މެންދަމުގެ ހަމަހިމޭންކަމުގެ ތެރޭގައި، ގޮނޑުދޮށަށް ބިންދާލާ ރާޅުތަކުގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. އުޑުމަތީގައިވާ ފަނޑު ތަރިތަކުގެ ދަށުން، ލޮނު ރަހައާއި ވާރޭގެ ތެތްކަން އެކުލެވިގެންވާ މަޑުމައިތިރި ވައިރޯޅިތައް ހިމޭން މަގުތައް ހުރަސްކޮށް ދަތުރުކުރަމުން ދިޔައެވެ. މުޅި ދުނިޔެ އަރާމު ނިންޖަކަށް ގެނބިފައިވީ ނަމަވެސް، ޝީނާ އޮތީ އޭނާގެ ކޮޓަރީގައި ނުނިދި، އަނދިރިގަނޑުގެ ތެރެއަށް ބަލަހައްޓައިގެންނެވެ. އޭނާއަށް އަބަދުވެސް ކުރެވެނީ އޭނާ އެކަނި ނޫންކަމުގެ އިހުސާސެކެވެ.
މިއީ މިހާރު ޝީނާއަށް އާދައިގެ ކަމެކެވެ.
ކޮންމެ ރެއަކުވެސް ގޭގެ އެންމެން ނިދުމުން، އޭނާގެ ކައިރީގައި ކޮންމެވެސް އެއްޗެއް ވާކަން އިހުސާސްވެއެވެ. ބައެއް ފަހަރު ކޮނޑުމަތިން ފަނޑު ހޫނުކަމެއް އިހުސާސްވާއިރު، އަނެއްބައި ފަހަރު ހަންގަނޑަށް އެޅޭ ނޭވާގެ ތެތްކަން އިހުސާސްވެގެން ކުއްލިއަކަށް ފަސްއެނބުރި ބަލައިލެވެއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އެތަނުގައި އެއްވެސް މީހަކު ނުހުރެއެވެ.
މި އިހުސާސް ދުވާލުގެ ވަގުތުތަކުގައިވެސް އޭނާއާ ވަކިނުވެއެވެ. ކާން އިންނައިރު ގާތުގައި މީހަކު އިންނަހެން ހީވުމާއި، މަސައްކަތުގައި އުޅޭއިރު ފަހަތުގައި ހިޔަންޏެއް ވާކަމުގެ އިހުސާސް އަބަދުވެސް އޭނާއާއެކު ވެއެވެ. ހަގީގަތުގައި މިއީ ބިރުގަންނަންޖެހޭ ކަމެއް ނަމަވެސް، ގިނަ ދުވަސްވުމުގެ ސަބަބުން ޝީނާއަށް މިއީ އާދައިގެ ކަމަކަށް ވެއްޖެއެވެ. މީގެ އިތުރުން، އޭނާގެ ހަށިގަނޑުގައި ހުންނަ ކުޑަ ނިޝާނަކީ ވެސް ޝީނާއަށް އޭގެ އަސްލު ނޭނގޭ ސިއްރެކެވެ. އެއީ އޭނާގެ ފަހަތުން އަޅުވާފައިވާ ނުފެންނަ މަޚްލޫޤާ ގުޅިފައިވާ ނިޝާނެއްކަމެއް އޭނާއަކަށް ނޭނގެއެވެ.
އޭނާގެ ނަމަކީ ރިޔާންއެވެ.
ރިޔާންއަކީ އިންސާނުންގެ ލޮލަށް ނުފެންނަ ދުނިޔެއަކަށް ނިސްބަތްވާ ޖިންނިއެކެވެ. ޝީނާގެ ދިރިއުޅުމަށް އޭނާ ފާރަލަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. ފުރަތަމަ އުފެދުނު ޝައުގުވެރިކަން މަޑުމަޑުން ލޯތްބަށް ބަދަލުވެ، އެ ދެމެދުގައިވާ ދުނިޔޭގެ ފަރަގު ހަނދާން ނައްތާލެވޭ ހިސާބަށް ކަންކަން ދިޔައެވެ. އެހެން އެއްވެސް މީހަކަށް ނުފެންނަ ޝީނާގެ ހިތާމަތަކާއި، އެކަނިވެރިކަމާއި، ސިއްރު ކަރުނަތަކުގެ ހަމައެކަނި ހެކިވެރިއަކީ ރިޔާންއެވެ.
ނަމަވެސް އެއް ރެއަކު ހުރިހާ ކަމެއް ބަދަލުވިއެވެ.
ކުޑަދޮރުން ވަންނަމުންދިޔަ ހަނދުވަރުގެ ފަނޑު އަލީގައި ޝީނާ އިންދާ، އަނެއްކާވެސް އެ ގާތް އިހުސާސް ވިއެވެ. އެކަމަކު މިފަހަރު އޭނާ ފަސްއެނބުރި ބަލައިލުމުން އެ ހިޔަނި ގެއްލިގެން ނުދިޔައެވެ.
ކުޑަދޮރު ކައިރީގައި މީހަކު ހުއްޓެވެ.
ޝީނާ ހުއްޓުން އެރިއެވެ. ހަނދުވަރުގެ އަލީގައި އެ ޒުވާނާގެ މޫނުމަތިން ފެންނަނީ އާދަޔާޚިލާފު ރީތިކަމެކެވެ. ނިތްކުރިމައްޗަށް ވެއްޓިފައިވާ މުށިކުލައިގެ އިސްތަށިގަނޑާއި، ހަނދުވަރުގެ ރިހި އަލި އެޅިފައިވާ ދޮން ހަންގަނޑެވެ. އެންމެ ފާހަގަކޮށްލެވެނީ ބަލާ މީހަކު ހައިރާންކުރުވާ ފަދަ ނޫކުލައިގެ ދެ ލޮލެވެ. މިއީ އިންސާނެއް ނޫންކަން ޝީނާގެ ހިތް ބުނަމުން ދިޔައެވެ. މިއީ ޝީނާއަށް ރިޔާން ފެނުނު ފުރަތަމަ ފަހަރެވެ.
ކުޑަދޮރުގެ ދޮރުފޮތިގަނޑު ކަހައިލަމުން ވަންނަމުންދިޔަ ފިނި ވައިރޯޅިތަކުގެ ތެރޭގައި، ރިޔާން މަޑުމަޑުން ޝީނާއާ ގާތަށް ޖެހިލިއެވެ. އޭނާގެ އަޑުގައި ވަނީ އިންސާނެއްގެ ކިބައިން ދުވަހަކުވެސް ނީވޭ ފަދަ މަޑުމައިތިރި، އެހާމެ އަސަރުގަދަ ރާގެކެވެ.
"ޝީނާ... ބިރުނުގަނޭ،" ރިޔާންގެ ނޫކުލައިގެ ދެލޮލުން ޝީނާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. "އަހަރެން މިއީ ކަލާއަށް ދުވަހަކުވެސް ގެއްލުމެއް ދޭނެ މީހެއް ނޫން. އަހަރެން ކަލާއަށް ފާރަލަމުން، ކަލާގެ ހިމާޔަތުގައި ހުންނަތާ ކިތަންމެ ދުވަހެއް ވެއްޖެ."
ޝީނާގެ ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ. އެއްޗެއް ބުނަން ބޭނުންވި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ.
ރިޔާން އިތުރަށް ގާތަށް ޖެހިލައި، އޭނާގެ ފިނި، އެހެނަސް މަޑުމައިތިރި އަތްތިލަ ޝީނާގެ ކޯތާފަތުގައި ޖައްސައިލިއެވެ. އެ ވަގުތު ޝީނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"ޝިނާ ހިނިތުންވާ ތަން ދެކެން އަހަރެން އުފާވޭ،" ރިޔާންގެ އަޑުގައިވީ ފުން ހިތާމައެކެވެ. "އެކަމަކު އެންމެން ނިދުމުން، ކަލާ އެކަނި އިނދެ ރޯ ކޮންމެ ކަރުނަތިއްކެއް ވެއްޓޭތަން ބަލަން އަހަންނަކަށް ކެތެއް ނުވި. ކަލާ ހިތާމަކުރާ ކޮންމެ ވަގުތަކު އަހަރެންގެ ހިތް ކުދިކުދިވޭ. އަހަރެން ބޭނުންވީ ކަލާގެ އެކަނިވެރިކަން ފިލުވައިދޭން. އަހަރެމެންގެ ދުނިޔެ ތަފާތުކަން އެނގިހުރެމެ، އަހަންނަށް ކަލާ ދެކެ ލޯބިވެވިއްޖެ."
ރިޔާން މަޑުމަޑުން ޝީނާގެ އަތުގައި ހިފައި، އޭނާގެ ހަށިގަނޑުގައިވާ އެ ސިއްރު ނިޝާނުގައި އިނގިލި ޖައްސައިލިއެވެ. އެ ވަގުތު އެ ނިޝާނުން ފަނޑު އަލިކަމެއް ފާޅުވެލިހެން ހީވިއެވެ.
"މިއީ އަހަރެން ޝިނާއަށް ދިން ނިޝާނެއް،" ރިޔާން ބުންޏެވެ. "ކަލާއަކީ އަހަރެންގެ ޙިމާޔަތުގައިވާ މީހެއްކަން އަހަރެންގެ ދުނިޔޭގެ އެންމެންނަށް އެންގުމަށްޓަކައި. ކަލާއާ ވަކިން އުޅެން އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް، އަހަރެންގެ ފިޔަވަޅުތައް އަބަދުވެސް ގެނެސްދެނީ ކަލާގެ ގާތަށް."
ރިޔާންގެ މި ވާހަކަތަކާއި، އޭނާގެ ލޮލުން ފެންނަމުންދިޔަ ތެދުވެރި އިހުސާސްތަކުގެ ސަބަބުން، ޝީނާގެ ހިތުގައިވި ބިރުވެރިކަން މަޑުމަޑުން ވިރިގެން ދިޔައެވެ. ދުވަހަކުވެސް އެހެން އިންސާނެއްގެ ފަރާތުން ނުލިބޭ ފަދަ ސަމާލުކަމަކާއި، ރައްކާތެރިކަމެއް ރިޔާންގެ ފަރާތުން އޭނާއަށް އިހުސާސްވާން ފެށިއެވެ.
އެ ރެއަށްފަހު، އެ ދެމެދުގައިވާ ހުރަސްތައް ނެތިގެން ދިޔައެވެ. ގޭ އެންމެން ނިދުމުން ރިޔާން ޝީނާގެ ގާތަށް އާދެއެވެ. ބިރުވެރިކަން ބަދަލުވީ ހިތްހަމަޖެހުމަށެވެ. ހިތްހަމަޖެހުން ބަދަލުވީ ގާތްކަމަށެވެ. ނަމަވެސް މި ގުޅުމުގެ ސަބަބުން ޝީނާގެ މިޒާޖު ބަދަލުވާން ފެށިއެވެ. އޭނާ އެކަނި އިނދެ ހިނިތުންވުމާއި، ވާހަކަދެއްކުން ގިނަވެ، ދުވާލުގެ ދިރިއުޅުމާ ދުރުވާން ފެށިއެވެ.
މި ސިއްރު ގިނަ ދުވަހަކު ނުފޮރުވުނެވެ.
މެންދަމު ޝީނާ އެކަނި އިނދެ ވާހަކަދައްކާ އަޑު އާއިލާއަށް އިވެން ފެށިއެވެ. އޭނާގެ އާދަޔާޚިލާފު އަމަލުތަށް ތަކުރާރު ކޮށް ސަބަބުން ބިރުގަނެފައިވާ އާއިލާއިން، ރުޤްޔާ ކުރާ މީހެއްގެ އެހީތެރިކަން ހޯދިއެވެ.
އެއީ ނިމުމުގެ ފެށުމެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ އަޑު ކޮޓަރީގެ ތެރޭގައި ގުގުމަން ފެށުމާއެކު، ރިޔާން ބަލިކަށިވާން ފެށިއެވެ. ޝީނާއަށް އެ މަންޒަރު ބަލަން ކެތެއް ނުވިއެވެ. ރިޔާން އޭނާގެ ގާތުގައި ހުންނަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ޤުރުއާނުގެ ބާރުގަދަ ކަލާމްފުޅުގެ ސަބަބުން އޭނާ ދުރަށް ދަމައިގަންނަމުން ދިޔައެވެ. ޝީނާއަށް ފެނުނު އެންމެ ފަހު މަންޒަރަކީ، އެ ފަނޑު އަލީގެ ތެރެއިން ރިޔާންގެ އެ ރީތި ނޫކުލައިގެ ދެލޮލުން ފާޅުވަމުންދިޔަ އިންތިހާ ދަރަޖައިގެ ހިތާމައެވެ.
އަދި ޝިނާގެ އެ ލޯބި ވެރިޔާ އަނދައިގެން ދިޔަ އަލިފާނުގެ އަޅިއަށްވެ ގެއްލިގެން ދިޔައެވެ.
އެ ވަގުތު ކޮޓަރިތެރޭގައި ތިބި އާއިލާ މީހުނަށް ހަމަހިމޭންކަން ވެރިވިއެވެ. އެ ހޫނު ނޭވާގެ އިހުސާސް ކެނޑިގެން ދިޔައެވެ. ޝީނާގެ ގާތުގައި ބާކީވީ ހަމައެކަނި ދުވަހަކުވެސް އޭނާއަށް ޙައްޤުނުވާނެ ފަރާތެއްގެ ހިތްދަތި ހަނދާންތަކެވެ.
އެ ރެއަށްފަހު ޝީނާ އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވިއެވެ. ބައެއް ރޭރޭ މެންދަމުގެ ހަމަހިމޭންކަމުގެ ތެރޭގައި ރާޅުތަކުގެ އަޑު އިވޭހިނދު، ޝީނާއަށް ހަނދުވަރުގެ އަލީގައި ފެނުނު އެ ނޫކުލައިގެ ދެލޯ މަތިން ހަނދާންވެއެވެ.
އެއީ އިމްތިހާނެއް ބާވައެވެ؟ ނުވަތަ ދުވަހަކުވެސް ވާންނެތް ކަމެއްގެ ހިތި ނިމުން ބާވައެވެ؟ އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އެކަމަކު އޭނާއަށް އެނގޭ އެއް ހަގީގަތެއް އޮތެވެ. ޒަމާނާއެކު ފޮހެވިގެންދާ ހަނދާންތަކުގެ ތެރޭގައި، މެންދަމުގެ ރާޅުތަކުގެ އަޑު ފަދައިން، ހިތުގެ އެންމެ ފުނުގައި ރިޔާންގެ އެ ލޯބީގެ ހަނދާންތަށް އަބަދަށްޓަކައި ވަޅުލެވިފައިވާ ކަމެވެ.
