ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން 1-0 އިން ހޯދީ މޮޅާއެކު ބެލްޖިއަމުން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ 1989 ވަނަ އަހަރުގެ ފަހުން ޕޯޗުގަލް އަތުން ވާދަވެރި މެޗަކުން ބެލްޖިއަމް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ޔޫރޯގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވި ނިންމާލަންޖެހުނު ފުރަތަމަ މެޗެވެ. މީގެއިތުރުން، މިއީ މި މުބާރާތުގައި ބެލްޖިއަމް އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއްވަނަނުދީ ނިންމާލި ހަވަނަ މެޗެވެ.
ސެވީލްގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގާ ތޯގަން ހަޒާޑް އެވެ. މިއީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފުލްބެކް ތޯމަސް މޫނިއޭ ޖައްސާލި ޕާހަކުން ޕެނަލްޓީއޭރިޔާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ތޯގަން ހަޒާޑް ކާމިޔާބުކުރި ގޯލެކެވެ.
އޭގެކުރީން، މި މެޗުގެ ކުރީކޮޅު ޕޯޗުގަލް އަށް ލީޑްނަގައިދޭން އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ތަނަވަސްކުރި ފުރުޞަތަކުން ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެފަހުން، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބެލްޖިއަމްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ކެވިން ޑި ބްރޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. ޑި ބްރޭނާގެ ފައިގެ ކުޑަހުޅަށް އަނިޔާވީ މި މެޗުގެ ފުރަތަމަ ހާފުގެ ފަހުބައިގައި ޕޯޗުގަލްގެ މިޑްފީލްޑަރު ޔާއޯ ޕަލީނިއާ ކުރި ޓެކުލެއްގެ ސަބަބުން ދެވަނަ ހާފުގައި ކުޅުން އިތުރަށް ކުރިއަށްގެންދެވޭގޮތް ނުވުމުންނެވެ. ޑި ބްރޭނާގެ ބަދަލުގައި ކުޅެން އެރީ ނަޕޯލީގެ ފޯވާޑް ޑްރީސް މާޓެންސް އެވެ.
މި ހާފުގައި ޕޯޗުގަލް އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން، އެ ޓީމުގެ ޑިފެންޑަރު ރުބެން ޑިއާސް ބޮލުން ފޮނުވާލި ބޯޅައެއް ބެލްޖިއަމްގެ ކީޕަރު ކޯޓުއާ މަތަކުރިއިރު، ޕެނަލްޓީއޭރިޔާގެ ރޮނގުމަތީން ކަހަލަގޮތަކަށް ރަފައެލް ގަރޭރޯ އެއް ފަހަރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. މީގެއިތުރުން، އެތުލެޓިކޯ މެޑްރިޑްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.
ބެލްޖިއަމުން މި މެޗުން ހޯދީ މޮޅާއެކު ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މި މުބާރާތުގައި އެ ޓީމަށް ދެން އޮތީ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ ޓީމުގެ އިތުރުން މިހާތަނަށްއައިއިރު ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ އެހެން ޓީމުތަކަކީ، ޑެންމާކާއި ޗެކް ރިޕަބްލިކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން