އިރު އޮއްސެމުން ދިޔަ ވަގުތެވެ. ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ. އެއީ އައި.ޖީ.އެމް އެޗް ގެ ސްޓޯކް ސެންޓަރގެ ވެއިޓީންގ އޭރިއާ އެވެ. އަހަރެން އައީ ބައްޕަގެ ސްޓެޗަރ ގެ ފަހަތުންނެވެ. ނަރުހަކާއި އެޓެންޑެންޓެއް ސްޓެރެޗަރގެ ދެ ފަރާތުގައި ތިބެ ދުއްވަމުން ކުރިއަށް ދިޔައެވެ. ސްޓޯކް ސެންޓަރާއި ދިމާއަށެވެ. ބައްޕަ ސްޓޯކް ސެންޓަރ އަށް ވެއްދުމުގެ ކުރިން އެންމެ ފަހު ފަހަރަށް އަހަރެން ބައްޕައަށް ބަލާލީމެވެ. ބައްޕަގެ ލޯވަނީ މެރިފައެވެ.  އެ މޫނުމަތިން ތަދާއި އަޅަމުން ދިޔަ ވޭނުގެ އިހުސާސް އަހަންނަށް ކުރެވެއެވެ.  މަޑަމަޑުން އަހަރެން ބައްޕަގެ އަތުގައި ހިފާލީމެވެ. ކަރުނަ ނިރާލާ ހާލުގައެވެ. އެ މޫނުގައި ފިރުމާލީމެވެ. އޯގާތެރިކަމާއެކުގައެވެ.

ބައްޕަ ސްޓޯކް ސެންޓަރަށް ވެއްދިއެވެ. އެތަނުގެ ވެއިޓިންގ އޭރިއާ ވަނީ  މީހުންނާއިގެން ފުރިފައެވެ. ގިނަ ބަޔެއްގެ މެދުގައި ވަނީ ހަމަ ހިމޭންކަމެވެ. މަދު ބަޔަކު މަޑު މަޑުން ވާހަކަ ދައްކައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތާމައިގެ އަސަރެވެ. މާޔޫސީކަމުގެ ކުލަވަރެވެ. އާއިލާ މީހަކަށް އެ ފަދަ ކަމެއް ވުމުން ދެރަ ނުވާނީ ވެސް ކާކު ހެއްޔެވެ.

އަހަރެން އެ ތަނުގައި ތިބި މީހުންގެ މޫނަށް ވަކި ވަކިން ބަލާލުމަށް ފަހު ފާރުގައި ލެނގެލީމެވެ.  ހާސްކަމާއި މާޔޫސީކަމާއި އެކުގައެވެ. ވަރުބަލި ކަން ވެރިވެފައި ހުރެމެއެވެ.  ހިތާމައިން ފުރިފައިވާ ހާލުގައެވެ. ބައްޕަ އަށް ވެދާނެ ގޮތަކާއި މެދު ވިސްނޭ ހާލުގައެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ އުދަނގޫ ޚިޔާލުތަކެކެވެ. ވިސްނެމުން ދިޔައީ ބައްޕަ ނެތް ދުނިޔެއެއް ގައި އަހަރެން އުޅޭނެ ގޮތަކާއި މެދުގައެވެ. އެ ޚިޔާލުތަކުން ހިތް ނުތަނަވަސް ކުރަމުން ސިކުނޑި ހާސް ކުރަމުން ދިޔައެވެ. އޭސީގެ ފިނީގެ ތެރޭގައި ހުރި އިރު ވެސް ދާ ހިއްލާލިއެވެ. އިރު އިރު ކޮޅުން އަހަންނަށް ސްޓޯކް ސެންޓަރުގެ ދޮރާ ދިމާއަށް ބަލާލެވެއެވެ. ހިތާ ހިތުން ދުޢާ ކުރެވެއެވެ. ބައްޕަގެ ހާލު ރަގަނޅު ވުމަށް ހިތާ ހިތުން އެދެވެއެވެ.

އަހަރެންގެ ބައްޕަ ހުއްނަނީ އަހަރެން އެކަންޏެވެ. މަންމަ ވަނީ އަހަރެން ވަރަށް ކުޑަ އިރު ނިޔާވެފައެވެ. އަހަރެންގެ ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން މި ހިސާބަށް ގެނައުމަށް ބައްޕަ އެ ތަކެއް ގުރުބާނީއެއް ވިއެވެ. ކިޔަވައި ނިމިގެން ވަޒީފާއެއް އަހަންނަށް ލިބުނުތާ އަދި ދެ އަހަރެން ނުވެއެވެ. ބައްޕަ ތަންމަތި ވެދާނެ ކަމުގެ ބިރު އަހަރެން ވަށާލީއެވެ. ބައްޕަ އަށް ސްޓޯކެއް ޖެހުނީ ގޭގައި  ހުއްޓައެވެ.

އެއީ އޮފީސް ބަންދު ދުވަހެކެވެ. އަހަރެން ވެސް އުޅުނީ ގޭގައެވެ. ފެންވަރައިގެން ނުކުތް ބައްޕަ ނުވެއްޓެނީސް އަހަންނަށް ހިފޭއްޓުނެވެ.  ބައްޕަގެ ހަޅޭކުގެ އަޑާއި އެކު އަހަންނަށް ބަލާލެވުނެވެ. އޭރު ބައްޕަ އަރިއަޅާލަނީއެވެ. ނަސީބަކުން ބިންމައްޗަށް ވެއްޓުމުގެ ކުރިން އަހަންނަށް ހިފެހެއްޓުނެވެ. އޭރު ބައްޕަގެ އަނގަ ވަނީ އޮރި ދަމާފައެވެ. ކޮންމެވެސް ވަރަކަށް ފޮނު އައިސްފައި ހުއްޓެވެ. އެއްފަރާތުގެ ހަރަކާތެއް ނެތެވެ. އަހަންނަށް ބައްޕަ އުފުލައެއް ނުލެވުނެވެ. ދަމާފައި ކަހަލަ ގޮތަކަށް ސޯފާއާއި ހަމައަށް ގެންގޮސް ސޯފާގައި ބޭއްވީމެވެ.

ސްޓޯރަކީ ކިހާވަރެއްގެ އެއްޗެއްކަން އަހަންނަށް ވެސް އެނގެއެވެ. ކުރީގެ ދިރިއުޅުމަށް ބައްޕަ އަށް ދެން ނާދެވިދާނެ ކަމީ އަހަރެން ގަބޫލު ކުރާ ކަމެކެވެ. ކޮންމެ ފަދަ ކަމެއް މެދުވެރި ވިއަސް ބައްޕައަށް ޚިދުމަތް ކުރުމަށް އަހަރެން ގުރުބާން ވާނަމެވެ.

ޚިޔާލުތަކުގެ ތެރެއަށް ޣަރަގުވެފައި ހުރެވުނު އަހަންނަށް ހޭވެރިކަން ވީ ސްޓޯކް ސެންޓަރުގެ ދޮރު ހުޅުވާލުމަށްފަހު ނަރުސް ކުއްޖެއް ބައްޕަގެ އެހީތެރިއަކަށް ގޮވާލުމުންނެވެ.

އަހަރެން ދޮރު ކައިރިއަށް ގާތް ވެލީމެވެ. އެކުއްޖާ އެދުނީ ކޮންމެ ވެސް ކަހަލަ ދިޔާ އެއްޗެއް ބައްޕައަށް ދިނުމަށް ގެނެސް ދިނުމަށެވެ. އަހަރެން ހަލުވި ފިޔަވަޅުތަކުގައި ކެންޓީނަށް ގޮސް ކުރުބާ ފެން ތައްޓެއް ހިފައިގެން އައިސް ސްޓޯކް ސެންޓަރ ދޮރުގައި ޓަކި ޖަހާލުމަށް ފަހު މަޑުކޮށްލީމެވެ. އިރުކޮޅަކުން ނަރުސް ކުއްޖެއް ނުކުތެވެ. އަހަރެން ކުރުބާ ފަނި ތަށި ދިއްކޮށްލަމުން އެތެރެއަށް ވަދެވޭތޯ އަހައި ލީމެވެ. ނަސީބު ރަގަނޅު ކަމުން އަހަންނަށް އެތެރެއަށް ވަނުމަށް ހުއްދަ ލިބުނެވެ.

ބައްޕަގެ ކަނާތްފަރާތުން އެނދުކައިރީގައި އަހަރެން މަޑުކޮށްލީމެވެ. އެތަކެއް އެއްޗެއް ބައްޕަގެ ގަޔަށް ގުޅާފައި ހުއްޓެވެ. އެތަނުގައި ބައްޕަ ނޫނަސް އިތުރު ފަސް މީހަކު އޮތެވެ. މެޝިން ތަކުގެ ޕީކް ގެ އަޑު ތަނަށް ވެރިވެފައި ވެއެވެ.

އަހަރެން ބައްޕަ ގެ އަތުގައި މަޑުމަޑުން ހިފައިލީމެވެ. ބައްޕަގެ އިނގިލިތައް ހަރަކާތްތެރި ވެލިތަން އަހަންނަށް ފެނުނެވެ. އެތަން ފެނި ވަގުތުން އުފާވެރި ކަމުގެ ކަރުނަ ނިރާލީ އެވެ. ގެނައި ކުރުބާ ފެންތަށި ބައްޕަގެ ތުންފަތުގައި ޖައްސާލީމެވެ. ވަރަށް އުދަނގުލުން ކުޑަ އެތިފޮދެއް ދިރުވާލިއެވެ. ގިނަ އިރުން ބައްޕަ އެ ފެންތަށި ބޯލިއެވެ. އަހަނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

އަހަރެން ބޭނުންވީ ހުރިހާ ވަގުތެއް ބައްޕަ ކައިރީގައި ހުރުމަށެވެ.   ބައްޕަ ކައިރިން ދުރަށް ދިއުމަށް ޟަމީރު ބޭނުމެއް ނުވިއެވެ. އެހެނަސް ތަނުގެ ގަވައިދުތައް ހެދިފައިވަނީ އެ ގޮތަކަށް ނޫނެވެ. ވަގުތު ޖެހުމާއެކު ނަރުސް ކުއްޖާ އެދުނީ ނުކުތުމަށެވެ. ހިތާއި ދެކޮޅަށް ނަމަވެސް އަހަރެން އެ ތަނުން ނުކުތުމަށް ހިނގައިގަތީމެވެ. ބައްޕަގެ އަތުގައި މަޑުމަޑުން ހިފައި ލަމުންނެވެ. ބައްޕަ އަހަރެންގެ އަތުގައި ހިފައި ބާރު ކޮށްލިއެވެ. އެ މާހައުލަށް ބައްޕަ އެކަނި ދޫކޮށްފައި ނުދާށޭ ބުނާ ކަހަލައެވެ. އަހަރެން ހިތަށް ވަރަށް ތަދުވިއެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ބައްޕަ ކައިރިއަށް އަންނާނެ ކަމަށް ބުނަމުން އަހަރެން ހިތާއި ދެކޮޅަށް ހިނގައިގަތީއެވެ.

އޮފީހުން ކުޑަ ޗުއްޓީއަކަށް އަހަރެން އެދުނީމެވެ. ބައްޕައަށް ޚިދުމަތްކުރުމަށް ހުރިހާ ވަގުތެއް ހުސްކުރީމެވެ. ރެއާއި ދުވާލުހެން އަހަރެން ހޭދަކުރަނީ ސްޓޯކް ސެންޓަރ ގެ ވެއިޓިން އޭރިއާ ގައެވެ.

ދުވަހެއް ދުވަހަކަށް ބައްޕަގެ ހާލު ދިޔައީ ރަގަނޅު ވަމުންނެވެ. އެއީ އަހަންނަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. ހިތުގެ ފިނިކަމެކެވެ. ސްޓޯކް ޖެހިގެން ގެނައި އިރު ބައްޕަގެ ވާތް ފަރާތުގައި އެއްވެސް ހަރަކާތެއް ނެތެވެ. އެހެން ނަމަވެސް ދުވަހަކަށް ފަހު ދުވަހެއް ބައްޕަގެ ފަޔާއި އަތުން ހަރަކާތްތައް ކުރެވޭ މިންވަރު އިތުރުވަމުން ދިޔައެވެ. 

ހަފްތާއަކު ސްޓޯކް ސެންޓަރ ގައި ބޭއްވުމަށް ފަހު ދެން ބައްޕަ ބަދަލުކުރީ ވޯޑަށެވެ. މަޑުމަޑުން ބައްޕައަށް ކާން ފެށުނެވެ. ސޭންޑުވިޗު ކަހަލަ މަޑު ތަކެއްޗެވެ. އުނދަގުލުން ވާހަކަ ދައްކައެވެ. ކިޔާ އެއްޗެއް އެނގެނީ ވަރަށް ބޮޑަށް މޫނާއި ގާތް ވެލީމައެވެ. ދެތިން ފަހަރު ބައްޕަ ތަކުރާރު ކުރާ ފަހުންނެވެ. އެކަން ވީ އަހަންނަށް ވަރަށް އެހެންކަހަލަ އިހުސާސެއް ނެގުވި ކަމަކަށެވެ. އެހެނަސް ބައްޕަ އަށް ކުރިއެރުންތައް ލިބެމުން އަންނަތަން ފެނުމުން ހިތަށް ތަސައްލީއެއް ލިބުނެވެ. ހިމޭންކަމާއެކު އަންނަމުންދާ ކަރުނަތައް ފުހެލަނީ ބައްޕަ ރަގަނޅުވާނެ ކަމުގެ އުންމީދާއި އެކުގައެވެ.

ދެ ތިން ހަފްތާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮތުމަށް ފަހު ބައްޕަ ގެއަށް ދޫކޮށްލިއެވެ. ގެއަށް އައީސުރެ ބައްޕަ އަހަރެން ކައިރީ އެދެމުން ދިޔަ ކަމެއް އޮތެވެ. އެއީ ބައްޕަ ދުނިޔޭގައި ހުއްޓައި އަހަރެން މީހަކާއި އިނުމެވެ. ކާފަ ކިޔާ ކުއްޖެއް އުފަންވާތަން ފެނުމެވެ. ބައްޕަ ގެ އެ އެދުން ފުއްދައި ދިނުމަށް އަހަރެން ކިތަންމެ ހާވެސް ބޭނުމެވެ. ކައިވެނި ކޮށްގެން އުފާވެރި ޒަވާޖީ ހަޔާތެއް ވޭތުކުރުމަށް އަހަރެން ވެސް އިންތިހާއަށް އުންމީދު ކުރަމެވެ. އެހެނަސް އެކަން ކުރުމަށް އަހަންނަށް ފަސް ޖެހިވެއެވެ. އެންމެ ސަބަބަކާއި ހުރެއެވެ. ކައިވެއްޏެއް ކުރުމަށް ފަހު ބައްޕައަށް މިހާރު އަޅާލަމުންދާ ވަރަށް އަޅައިނުލެވިދާނެތީއެވެ. ބައްޕައަށް ޖެހޭ ދޭން ޖެހޭ ވަގުތު  އެންމެ ފުރިހަމައަށް ނުދެވޭނެކަން އެނގޭތީއެވެ. ކައިވެނި ކޮށްގެން ގެއަށް ގެންނަ ފަރާތުން ބައްޕައަށް ދޭންވާ އިހުތިރާމާއި ގަދަރު ނުދީފާނެތީއެވެ. އަހަރެން އުޅޭ އޮފީހުގެ މާހައުލުން ރައްޓެހިން އެ ފަދަ އެތައް ވާހަކައެއް ކޮންމެ ދުވަހަކު ހެން ހިއްސާކުރެއެވެ. އެ ވާހަކަތައް އަބަދުމެ ކަންފަތުގައި ގުގުމަ ގުގުމާ ހުރެއެވެ. އެހެން ކަމުން އަހަންނަށް ކައިވެންޏެއް ކުރުމަށް  ފަސްޖެހިވެނީއެވެ.

-ނިމުނީ-