އަހަރެން އުޅޭ އޮފީހުގެ މާހައުލުން ރައްޓެހިން އެ މީހުންގެ ކައިވެނީގައި ދިމާވާ އެތައް ވާހަކައެއް ކޮންމެ ދުވަހަކު ހެން ހިއްސާކުރެއެވެ. އެ ވާހަކަތައް އަބަދުމެ ކަންފަތުގައި ގުގުމަ ގުގުމާ ހުރެއެވެ. އެހެން ކަމުން އަހަންނަށް ކައިވެންޏެއް ކުރުމަށް ފަސްޖެހިވެނީއެވެ.
އެހެނަސް ބައްޕަ އެދެމުން ދިޔަ އެދުމަކަށް ބަދަލެއް ނައެވެ. ކޮންމެ ދުވަހަކު ހެން އެ ކަމަށް ބައްޕަ ތަކުރާރުކޮށް އެދެމުން ދިޔަ ކަމަކީ އަހަރެން މީހަކާއި އިނުމެވެ. އެހެންކަމުން އެ ނޫން ގޮތެއް ނޯންނާނެ ކަން އެނގޭތީވެ އަހަރެން މީހަކާއި އިންނަށް ގަސްތުކޮށް އެ ވާހަކަ ބައްޕައަށް ނަންގަތީމެވެ. މީހަކާއި އިނުމަށް ވިސްނަމުންދާ ވާހަކަ ބައްޕަ ގާތު އަހަރެން ބުނީމެވެ. ބައްޕަ ފެންވަރުވައިގެން ކޮޓަރިއަށް ގެނެސް ރީތި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
"ބައްޕާ އަހަރެން މި އުޅެނީ ކުއްޖަކާއި ރައްޓެހިވެގެން....އަހަރެން ވަރަށް ލޯބިވާ ކުއްޖެއް އެބަހުރި...ބައްޕަ އެދުނު ގޮތަށް އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެ ކުއްޖާއާއި އިންނާނަން،" އަހަރެންގެ އެހެން ބުނުމުން ބައްޕަގެ މޫނު މައްޗަށް ވެރިވިވެގެން ދިޔަ އުފާވެރިކަން ފެނިފައި އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ. އުފާވިއެވެ. މިއަދު އަހަރެންގެ ހުރިހާ އުފަލެއް ގުޅެނީ ބައްޕަގެ ހިނިތުންވުމާއެވެ. އެ ބައްޕަގެ ހިތްހަމަ ޖެހުމާއެވެ.
"ދަރިފުޅާ ....ދަރިފުޅަށް ރަގަނޅު ކުއްޖެއް ވެއްޖިއްޔާ ބައްޕައަށް އެ ނިމުނީ .... ބައްޕަ ބަލި ކަމުން ދަރިފުޅު ކައިރީގައި ކައިވެނި ކުރުމަށް އެދެވުނު ނަމަވެސް.... ދަރިފުޅު މީހަކާ އިންނަން ވާނީ އެކަމަށް ދަރިފުޅު ރަގަނޅަށް ތައްޔާރު ވީމައި...އެކަމަށް ދަރިފުޅު ބޭނުންވީމަ...،" ބައްޕަ އެހެން ބުއްޏެއްކަމަކު ބައްޕަ އިންތިހާއަށް އަހަރެން މީހަކާއި އިނުމަށް ބޭނުންވާކަން އެނގޭނީ ހަމަ އަހަންނަކަށް ނޫން ހެއްޔެވެ. ބައްޕަ އާއި ދިމާއަށް ބަލާލަމުން އަހަރެން ހިނިތުންވެލީ އެހެން ވެއެވެ. އެހެނަސް ބައްޕައަށް ނުފެންނަ ގޮތަށެވެ. ބައްޕަގެ ބޮލުގައި ފިރުމާލަމުންނެވެ. ބައްޕަ އަހަރެންގެ ގައިގާ ބައްދާލިއެވެ. އުފަލުން ފޮޅިފައި ހުރެއެވެ.
އަބަދު ވެސް ބައްޕައަށް އޯގާތެރި ވުމަށް އަހަރެން ބޭނުމެވެ. ބައްޕައަށް ޚިދުމަތް ކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ އުފަލެއް ކަމުގައި އަހަރެން ދުށީމެވެ. ބައްޕަ ދުވަހަކަށް ވުރެ ދުވަހެއް ރަގަނޅުވަމުން އަންނަތަން ފެނުމަކީ އަހަރެންގެ ހިތުގެ ހިތްހަމަ ޖެހުމެވެ. މަޑުމަޑުން އަހަރެންގެ އަތުގައި ހިފައިގެން ބައްޕައަށް ހިނގަން ފެށުނެވެ. ބައްޕަގެ ބައްޔަށް ލިބޭ ކޮންމެ ކުރިއެރުމަކީ އަހަންނަށް ލިބެމުން ދިޔަ ހިތްހަމަ ޖެހުމެކެވެ، އުފަލެކެވެ.
އެހާ ކުޑަ އިރުއްސުރެ އެތަކެއް ތަކުލީފެއް އުފުލައިގެން އެތަކެއް ގުރުބާނީއެއް ވެގެން އަހަރެން ބަލާ ބޮޑު ކުރުމުން އަހަރެން އަބަދުވެސް ބޭނުންވީ ބައްޕަ އުފާވާނޭހައި ކަމެއް ކޮށްދިނުމަށެވެ. ބައްޕައަށް ޚިދުމަތް ކުރުމާއި ބައްޕަ ބޭނުންވާނޭ ކޮންމެ ކަމެއް ކޮށްދިނުމަކީ އަހަރެންގެ އުފަލެއް ކަމުގައި ދެކުނީ އެހެންވުމާއި ވެސް އެކުގައެވެ. މަންމައެއްގެ ލޯބީގެ އުނިކަން އިހުސާސް ވިޔަ ނުދީ އެހެން މީހަކާއި ނުއިދެ ބައްޕަ އެވީ ގުރުބާނީ އަކީ އަހަރެން ދުވަހަކު ވެސް ހިތުން ފިލާނެ ކަމެއް ނޫނެވެ.
ހައެއްކަ މަސް ވީއިރު ބައްޕައަށް އަމިއްލައަށް ކޮޑަކޮށް ހިނގާލައި އުޅެވެން ފެށުނެވެ. އަމިއްލައަށް ފެންވަރާލެވެއެވެ. ބައްޕައަށް ލިބެމުން އައި ކުރިއެރުމަކީ އަހަންނަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.
ބައްޕައަށް އަމިއްލައަށް ކުޑަކޮށް އުޅެލެވެން ފެށުމުން އަހަރެން ވަޒީފާއަށް ނުކުންނަން ފެށިމެވެ. އަލުން ވަޒީފާއަށް ނުކުތުމަށް ފުރުސަތު ލިބުމުން އަހަރެން ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. އުފާ ވެފައެވެ.
ބައްޕަ ކައިވެންޏެއްގެ ވާހަކަ ދެއްކެވި އިރު ވެސް އަހަރެން އައީ ކުއްޖަކާއި ލޯބީގެ ގުޅުން ބާއްވަމުންނެވެ. އޮފީސް މާހައުލުން ފެނި ރައުޝާ އަށް އަހަރެން ހިތް ކިޔަން ފެށީ ކީއްވެ ކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. ރައުޝާ އަކީ މީހުން ހިތް ކިޔާ ކަހަލަ ވަކި ޚާއްސަ ސިފަތަކެއް ލިބިފައިވާ ރީތި ކުއްޖެއް ނޫނެވެ. އެހެނަސް އަހަރެން ފެންނަ ކޮންމެ ފަހަރަކު ރައުޝާ އަހަރެންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާހެން ހީވިއެވެ. އަހަރެން ފެނުމާއެކު ރައުޝާ ހިނިތުން ވެލަމުން އެ ފޮނުވާލާ ސިގުނަލު އޭގެ ފުރިހަމަ މާނައިގައި އަހަރެންގެ ހިތުގެ ތެރެއަށް ވަދެގެން ދަނީ އިޚުތިޔާރާއި ނުލައެވެ. އަބަދުހެން ރައުޝާ ބެލީ އަހަންނާއެކު ގިނަ ވަގުތު ހޭދަ ކުރެވޭތޯއެވެ. ބްރޭކު ގަޑީގައި ކޮފީއަށް ދިއުމަށް ދައުވަތު ދެނީ ވެސް ޚުދު ރައުޝާއެވެ. އަންހެއް ކުއްޖަކު އިސްނަގައި އެހެން އުޅެން ފެށުމުން ފުރަތަމަކޮޅު އަހަންނަށް އުނދަގޫ ވެސް ވިއެވެ. އެހެންކަމުން ރައުޝާ ދައުވަތު ދިނުމުގެ ކުރިން އަހަރެން އިސްވެ ކޮފީއަށް ދައުވަތު ދޭން ފެށިމެވެ. އެކި އެކި ސަމާސާ ވާހަކަތަކުން ދެ މީހުންގެ މެދުގައި ގުޅުން ބަދަހިވަމުން ދިޔައެވެ. ހުސްވަގުތު ތަކުގައި ބޭރުގައި ހޭދަކުރެވޭލެއް ގިނަ ވާން ފެށިއެވެ. އޮފީސް ގަޑިތައް ނޫނަސް ދެ މީހުން ކެފޭތަކަށް ދަމެވެ. އެހެނަސް އަހަންނަށް ފާހަގަ ކުރެވުނެ ކަމެއް އޭރު ވެސް އޮތެވެ. އެހެނަސް އެކަން މާބޮޑު ކަމަކަށް އޭރަކު ނުހަދަމެވެ. އެއަށް ވުރެ ރައުޝާ ދެކެ އަހަންނަށް ވެވޭ ލޯބި އެކަން ފަރުދާ ކޮށްލިއެވެ. ބައްޕަގެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން އުޅުނު އިރު ގޮވާލަން ނައިތާންގައި ބައްޕަގެ ހާލު ވެސް ރައުޝާ ބަލައި ނުލުންވީ އަހަރެންގެ ހިތް ނުތަނަވަސް ކުރުވި ކަމަކަށެވެ. ބައްޕައަށް ގޮވާލަން ނައީމައި އަހަރެން އެވާހަކަ ބުނަންވެސް އުޅުނީމެވެ. އެހެނަސް ރައުޝާ ލަދުން ނައީކަމަށް ނިންމައި އެ ވާހަކަ އަހަރެން ނުދެއްކީއެވެ. އެހެނަސް ބައްޕަގެ ހާލު އަހާލެވުނީސް ނޫން ހެއްޔެވެ. އަހަރެންގެ ހިތުގައި އެ ނުތަނަވަސްކަން އޮތް ނަމަވެސް އަހަރެން ބޭނުންވީ ރައުޝާ އާއި އެކު ކުރިއަށް ދިއުމަށެވެ. ކައިވެނި ކުރުމުން އެހެން ހުންނަ ކަންކަންކަން ރަގަނޅުވާނެ ކަމަށް ދެކެމުނެވެ.
ދުވަހެއް ދުވަހަކަށް އަހަރެން ދިޔައީ ރައުޝާ އާއި ގުޅުން ބަދަހި ކުރަމުން ނެވެ. އެންމެ ބޭނުމެއްގައެވެ. ބައްޕަ ގެ އުންމީދު ހާސިލު ކޮށްދިނުމަށެވެ. ބައްޕަ ހިތްހަމަ ޖައްސައި ދިނުމުގެ ބޭނުމުގައެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އަހަރެން ހުރީ ފޭސް އެކެއްގެ ލަކުނޑި ޖެޓީ ކައިރީގައި، މީހުން އިށީނުމަށް ހަދާފައިވާ ގޮޑިތަކުގެ ތެރެއިން ގޮޑިއެއްގައި އިށީދެލައިގެނެވެ. ރައުޝާގެ އަތުގައި ހިފާލައިގެންނެވެ. ރައުޝާ ގެ ފުން ދެ ލޮލަށް ބަލަން އަހަންނަށް ހުރެވުނީ ބުނަން އުޅޭ ވާހަކަ ބުނާނެ ގޮތެއް ހިތަށް ނައިސްގެނެނެވެ. އަހަރެން ހުއްޓުން އަރާފައި ހުރުމުން ރައުޝާ އަށް ހެވުނެވެ.
"މިއަދު ނާއިޒް ކިހިނެއް ވެފައި ހުރި ދުވަހެއް....ބަސްހުއްޓިފައި.... ދައްކާނެ ވާހަކައެއް ނެތިއްޔާ މިތަނަށް އައުމުގެ ބޭނުމަކީ ކޮބާ؟" ރައުޝާ ހީލަމުން މިހެން ބުނެލުމުން އަހަރެން ސިހިފައި ރުއުޝާއަށް ބަލާލީމެވެ. ފުން ބެލުމަކުންނެވެ.
"ހިނގާ ދޯ ކޮފީހެއް ބޯލަމާ..." އަހަރެން ތެދުވަން އުޅުނީމެވެ. އެހެނަސް އަހަރެންގެ އަތުގައި ރައުޝާ ހިފޭއްޓިއެވެ
"ކޮފީ ބޮވިދާނެ އެއްނު ...ކީކޭ ބުނަން ތި އުޅެނީ ....ކޯއްޗެއް ނުބުނެވިގެން ތި އުޅެނީ،" އަހަންނާއި ދިމާއަށް ބަލަން ހުރެފައި ރައުޝާ އެހިއެވެ.
"އެއްޗެއް ނުބުނެވިގެން އެނބައުޅޭތަ؟" އަހަންނަށް ބުނެވުނެވެ. އެއީ ބުނަން ނުޖެހޭ އެއްޗެއްކަން އަހަންނަށް ވިސްނުނީ ރައުޝާ ދެން އަމަލު ކުރިގޮތުންނެވެ.
"ނާއިޒް ތީ ބޮޑު ވަރު ...އާނ...އެހެންޏާ...ވާހަކައެއް ދައްކަނީކީނޫން.... ބަސް ހުއްޓިފައި ތި ހުންނަނީ.. ބޭކާރު ވަގުތެއްނު." ރުޅި އައިސްފައި ރައުޝާ ތެދުވިއެވެ.
"ރުޅި އައީތަ...އެހެން ބުނި އެއްޗެއް ނޫނޭ....އިށީދެބަލަ...އަހަންނާ އެކު ހޭދަވާ ވަގުތު ވެސް ރައުޝާއަށް މިހާރު ބޭކާރު ވަގުތަށް ވީތަ...ވަރަށް ދެރަ ވެއްޖެ ތިހެން ބުނީމާ،" އަހަރެން އިސްޖަހާލީމވެ.
"ސޮރީ....ރުޅި އައީކީ ނޫން...ދެރަވީ...އެހެން ދުވަސް ދުވަހު އުޅޭ ގޮތެއް ނޫން ތީކީ....ދެރަވާނެތާ...ނާއިޒްގެ މޫނުމަތިން އެބަ ހާމަވޭ ހުރިހާ އެއްޗެއް..ދެން،" ނަސީބަކުން ރައުޝާ އަލުން އަނބުރާ އަހަރެންގެ ކައިރީގައި އިށީނެވެ. އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަހަރެން ދައްކަން އައި ވާހަކަ ދެއްކުމަށް އެ ހިސާބުން ހިތްވަރު ލިބިގެން ދިޔައެވެ.
"ރައުޝާ އުންމީދު ކުރަން އަހަރެންގެ މި އެދުމަށް އާނބަސް ބުނާނެ ކަމަށް .... މާ ގިނަ ދުވަހު މި ގޮތަށް ދިގު ދަންމާކަށް އަހަރެން ބޭނުމެއް ނޫން ... މި ބުނީ އަހަރެން ... އަހަރެން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ރައުޝާއާއި ކައިވެނި ކުރަން ،" އަހަރެން ހިތުގެ އެދުން ވަރަށް އުނދަގުލުން ރައުޝާގެ ކުރިމަތީގައި ބަންޑުން ކޮށްލީމެވެ. އަދި ރައުޝާގެ މޫނަށް ބަލާލީމެވެ. ރައުޝާ ހުރީއެވެ. ރައުޝާ އެއް ވެސް ބަހެއް ނުބުންޏެވެ. އެ މޫނުން ހިނިތުން ވުމެއް ނުފެނުނެވެ. އަހަރެން ހާސްވާގޮތް ވިއެވެ. ރައުޝާ ހިތްހަމަ ނުޖެހުނީކަމަށް ހީކޮށެވެ. އެހާ އަވަހަށް ކައިވެނި ކުރަން ބޭނުން ނޫން ނަމަ އެވާހަކަ ވެސް ބުނަން ވީ ނޫން ހެއްޔެވެ. ރައުޝާގެ ހަމަހިމޭން ކަމުން އަހަރެން ނަގަންވީ ކޮން މާނައެއް ހެއްޔެވެ.
"ވަރަށް ގަބޫލު...ވަރަށް އުފާވެއްޖެ...ނާއިޒް ގެ ތި އެދުމަށް ހިތުން ރުހުމުން ގަބޫލު،" ރައުޝާ ހިނިތުންވެ ހުރެ ދިން ޖަވާބުން އިސްޖަހާލައިގެން ހުރި އަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ރައުޝާގެ މޫނަށް ބަލާލެވުނީ ލިބުނު ހިތްހަމަ ޖެހުމާއެކު އުފަލުން ހުރެއެވެ.
-ނުނިމޭ-

