ދާދިފަހުން ފްރާންސްގައި ޓީޗަރަކު މަރާލި ހާދިސާއަކަށްފަހު ފްރާންސް އަދި އެ ގައުމުން އުފައްދާ ތަކެއްޗާއި ބްރޭންޑްތައް ބޮއިކޮޓް ކުރުމުގެ އަޑު ގަދަވެއްޖެއެވެ.

އުމުރުން 47 އަހަރުގެ ސެމުއެލް ޕެޓީ ނަމަކަށް ކިޔާ ޓީޗަރަކު، ކިޔަވައިދިނުމަށްފަހު އެނބުރި ގެޔަށް ދިޔަ މަގުމަތީ ބަޔަކު ދިން ހަމަލާއަކާއި ގުޅިގެންވަނީ މަރާލެވިފައެވެ. އެކަން ހިނގާފައިވަނީ ކުލާހުގައި އެންމެ ފަހުގެ ނަބިއްޔާ މުހައްމަދުގެފާނަށް ކާޓޫނު ކުރެހުމާއި ގުޅިގެންކަމަށް ޚަބަރުތަކުން ބުނެއެވެ. އަދި އެ ހަމަލާ ފްރާންސްގެ ރައީސް ސިފަ ކޮށްފައިވަނީ މުސްލިމުން ހިންގި ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. އަދި ފަހުން، އިސްލާމިކް ޓެރަރިޒަމަށް އޮތް ހަމައެކަނި ހައްލަކީ އެއްބައިވަންތަކަމާއި އެކަތިގަނޑަކަށްވުން ކަމަށްވަނީ ބުނެފައެވެ.

އެ ހާދިސާއަށްފަހު ފްރާންސްގައި މުޒާހަރާތައްވަނީ އިތުރުވެފައެވެ. އަދި އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ބިރުވެރިކަންވަނީ އިންތިހާއަށް އިތުރުވެފައެވެ.

ފާޅުގައި މުސްލިމުންނާ ދެކޮޅަށް ފްރާންސްގެ ރައީސްގެ ވާހަކަތައް ހުރުމުގެ ސަބަބުން ތުރުކީގެ ރައީސް ތޮއްޔިބު އުރުދުޢާންވަނީ ފްރާންސްގެ ރައީސްގެ ސިކުނޑި ހަމަޖެހޭތޯ ޓެސްޓް ކުރުމަށްވެސް ގޮވާލާފައެވެ. އަދި ފްރާންސްގެ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ފަތުރާ އަޑުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުން ދަނީ އެ ގައުމުގައި ފްރާންސްއިން އުފައްދާ ތަކެއްޗާ ބްރޭންޑްތައް މަނާ ކުރުމަށް ނުވަތަ ބޭނުން ނުކުރުމަށް ގޮވާލަމުންނެވެ. އެ އަޑު ދިވެހިރާއްޖޭގެ މީސްމީޑިއާއިން ވެސް ދަނީ ފެންނަމުންނެވެ.

ދިވެހިންގެ މެދުގައި އިސްލާމްދީނާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަލީ ރަމީޒް މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ލޯބިވާ މާތް ނަބިއްޔާއަށް ލޯބިވާކަން ހާމަ ކުރާކަށް މުސްލިމުން ޖެހިލުމެއް ނުވާނެކަމަށާއި، ނަބިއްޔާއަށް ކުރެވޭ ފުރައްސާރަ އަކީ މުޅި އިސްލާމީ އުންމަތަށް ކުރެވޭ މަލާމާތެއްކަމަށެވެ. އެ ސްޓެޓަސް އާއެކު ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށާއި، ފްރާންސްގެ ރައީސް މެކްރޮންއަށް ފާޑުކިޔުމަށްފަހު، ފްރާންސް ބޭން ކުރުމަށް ގޮވާލާ ހޭޝްޓެގް ބޭނުން ކޮށްފައިވެއެވެ.

ފޭސްބުކްގައި އެކަނި ވެސް #ބޮއިކޮޓް ފްރާންސްގެ ހޭޝްޓެގް 48 ހާސް މީހުން މިހާތަނަށް ބޭނުން ކޮށްފައިވެއެވެ.