ރޭގަނޑުގެ ފުން އަނދިރިކަން މުޅި ރަށުތެރެއަށް ވެރިވެ، ކަނޑުގެ ލޮނގަނޑު މަތީގައި ހަނދުވަރުގެ ރިހި އަލިކަން ވިދަމުން ދިޔައީ، ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލިކަން ކުދިކުދި ވެގެންދާ ފަދަ ނަލަކަމަކާ އެކުގައެވެ. މަޑުމައިތިރި ވައިރޯޅިތަކާއެކު ރުއްގަސްތައް ހޫރެމުންދިޔައިރު، އޮއްސެމުންދިޔަ ރާޅުތަކުގެ އަޑާއި ފަތްތަކުގެ ކާރުބާރު އަޑު އެކުވެގެން އުފެދިފައިވަނީ ހަނދާން ނައްތާލަން ބޭނުންވާ ހުރިހާ ވާހަކައެއް ހިތަށް ގެނެސްދޭ ފަދަ ހިމޭންކަމެކެވެ. އިލާރާ އިނީ އަތިރިމަތީ ހުރި ރުކެއްގެ ބުޑުގައި ފިނި ވެލިގަނޑު މަތީގައި އިށީނދެގެން، ކުރިމަތިން ފެންނަން އޮތް ފުން ކަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ އަބަދުވެސް ކަނޑުދެކެ ލޯބިވަނީ، އެ ކަނޑަކީ ދުވަހަކުވެސް އޭނާގެ އިހުސާސްތަކަށް ފާޑުނުކިޔާ، އޭނާގެ ލޮލުން ފައިބާ ކޮންމެ ކަރުނަ ތިއްކެއް އަދި ހިތްވަރު އެލިފައިވާ ހިތަކަށް ހިމޭންކަން ގެނެސްދޭ އެކުވެރިއަކަށް ވާތީއެވެ. އެއްއިރެއްގައި އޭނާ ހީކުރީ ލޯތްބަކީވެސް އެފަދަ އަމާން، އަޑިނޭނގޭ ފުން އަދި ގެނބިގެން ދިޔުމުގެ ބިރެއް ނެތް ރީތި އިހުސާސެއް ކަމަށެވެ. ނަމަވެސް، އެންމެ އިތުބާރުކުރާ މީހުންނަކީ ހިތް ރައްކާތެރިކުރަންވީ ސަބަބު ދަސްކޮށްދޭ މީހުންކަން ވިސްނައިދިނީ ޒަމާނުގެ ހިތި ތަޖުރިބާތަކެވެ.

އިލާރާއަކީ ދުވަހަކު ވެސް މީހަކުދެކެ ދެބައިކުޅައެއްބަޔަށް ލޯބިވާން ދަންނަ ކުއްޖެއް ނޫނެވެ. އޭނާ މީހަކަށް ހިތް ދީފިނަމަ، އެއްވެސް އެއްޗެއް ފޮރުވުމެއް ނެތި އޭނާގެ މުޅި ނަފްސު އެމީހަކަށް ހަދިޔާކުރެއެވެ. އޭނާގެ ހަޔާތަށް ފުރަތަމަ އައި ރަޔާން، އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިއްޖެކަމުގެ އިހުސާސް ކޮށްދިނުމަށްފަހު، މަޑުމަޑުން ދުރަށް ޖެހި، ފޮނުވާ މެސެޖުތައް ކުރުވެ، ލޯބީގެ ބަދަލުގައި ބަހަނާތައް ކުރަން ފެށިއެވެ. އިލާރާ އޭނާގެ ކުށްތަކަށް މާފުކޮށް، ގުޅުން ދަމަހައްޓަން އެތައް މަސައްކަތެއް ކުރި ނަމަވެސް، އެންމެ ފަހުން ރަޔާން އޭނާ ދޫކޮށްލާފައި ދިޔައީ އަމިއްލަ ނަފްސަށް އޮތް އިތުބާރުވެސް ގެއްލުވާލުމަށްފަހުގައެވެ. އޭގެ ފަހުން އޭނާގެ ހަޔާތަށް އައި ސާމީއަކީ އެ ޒަޚަމްތަކަށް ލިބުނު ފަރުވާއެއް ކަމަށް ހީކުރެވުނު ނަމަވެސް، ވަގުތު ފާއިތުވަމުން ދިޔަވަރަކަށް ސާމީވެސް ވެގެންދިޔައީ ކުރީގެ ހިތްދަތިކަން ތަކުރާރުކޮށްދިން މީހަކަށެވެ. މީހަކު އޭނާދެކެ ލޯބިވާނެ ކަމަށް އުންމީދުކޮށްގެން ހުންނަން ޖެހުމާއި، ލިބެންޖެހޭ ސަމާލުކަމަށް ސަލާންޖަހަން ޖެހުމުގެ ސަބަބުން ވަރުބަލިވެފައިވާ އިލާރާ، ވިއްސާރަ ރެއެއްގައި ގޮނޑުދޮށުގައި ހުރެ ކަރުނައަޅަމުން ނިންމީ، ދެން ދުވަހަކުވެސް މީހެއްގެ ލޯބި ހޯދަން މަސައްކަތް ނުކުރުމަށެވެ.

ނަމަވެސް، ހަޔާތުގެ އަމާންކަން އޭނާއާ ބައްދަލުކުރީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އެއީ ޒައިންގެ ސޫރައިގައެވެ. ދެއްކުންތެރި ވާހަކަތަކާއި ފޮނި ވައުދުތަކާ ނުލައި، ފަތިހުގެ މަޑު އަލިކަން ދުނިޔެއަށް ވެރިވާ ފަދަ ހިމޭންކަމާއެކު އައި ޒައިން، އިލާރާގެ އިތުބާރު ހޯދަން އަވަސްއަރުވާނުލައި، ކޮންމެ ދުވަހަކު އޭނާގެ އަމަލުތަކުން އެކަން ސާބިތުކޮށްދިނެވެ. އިލާރާ ގަޔާވާ ކުދިކުދި ކަންކަން ހަނދާން ބެހެއްޓުމާއި، ބުރަ ދުވަސްތަކުގައި އޭނާ އެންމެ ކާހިތްވާ ކާނާ ހިފައިގެން އައުމާއި، އަދި އިލާރާ ހިމޭންވާ ވަގުތުތަކުގައި މަޖުބޫރުކުރުމެއް ނެތި އޭނާގެ ކައިރީގައި ހުރުމަކީ ޒައިންގެ އާދައަކަށް ވިއެވެ. އިލާރާއަށް ލޯތްބާއި އަޅާލުން ދިނުމަކީ ޒައިންއަށް އެއްވެސް ބުރަކަމެއް ނޫނެވެ.

އެއްދުވަހެއްގެ ހަވީރު، މާޒީގައި ހިތްދަތިވެގެން އިލާރާ ފިލަން އިންނަ ރުއްގަސްތަކުގެ ހިޔަލުގައި އެ ދެމީހުން އެކުގައި އިށީނދެގެން ތިއްބެވެ. ނަމަވެސް މިފަހަރު ކަނޑު ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ވައިރޯޅީގައި ހުރީ ހޫނު އޯގާތެރިކަމެކެވެ. އަދި ޒައިން ކައިރީގައި އިނުމުން އެ އަނދިރިކަން ބިރުވެރި އެއްޗަކަށް ނުވިއެވެ. އިރުއޮއްސުމުގެ ރަން ދޯދިތައް އުޑުމައްޗަށް ފެތުރި، ފުރަތަމަ ތަރިތައް ފިޔަޖަހަން ފެށި ހިނދު، އިލާރާ އޭނާގެ ބޯ ޒައިންގެ ކޮނޑުގައި އަޅާލިއެވެ. އަދި އަމިއްލަ ނަފްސާމެދު ކުރިން އޮތް ހުރިހާ ނުތަނަވަސްކަމެއްގެ ވާހަކަ، އޭނާއަކީ މާ ބޮޑަށް ޖަޒުބާތީ، މާ ބޮޑަށް އުނދަގޫ، އަދި އެއްވެސް މީހަކަށް ހަގީގީ މާނައިގައި ލޯބިވާން އެނގޭ ވަރަށްވުރެ މާ ގޮތްދޫނުކުރާ ކުއްޖެއް ކަމަށް އަމިއްލައަށް ގަބޫލުކުރެވުނު ގޮތުގެ ވާހަކަ ކިޔައިދިނެވެ. ޒައިން އެއްވެސް މެދުކެނޑުމެއް ނެތި، ނިކަން ކަނުލައި އަޑުއަހަން އިނުމަށްފަހު، ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ.

"އިލާރާއަކީ ލޯބިވާން އުނދަގޫ މީހެއް ނޫން އިލާރާއަށް ކުރިން ބައްދަލުވީ ލޯބިވާން ނޭނގޭ މީހުންނާ"

އެ ވަގުތު އިލާރާގެ ލޮލުން ކަރުނަ ފައިބައިގަތީ އެ ބަސްތަކުން ހިތަށް ތަދުވެގެންނެއް ނޫނެވެ. އެކަމަކު، ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން އޭނާގެ ހިތް އެ އަޑެއް އެހުމަށް އެދިއެދި އޮތް އެންމެ ތެދުވެރި ހަގީގަތް، ފުރަތަމަ ފަހަރަށް މީހެއްގެ ދުލުން އިވުމުން ލިބުނު ބަޔާންކުރަންދަތި ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.

އެ ރެއަށްފަހު، އިލާރާ އުފާވެރިކަމާމެދު ބިރުގަތުން މަޑުމަޑުން ހުއްޓާލިއެވެ. ޒައިން ދައްކާ އޯގާތެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން މަގުސަދެއް އޮވެދާނެތޯ ހޯދުމާއި، ހުރިހާ ކަމެއް އަނެއްކާވެސް ބޮއްސުންލައިގެން ހިނގައިދާނެ ވަގުތަކަށް އިންތިޒާރުކުރުން އޭނާ އެއްކޮށް ދޫކޮށްލިއެވެ. ސަބަބަކީ، ހަގީގީ ލޯތްބަކީ ތިމާއަކީ އެ ލޯބި ހައްގު މީހެއްކަން ސާބިތުކޮށްދިނުމަށްޓަކައި އަބަދު ވަރުބަލިވާންޖެހޭ އެއްޗެއް ނޫންކަން ޒައިން އޭނާއަށް އަމަލުން ދައްކައިދީފައި ވާތީއެވެ. އާދައިގެ ހެނދުނުތަކުގައްޔާއި، ދަތި އުނދަގޫ ހަވީރުތަކުގައިވެސް ޒައިން އޭނާދެކެ ލޯބިވިއެވެ. އޭނާ ހީނހީފައި އުޅޭ ވަގުތުތަކުގައްޔާއި، ހިމޭންވެ އެކަނިވެރިވާން ބޭނުންވާ ވަގުތުތަކުގައްޔާއި، އޭނާ އެންމެ ރީތިވެގެން ހުންނަ ދުވަސްތަކުގައްޔާއި، މުޅި ދުނިޔެއަށް ފިލަން ބޭނުންވާ ދުވަސްތަކުގައިވެސް އެ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ޒައިން ދުވަހަކުވެސް އޭނާގެ ގާތުގައި ހުރުމަށްޓަކައި އެހެން މީހަކަށް ވާންޖެހޭ ކަމުގެ އިހުސާސެއް ނުކޮށްދެއެވެ. އޭނާގެ ކިބައިގައި ހުރި އުނި ސިފަތަކާއި، އަވަހަށް ހިތުގައި ޖެހޭ މިޒާޖާއި، އަދި މާޒީން ސަލާމަތްނުވެވިގެން ފޮރުވަން އުޅުނު ހުރިހާ ސިއްރުތަކަކާއެކުވެސް، ޒައިން އޭނާ ބަލައިގަތީ އެ ހުރިހާ ކަމަކީވެސް ލޯބިވާން ހައްގު ސިފަތަކެއްގެ ގޮތުގައެވެ.

އަހަރުތަކެއް ފަހުން، އެއްވެސް މީހަކު އޭނާދެކެ ރަނގަޅަށް ލޯބިނުވާނެ ކަމަށް ނިންމައިގެން ކަނޑުގެ އައްސޭރީގައި އެކަނި އިނދެ ކަރުނައެޅި އެ ނިކަމެތި އަންހެން ކުއްޖާގެ މަތިން އިލާރާ ހަނދާންވާ ކޮންމެ ފަހަރަކު، އެ ކުއްޖާއާމެދު އޭނާގެ ހިތުގައި އުފެދެނީ ފުން ހަމްދަރުދީއަކާއި ލޯތްބެކެވެ. އެ ކުއްޖާއަށް އިތުބާރު ކުރެވުނީ ނުބައި މީހުންނަށެވެ. މާ ބޮޑަށް މާފުކުރެވުނެވެ. ނުކުންނަންވީ ތަންތަނުގައި މާ ގިނަ ދުވަހު ހުރެވުނެވެ. އަދި އަމިއްލަ ކުށެއް ނޫން ކަންކަމުގައި އަމިއްލަ ނަފްސު މާ ބޮޑަށް ކުށްވެރިކުރެވުނެވެ. ނަމަވެސް، މީހަކު ތިމާ ބޭނުންވުމާއި، މީހަކު ތިމާއަށް އަގުދީ ބަލައިގަތުމާ ދެމެދު ހުރި ބޮޑު ތަފާތު ދަސްކޮށްދޭނެ މީހަކާ ބައްދަލުވަންދެން، އެ ހުރިހާ ހިތާމަތަކަކަށް ކެތްކޮށްގެން ދިރިހުރުމުގެ ހިތްވަރު އެ ކުއްޖާގެ ކިބައިގައި ހުއްޓެވެ. ޒައިން އޭނާގެ މާޒީން އޭނާ ސަލާމަތެއް ނުކުރެއެވެ. ސަބަބަކީ އެ މާޒީގެ ތެރެއިން އަމިއްލައަށް ސަލާމަތްވެގެން ނުކުތުމުގެ ހިތްވަރު އިލާރާގެ ކިބައިގައި ހުރިކަން ޒައިންއަށް އެނގޭތީއެވެ. އެކަމަކު އޭނާ ދިނީ އެއަށްވުރެ މާ އަގުބޮޑު ހަދިޔާއެކެވެ. އެއީ ދެން ދުވަހަކުވެސް ލޯބިވުމާމެދު ބިރުގަންނަން ނުޖެހޭނެ ފަދަ އަމާން މުސްތަގުބަލެކެވެ.

އަތިރިމަތީގައި ޒައިންއާއެކު ހިނގަމުންދާއިރު އިސްތަށިގަނޑުގައި ބީހިލާ ކޮންމެ ވައިރޯޅިއަކުންނާއި، ވިސްނާލުމެއްނެތި އިލާރާގެ އަތުތެރެއަށް މަހާލެވޭ ޒައިންގެ އަތުގެ ހޫނުކަމުންނާއި، ބުރަ ދުވަހަކަށްފަހު އޭނާއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކުދިކުދި ހަދިޔާތަކުން އިލާރާއަށް ވިސްނައިދިނީ އެންމެ މުހިންމު ހަގީގަތެވެ. އެއީ، ލޯތްބަކީ މުޅި އުމުރު ސަލާމަތްވާން ދުވަންޖެހޭ ފަދަ ބިރުވެރި ތޫފާނެއް ނޫން ކަމެވެ. ލޯތްބަކީ އަބަދުވެސް މިފަދައިން އޮންނަންޖެހޭ އެއްޗެކެވެ. ވާރޭ ވެހި ނިމުމަށްފަހު ފެންނަ ހަމަހިމޭން ކަނޑު ފަދައިންނެވެ. ދިގު އަނދިރު ރެއަކަށްފަހު އަލުން ދުނިޔެއަށް އަރާ ފުރިހަމަ އިރުގެ އަލިކަން ފަދައިންނެވެ. އަދި ތިމާއަކީ އެތަނަކަށް ހައްގު މީހެއްތޯ ދުވަހަކުވެސް ސުވާލު އުފައްދަން ނުޖެހޭ ފަދަ އަމިއްލަ ގެއަކަށް އެނބުރި އާދެވުނު ކަމުގެ ފޮނި އިހުސާސް ފަދައިންނެވެ. ޒައިން އޭނާއަށް ދިން އެންމެ ބޮޑު ހަދިޔާއަކީ، ލޯބި ހޯދުމަށްޓަކައި އޭނާ ބަދަލުވާން ނުޖެހޭނެކަން ވިސްނައިދިނުމެވެ. އޭނާ ކުރަންޖެހުނު ހަމައެކަނި ކަމަކީ، ލޯބިވުމަކީ ބުރައެއް ކަމަށް ދެކޭ މީހުންނަށް ހިތް ދިނުން ހުއްޓާލުމެވެ. ސަބަބަކީ އެކަށީގެންވާ ރަނގަޅު މީހެއްގެ އަތްމަތީގައި، އޭނާގެ ހިތަކީ ދުވަހަކުވެސް ބުރައަކަށް ނުވާނެތީއެވެ. އެއީ ރައްކާތެރިކުރަންޖެހޭ އަގުބޮޑު ޖަވާހިރެކެވެ. އަދި ކޮންމެ ދުވަހަކު އިޚްތިޔާރުކުރަންޖެހޭ މަތިވެރި ނިޢުމަތެކެވެ. ޒައިން އެ ހިތް އިޚްތިޔާރުކުރީ އެއްވެސް ޖެހިލުންވުމެއް ނެތި، ނޭވާލުން ފަދަ ޠަބީޢީ އަދި ފަސޭހަ ކަމެއްގެ ގޮތުގައެވެ.