ. އެއަށްފަހު 800 އަހަރު ވަންދެން ޖެރޫސަލަމް އޮތީ މުސްލިމުންގެ ބާރުގެ ދަށުގައެވެ. … ޞަލާޙުއްދީން އޭނާގެ ބަސްފުޅާ އެއްގޮތަށް ޢަމަލުކުރެއްވިއެވެ. އަދި ފަތަޙަ ކުރެވުނު ޝަހަރުގެ އަހުލުވެރީންނާ މެދު އިސްލާމީ އަޚްލާޤުގެ އެންމެ މަތިވެރި އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރެއްވިއެވެ. 1099 ވަނަ އަހަރު ޞަލީބީން ހިންގި ޤަތުލުޢާއްމުގެ ބަދަލު ހިއްޕަވާކަށް އޭނާ ނުއުޅުއްވައެވެ. އެއީ ޤުރްއާނުގެ 16 ވަނަ ސޫރަތުގެ 127 ވަނަ އާޔަތާއި، 2 ވަނަ ސޫރަތުގެ 193 އަދި 194 ވަނަ އާޔަތުގައި ކުރައްވާފައި ވާ އަމުރާ ތަބާވެވަޑައިގެންނެވުމުގެ ގޮތުންނެވެ.

މިއީ މުނާޒު މުޙައްމަދު، ޞަލަޙުއްދީނުލް އައްޔޫބީ އާއި ބެހެގޮތުން ލިޔުއްވަފައިވާ ލިޔުމަކުން ތަރުތީބުކުރެވިފައިވާ ލިއުމެކެވެ.