ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑަށް ވެކްސިނެއް ތައްޔާރު ކުރެވި، މި އަހަރު ނިމުމުގެ ކުރިން އެމެރިކާއިން ލިބޭނެކަމަށް ލަފާ ކުރެވޭ ކަމުގައި ޑރ. އެންތަނީ ފައުޗީ ބުނެފިއެވެ.

ޑރ. ފައުޗީއާ ހަވާލާދީ ބީބީސީ ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެހާތަނަށް އެ ވެކްސިން ލިބިގެންދާނީ އެ ވެކްސިނަކީ ރައްކާތެރި އަދި ރަނގަޅު ވެކްސިނެއްކަމުގައި ވެއްޖެނަމައެވެ. އެމެރިކާ ސަރުކާރުގެ ސައިންޓިސްޓެއް ކަމަށްވާ ޑރ. ފައުޗީ ބީބީސީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ފުރަތަމަ ވަކި ވަރަކަށް ވެކްސިން ފޯރުކޮށްދެވޭނީ އިސްކަންދޭ ތަރުތީބަކުން ކަމަށެވެ. އަދި އެކަން ޖެހިގެން އަންނަ އަހަރުގެ މަސްތަކަކަށް ދެމިގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި އާންމުކޮށް ވެކްސިން ލިބެން ހުންނާނީ އޭގެ ފަހުންކަމަށްވެސް ހާމަ ކޮށްފައިވެއެވެ.

ޑރ. ފައުޗީ ގަބޫލު ކުރާ ގޮތުގައި އެ ވެކްސިންގެ ސަބަބުން މުޅިން ކޮރޯނާ ބައްޔަށް އޮތް ނުރައްކާ ނައްތާ ނުލެވޭނެކަމަށާއި، އެކަމަށް ދުވަސް ނަގާނެކަމަށެވެ.