އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ސްޓެލްކޯގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.
 
ނޮވެމްބަރު މަހުގެ 5 އިން 14 ވަނަ ދުވަހަށް، ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ހިންގި މި ކޯހުގައި ސްޓެލްކޯގައި މަސައްކަތްކުރާ 13 މުވައްޒަފަކު ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވެއެވެ.


 
މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ހިމެނެއެވެ.

މީގެ އިތުރުން ފިޒިކަލް ޓްރެއިނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމާއި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ވެސް ބައިވެރިންނަށް ވަނީ ދަސްކޮށްްދީފައެވެ.
 
ސްޓެލްކޯގެ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ މި ދާއިރާއިން ޢިލްމާއި ތަމްރީނު ލިބިފައިވާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.