ޗައިނާގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ޓިކްޓޮކް އަކީ ދުނިޔޭގެ އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަން އެކެވެ. ޓިކްޓޮކްގެ މައްސަލާގައި އެމެރިކާ އާއި ޗައިނާ މިދިޔަ އަހަރު ކޯޅެމުން ދަނިކޮށް ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި އެ އެޕް ހިންގާ ބައިޓްޑާންސްގެ ސީއޯއޯގެ މަގާމު އަދާކުރަމުން ދިޔަ އެމެރިކާގެ ކެވިން މޭޔާ މަގާމުތައް ދޫކޮށްލިތާ ގާތްގަނޑަކަށް އަށް މަސް މި ކުންފުނިން މިވަނީ އަނެއްކާ ވެސް އާ ސީއީއޯ އެއް ހޯދާފައިއެވެ. ކުރިން ޑިޒްނީގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ކެވިން ޓިކްޓޮކާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން 1 ގަ އެވެ.
މިފަހަރު ސީއީއޯ އަކަށް ހަމަޖައްސާފައިވަނީ މި އަހަރުގެ ކުރީކޮޅު ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި ޝޯޒީ ޗޫ ކަމަށެވެ. އޭނާ އަކީ ސިންގަޕޫރަށް ނިސްބަތް ވާ ބޭފުޅެކެވެ. މި ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި ޝޯޒީ ސީއީއޯގެ އިތުރުން ކުރިން ހުންނެވި މަގާމުގެ މަސްއޫލިއްޔަތު ވެސް އަދާ ކުރައްވާނެއެވެ.
ޓިކްޓޮކްގެ ސީއީއޯގެ މަގާމު ކެވިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ދޫކޮށްލެއްވުމާ ގުޅިގެން ވަގުތީ ގޮތުން ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދެވީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމު އަދާކުރައްވަމުން ގެންދެވި ވަނެޒާ ޕަޕަޒް އެވެ. މިހާރު ޓިކްޓޮކަށް އާ ސީއީއޯ އަކު ހަމަޖެހުމާ ގުޅިގެން އޭނާ ކުރިން ހުރި މަގާމަށް މިހާރު ވަނީ އިޔާދަކޮށްފަ އެވެ.
ޓިކްޓޮކަށް އާ ސީއީއޯ އަކު ހަމަޖެހުމާ ގުޅިގެން ބައިޓްޑާންސްގެ ސީއީއޯ ޔިމިން ޒަންގް ވިދާޅުވީ އާ ސީއީއޯ އާއި ވަނެސާއާ އެކު އަނެއްކާ ވެސް ޓިކްޓިކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން ޝޯޒީ އަކީ ތަޖުރިބާ ހުރި ގާބިލް ބޭފުޅެއް ކަން ފާހަގަ ކުރައްވާ އޭނާ ޓިކްޓޮކްގެ ކުރިމަގު ވަރަށް ރަނގަޅަށް ބައްޓަން ކުރާނެކަން އެ ކުންފުނިން ފާހަގަ ކޮށް ފައިވެއެވެ.
ޓިކްޓޮކްގެ ހެޑްކުއާޓަރު ޗައިނާގައި ހުއްޓަސް، އާ ސީއީއޯ މަސައްކަތްކުރައްވާނީ އަމިއްލަ ގައުމު ސިންގަޕޫރްގައި ހުންނަވައިގެންނެވެ. ބައިޓްޑާންސުން ބުނީ އެގޮތަށް މަސައްކަތްކުރަން މިހާރު ޖެހުމަކީ މާ ބޮޑު ތަފާތެއް ފެންނަ ކަމެއް ނޫން ކަމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން