ޑަކްޓަރުން ބަލިމީހުން ބަލަން އަންނަލެއް ލަސްކަމުގެ ޝަކުވާ އަކީ އަބަދުމެ، ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރެވޭ ޝަކުވާއެކެވެ. ބައެއް ޑަކްޓަރުން އެމީހުންގެ އަމިއްލަ ކަންކަމާއި ހެދި ލަސްވާއިރު އަނެއްބައި ޑަކްޓަރުން، އެހެން ބަލިމީހުންގެ ސަބަބުން ލަސްވެއެވެ. މިއީ މިގޮތަށް ލަސްވާން ބޭނުން ނުވި ޑަކްޓަރެކެވެ. 

އިންޑިޔާގެ މަނިޕާލް ހޮސްޕިޓަލުގައި މަސައްކަތްކުރާ އޮޕަރޭޝަން ޑަކްޓަރެއް ކަމަށްވާ ޑރ. ގޮވިންދާ ނަންދަކުމާރް، މަނިޕާލް ހޮސްޕިޓަލަށް ދިއުމަށް 45 މިނެޓު ވަނީ ދުވެފައެވެ. އެއީ 4 ކިލޯމީޓަރުގެ ދިގު ރާސްތާއެއްގައެވެ. ޑރ. ގޮވިންދާގެ މި ހަބަރު މީސްމީޑިޔާއަށް ވަނީ ތިލަވެފައެވެ.

ފިތުގައި ހިލައުފެދި، ފިތް ނެގުމުގެ އޮޕަރޭޝަނެއް ކުރުމަށް މަނިޕާލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު އޮތީ ތައްޔާރު ކޮށްފައެވެ. ޑރ.ގޮވިންދާ އޭނާގެ ގެއިން ހޮސްޕިޓަލަށް އަންނަނީ ކާރުގައެވެ. އެދުވަހު މަގުމަތީގެ ޓްރެފިކް ބޮޑުވެ، ކާރުގައި އޮޕަރޭޝަނުގެ ގަޑި ޖެހެންވާއިރަށް ހޮސްޕިޓަލަށް ނުދެވޭނޭކަން ޑރ.ގޮވިންދާ އަށް އެނގުމުން، އޭނާ ގަސްތުކުރީ ބާކީ އޮތްތަން ދުވެފާ ދިއުމަށެވެ. ކާރުގައި ޑްރައިވަރު އިނުމުން ކާރު ދޫކޮށްލާފައި އޭނާ ދުއްވައިގަތީ ލަސްނުވެ އަވަހަށް ދިއުމަށެވެ. އެގޮތުން 4 ކިލޯމީޓަރުގެ ދިގު ރާސްތާއެއް އޭނާ ހުރަސްކުރީ ފައިމަގުގާ ދުވެފައެވެ.

އިންޑިޔާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ގޮވިންދާ މަނިޕާލް ހޮސްޕިޓަލަށް ދިޔައީ އޮޕަރޭޝަން ފެށުމުގެ ގާތްގަނޑަކަށް 15 މިނެޓު ކުރިންނެވެ. އަދި އޭނާގެ ކާރު މަނިޕާލް ހޮސްޕިޓަލާއި ހަމައަށް އާދެވުނީ އޮޕަރޭޝަން ނިމުނު ފަހުންކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ. އެމެޖެންސީ އެ އޮޕަރޭޝަނަށް ގަޑި ނުޖެހި އައުމަށް ގޮވިންދާ އެ ކުރި މަސައްކަތް ގިނަ ބަޔަކު ވަނީ ބަލައިގަނެފައެވެ. އަދި އެކަމަށް ބަލި މީހާގެ އާއިލާއިންނާ މަނިޕާލް ހޮސްޕިޓަލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މަނިޕާލް ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެފަދަ ހޮސްޕިޓަލު ތަކުގައްޔާއި އަދި ރާއްޖޭގައިވެސް ޑރ.ގޮވިންދާ ފަދައިން އިހުލާސްތެރި ވަފާތެރި، ވަގުތައް ކަމޭ ހިތާ، އިންސާނިއްޔަތު އިސްކުރާ ޑަކްޓަރުން ކިތައްމެހާވެސް ގިނަވާނެއެވެ.