ޗީތާ އަލުން އިންޑިއާގެ ވެއްޓަށް ތައާރަފް ކުރުމަށް ކުރިއަށް ގެންދިޔަ ބޮޑު މަޝްރޫއެއްގައި ނެމީބިއާގެ 8 ޗީތާ އިންޑިއާއަށް ގެނެސްފިއެވެ.
އޮފިޝަލުން ބުނާ ގޮތުގައި މި މަޝްރޫއަކީ ދުނިޔޭގެ އެންމެ ހަލުވި އެއްގަމު ޖަނަވާރު، ޗީތާގެ، އިންޓަރ-ކޮންޓިނެންޓަލް ރިލޯކޭޝަންގެ ފުރަތަމަ މަޝްރޫއުއެވެ. 5 އަންހެން ޗީތާ އާއި 3 ފިރިހެން ޗީތާ، ނެމީބިއާގެ ގޭމް ޕާކުން އިންޑިއާއަށް ގެނައީ “ކެޓް ޕްލޭން” ގެ ނަމުން ނަންދީފައިވާ ޗާޓަރ ފްލައިޓެއްގަ 11 ގަޑިއިރުގެ ދަތުރަކަށްފަހުއެވެ.
ހޮނިހިރު ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ނިއުދިއްލީގެ ދެކުނުން 320 ކިލޯމީޓަރު (200 މޭލު) ދުރުގައި އޮންނަ ކުނޯ ނޭޝަނަލް ޕާކަށް ޗީތާ ދޫކޮށްލުމުގެ ކަންކަން ކުރިއަށްދިޔައިރު އެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ.
"މިއަދު ޗީތާ އެނބުރި އިންޑިއާގެ ފަސްގަނޑަށް އަތުވެއްޖެ،" މޯދީގެ 72 ވަނަ އުފަންދުވަހާ ދިމާކޮށް ޗީޓާތައް ދޫކޮށްލުމަށްފަހު ފަހު ދެއްވި ވީޑިއޯ ޚިޠާބުގައި ވިދާޅުވި އެވެ.
ދޫކުރި ކޮންމެ ޗީތާއެއްވެސް ދޫކޮށްލީ ޓްރެކަރ ހަރުކުރުމަށްފަހުއެވެ. މި ޗީތާތައް ފުރަތަމަ ގާތްގަނޑަކަށް މަހެއްހާ ދުވަހު ކަރަންޓީން އެންކްލޯސަރެއްގައި ބަހައްޓައިގެން ޕާކުގެ ހުޅުވިފައިވާ ފަޅު ސަރަހައްދުތަކުގައި ދޫކޮށްލައިގެން ގެންގުޅޭނެއެވެ.
ދެކުނު އެފްރިކާއިން އަންނަ މަހު އިތުރު 12 ޗީތާ އިންޑިއާއަށް ގެނެވޭނެ ކަމަށް ރިޕޯތްތައް ބުނެއެވެ.
އިންޑިއާއަކީ އެއް ޒަމާނެއްގައި، އެންމެ ގިނައިން ޗީތާ އުޅުނު އޭޝިއާގެ ޤައުމު ނަމަވެސް، 1952 ވަނަ އަހަރު ވަނީ އިންޑިއާއިން ޗީތާ ނެތިގެންގޮސްފައެވެ.
ކުރިން މެދުއިރުމައްޗާއި މެދުތެރޭ އޭޝިއާ އަދި އިންޑިއާގައި އުޅެމުން ދިޔަ މި ސަބްސްޕީޝީސް މި ސަރަޙައްދުން މިހާރު ފެންނަނީ، ވަރަށް މަދު އަދަދަކަށް، އީރާނުން އެކަންޏެވެ.
މުޅި އޭޝިއާ އާއި އެފްރިކާގައި ގިނަ އަދަދަކަށް އުޅެމުން ދިޔަ ޗީތާތައް މަދުވަމުންގޮސް މިހާރު މުޅި ދުނިޔޭގަވެސް އުޅެނީ އެންމެ ހަތްހާހެއްހާ ޗީތާކަމަށް ރެކޯޑްތަކުންދައްކައެވެ. އޭގެ ތެރެއިން ބޮޑު ޕަސެންޓޭޖެއް އުޅެނީ އެފްރިކާ ބައްރުގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން