ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 3 މުވައްޒަފުން މިއަަހަރު ވެސް ހައްޖަށް ފޮނުވަން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީމިއަހަރު ހައްޖަށް ފޮނުވަން ނިންމާފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޏ. ފުވައްމުލަށް ފިހާރަ، އެސްޓީއޯ ސ. ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލް ގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.
އެސްޓީއޯއިން 2016 ވަނަ އަހަރު މުވައްޒަފުންނަށް ހުޅުވާލި މި ސްކީމްގެ ދަށުން ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ފަރުޟު ހައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ހައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެއްޖާގަ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން މުވައްޒަފަކަށް ވަނީ ޚާއްސަކޮށްފައެވެ.
އެ ޖާގައަށް ހޮވާނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފެވެ. އިތުރު ޖާގައަށް ހޮވަނީ ގުރުއަތުންނެވެ.
އެސްޓީއޯއިން އިތުރަށް ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ސައުދީއިން ހަމަޖެހިފައި ނުވާތީ އެއަހަރު ހައްޖަށް ދިއުމަށް ހޮވުނު މުވައްޒަފުން އެ އަހަރު ނުފޮނުވުނު ނަމަވެސް މިދިޔަ އަހަރާއި މި އަހަރު އެ މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު ވަނީ ހައްޖަށްދާ މުވައްޒަފުންނާ ބައްދަލަކުރައްވާ މަބުރޫރު ހައްޖަކަށް އެދިވަޑައިގެންފައެވެ.
ކުރިއަށްއޮތް އަހަރުތަކުގައިވެސް އެސްޓީއޯގެ ފަރާތުން މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން