ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ "ސްޓޭކް އެންޑް ކޮފީ ބާ" އިން ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލައި އެ ގައުމު ބޮއިކޮޓް ކޮށްފިއެވެ.
އެ ކެފޭ އިން ރޭގެ ވަގުތެއްގައި މީސްމީޑިއާގައި ހާމަކުރި ޕޯސްޓްގައިވާ ގޮތުގައި، އެ ކެފޭގެ އެއްވެސް އުފެއްދުމެއްގައި ފްރާންސްއިން އުފައްދާފައިވާ އެއްޗެއް ދެން ބޭނުން ކުރާނީ އިސްލާމްދީނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް ފްރާންސްގެ ރައީސް މެކްރޮން މާފަށް އެދުމުންކަމަށެވެ. ޒުވާނުންގެ މެދުގައި މަޝްހޫރު މި ކެފޭއިން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލުމުން ވަރަށް ގިނަ ބަޔަކު ދަނީ އެކަމަށް ހިތްވަރުދީ މަރުހަބާ ކިޔަމުންނެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ވިޔަފާރިއެއް މިހާ ފާޅުކަން ބޮޑުކޮށް ފްރާންސްގެ އެ ޢަމަލު ކުށްވެރި ކުރީތީ އުފާކުރާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ބައެއް ޝެއިޙުން ވެސް ވަނީ ފްރާންސްގެ ރައީސްގެ ޢަމަލުތައް ކުށްވެރި ކޮށްފައެވެ. އެގޮތުން ޝައިޙް އަލީ ޒާހިރް ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގެ އިތުރުން ދުނިޔޭގެ އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ފްރާންސް ބޮއިކޮޓް ކުރުމުގެ އަޑު ވަނީ ގަދަވެފައެވެ. މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. އެގޮތުން އިއްޔެ ފަލަސްތީނުގެ ޢައްޒާގައިވެސް ވަނީ އެކަމަށް އަޑު އުފުލާ މުޒާހަރާ ކޮށްފައެވެ.
މި މައްސަލަތައް ފެންމަތިވެފައިވަނީ ދާދި ފަހުން ފްރާންސްގެ ޓީޗަރަކު ކުލާހުގައި މުސްލިމުންގެ ނަބިއްޔާ މުހައްމަދުގެފާނަށް ނިސްބަތްކޮށް ކާޓޫނު ކުރެހުމުގެ ސަބަބުން މަރާލި ހާދިސާއަށްފަހުއެވެ. އެ ހާދިސާއަށްފަހު ފްރާންސްގެ ރައީސް ވަނީ އެ ހާދިސާއަކީ މުސްލިމުން ހިންގި އިސްލާމިކް ޓެރަރިސްޓް ހަމަލާއެއްކަމަށް ބުނެ މުސްލިމުންނާ ދެކޮޅަށް އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައެވެ. އަދި މުސްލިމުންނާ ދެކޮޅަށް އެއްބައިވަންތަކަމާއި އެކަތިގަނޑަކަށް ވުމަށްވެސް ވަނީ ގޮވާލާފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން