ފްރާންސްގެ ރައީސް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ފްރާންސް އަދި މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ ގައުމީ ޓީމުން ރިޓަޔަރ ވާން އުޅޭކަމަށް ވާހަކަ ދެކެވެން ފަށައިފިއެވެ.

ޕޮގްބާ ގައުމީ ޓީމުން ރިޓަޔަރ ވާން އުޅޭކަމުގެ ވާހަކަތައް ފެތުރިފައި މިވަނީ، ދާދިފަހުން ފްރާންސްގެ ޓީޗަރަކު މަރާލި ހާދިސާއަކަށްފަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މުސްލިމުންނާ ދެކޮޅަށް ވާހަކަތަކެއް ދައްކަވަމުންދާތީއެވެ. އުމުރުން 47 އަހަރުގެ ސެމުއެލް ޕެޓީ ކިޔަވައިދިނުމަށްފަހު އެނބުރި ގެޔަށް ދިޔަ މަގުމަތީ ބަޔަކު ދިން ހަމަލާއަކާ ގުޅިގެންވަނީ މަރުވެފައެވެ. އެ ހަމަލާ ފްރާންސްގެ ރައީސް ސިފަ ކޮށްފައިވަނީ މުސްލިމުން ހިންގި ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. އަދި ފަހުން، އިސްލާމިކް ޓެރަރިޒަމަށް އޮތް ހަމައެކަނި ހައްލަކީ އެއްބައިވަންތަކަމާއި އެކަތިގަނޑަކަށްވުން ކަމަށްވަނީ ބުނެފައެވެ. އެ ހާދިސާއަށްފަހު ފްރާންސްގައި މުޒާހަރާތައްވަނީ އިތުރުވެފައެވެ. އަދި އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ބިރުވެރިކަންވަނީ އިންތިހާއަށް އިތުރުވެފައެވެ.

މިކަންކަމާއިގުޅިގެން، ފްރާންސްގެ ފުޓްބޯޅަ ތަރި ޕޮގްބާ ފްރާންސްގެ ގައުމީ ޓީމުން އަލްވަދާޢު ކިޔަން ނިންމައިފިކަމަށް، މީސްމީޑިއާގައި ވާހަކަތަކެއް ވަނީ ތިލަވެފައެވެ.

މެދުއިރުމަތީގެ ބައެއް މީޑިއާތަކުންވެސް އެ ގޮތަށް ޚަބަރު ފަތުރާފައިވީނަމަވެސް، އުމުރުން 27 އަހަރުގެ ޕޮގްބާގެ ފަރާތުން ވެސް އަދި ފްރާންސްގެ ފުޓްބޯޅައިގެ މައި އިދާރާއިން ވެސް އެކަމާ އަދި ވާހަކަ ދައްކާފައެއް ނުވެއެވެ.