"ވަރަށް ގަބޫލު...ވަރަށް އުފާވެއްޖެ...ނާއިޒް ގެ ތި އެދުމަށް ހިތުން ރުހުމުން ގަބޫލު،" ރައުޝާ ހިނިތުންވެ ހުރެ ދިން ޖަވާބުން އިސްޖަހާލައިގެން ހުރި އަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ރައުޝާގެ މޫނަށް ބަލާލެވުނީ ލިބުނު ހިތްހަމަ ޖެހުމާއެކު އުފަލުން ހުރެއެވެ.
އަހަރެންގެ އެދުމަށް ރައުޝާ އިޖާބަ ދިނުމުން އަހަރެން ނުހަނު އުފާއިއެވެ. ރައުޝާގެ ފިނިވެފައިވާ އަތުގައި އަހަރެން މަޑުމަޑުން ހިފައިލީމެވެ. ހިނިތުންވެ ހުރެ ރައުޝާގެ މޫނަށް ބަލާލީމެވެ. ރައުޝާ ލަދުން އިސްޖަހާލިއެވެ. ރައުޝާގެ ރަދުރަކި މިޒާޖު އަހަންނަށް ވަރަށް ކަމުދެއެވެ.
"އަހަރެން މުޅި އުމުރަށް ރައުޝާ އުފަލުގައި ބަހައްޓާނަން....ރައުޝާއަށް އަބަދުވެސް އޯގާތެރިވާނަން..އުންމީދުކުރަށް ރައުޝާ އަހަނަށް ވަފާތެރި ވާނެކަމަށް ....ތެދުވެރި ވާނެކަމަށް... އަދި އެއްވާހަކަ....އަހަރެންގެ ބައްޕައަށް އަޅާލައި އޯގާތެރި ވާންވާނެ،" އަހަރެން ރައުޝާއަށް ވައުދު ވަމުން ރައުޝާގެ ކިބައިން އަހަރެން އެދޭ އެދުން ހާމަކުރީމެވެ. އިސް އުފުލާލަމުން ރައުޝާ ބޯޖަހާލިއެވެ. އަހަންނާއި ދިމާއަށް ބަލަން ހުރެފައެވެ.
އުފާވެރި އެ ބައްދަލުވުން ނިމިގެން ދިޔައީ ރަތްވިލާ އޮއްސި ދުނިޔެއަށް ފަތުރާލި އަދިރިކަމުގެ ސާލާއި އެކުގައެވެ. އެހެނަސް އެ އަދިރިކަން ހެކިކޮށް އަހަރެންނާއި ރައުޝާ ދިރިއުޅުމުގެ ހަޔާތުގެ ދަތުރު އެކުގައި ފެށުމުގެ އަހުދު ވީމެވެ. އާ ދިރިއުޅުމެއްގެ ހުޅުކޮޅު ރޮއި ކުރީމެވެ. އެ އަދިރި ކަމުގެ ތެރެއިން އަހަރެންގެ ހަޔާތަށް އާ އަލިކަމެއްގެ އުންމީދު ރައުޝާ ދިއްލާލަ ދިނެވެ. އެއީ އަހަންނަށް ލިބުނު އުފާވެރިކަމުގެ ހިނދުކޮޅެކެވެ.
އުފަލުން ހުރެ އެ ވާހަކަ ގެއަށް އައިސް ފުރަތަމަ ވެސް ހިއްސާކުރީ ބައްޕައާއި އެވެ. ބައްޕަ ބޭނުންވީ ވީ އެންމެ އަވަހަކަށް ކައިވެނީގެ ތައްޔާރީތަށް ކުރުމަށެވެ. އަހަރެން ވެސް ހުރީ އެކަމަށް ނުހަނު ބޭނުންވެފައެވެ. ރައުޝާ އަހަރެންގެ މިލްކަކަށް ހެދުމަށް ފެންބޮވައިގެންފައެވެ. އެހެން މީހަކު މި ދެމެދަށް ވެދެފާނެތީއެވެ.
ދެ މީހުން ވާހަކަ ދެއްކުމަށް ފަހު ކައިވެނީގެ ތައްޔާރީތައް ވީމެވެ. ކޮންމެ ކަމެއްގައި ހެން ރައުޝާ އާއި މަޝްވަރާ ކުރަމެވެ. އަދި އަހަރެންގެ ޚާއްސަ ރަހުމަތްތެރިޔާ ފައިނާނުގެ ލަފާ ހޯދަމެވެ.
އަހަރެމެންގެ ކައިވެނި ޕާޓީ ބޭއްވުނީ ވަރަށް ކުޑަ ގޮތަކަށެވެ. އެއީ އަހަންނާއި ރައުޝާ ވެސް ބޭނުންވި ގޮތެވެ. މާގިނަ ބަޔަކަށް ދައުވަތު ދޭން ބޭނުން ނުވާތީއެވެ. ބައްޕަ ވެސް ބަލިކޮށް އުޅޭތީއާއި އެކުގައެވެ. ކައިވެނިކޮށްގެން ރައުޝާ ގެއަށް ގެނައި ދުވަހު ބައްޕަގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ސަބަބުން އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ.
ކައިވެންޏަށް ފަހު އަހަރެން ކުރިން ވެސް އެދިފައިވާ ގޮތުގެ މަތީން ރައުޝާ އޮފީހުން ކެޑުނެވެ. އަހަރެން އޮފީހުން ދުވަސްކޮޅަކަށް ޗުއްޓީއެއް ނެގީމެވެ. ގޭގައި ގިނަ ވަގުތު ހޭދަ ކުރުމަށެވެ. ނޫނެކެވެ. މުޅިއަކުން އެހެނެއް ނޫނެވެ. އެކުގައި ދެ މީހުން ގިނަ ވަގުތު ހޭދަކުރުމަށެވެ.
އަހަރެން ބޭނުންވީ މި ކުޑަ ކުޑަ އުފާވެރި ފެމެލީ އުފަލާއެކު ވަގުތު ހޭދަކުރުމަށެވެ. އަހަރެމެން ދެ މީހުންނާއެކު ބައްޕައަށް ހޭދަކުރެވޭނެ ހުރިހާ ވަގުތެއްގައި ބައްޕަ ވެސް ބައްޕަ ބައިވެރި ކުރުމަށެވެ.
ނަމަވެސް އުނދަގޫ ކަމަށް ބުނެ ފުރަތަމަ ރައުޝާ އިންކާރު ކުރީ ކާ ވަގުތު ތަކުގައި ބައްޕަ ބައިވެރި ކުރުމެވެ. ބައްޕައަށް ކާން އުނދަގޫ ވާތީއާއި ކާއިރު ކާތަކެތި މޭޒުމައްޗަށް ވެއްޓޭތީ ކާން އުނދަގޫވާކަމަށް ބުނެއެވެ. ރައުޝާ ފަކުރު ގަންނަ ކަމަށް ބުނެއެވެ. އެހެން ކަމުން ހިތާއި ދެކޮޅަށް ނަމަވެސް އަހަންނަށް މަޖުބޫރުވީ އަހަރެމެން ކާއިރު ބައްޕަ ބައިވެރި ނުކުރާށެވެ. އަހަރެމެންނާއި އެއް މޭޒަށް ބައްޕަ ނުގެންނާށެވެ. ރައުޝާގެ ސަބަބުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް ތަދުވިއެވެ. އެހެނަސް އެކަން މާ ބޮޑު ކަމަކަށް އަހަރެން ނުހަދަމެވެ.
ޗުއްޓީ ނިންމާފައި އަހަރެން އޮފީހަށް ނުކުންނަން ފެށީމެވެ. އާދައިގެ މަތިން އޮފީހަށް ދިއުމުގެ ކުރިން ގަވައިދުން ބައްޕަގެ ކަންތައްތައް ކޮށްލަދީ ނިންމާލަމެވެ. ފެންވަރުވާލައި ރީތި ކޮށްލަމެވެ. އޮފީހުން ގެއަށް އައިސްފައި ވެސް އަހަންނަށް އެންމެ ފުރަތަމަ ވެސް ބައްޕަގެ ހާލު ބަލާލެވެއެވެ. ބައްޕަ ކައިފިންތޯ އަހާލެވެއެވެ. ބައްޕަގެ ކައިރީގައި ގިނަ ވަގުތު ހޭދަ ކުރެވެއެވެ. އެކަން ވީ ރައުޝާ ހިތްހަމަ ނުޖެހޭ ކަމަކަށެވެ. ރައުޝާ ޝަކުވާ ކުރިއެވެ. އޭނައަށް ޓައިމް ދެވޭލެއް މަދުކަމަށް ބުނެއެވެ. އަންހެނުންގެ ޝަކުވާ އަކީ ހުއްޓޭނެ އެއްޗެއް ނޫން ކަން އަހަންނަށް އެހެން ރަހުމަތްތެރިންގެ ފަރާތުން އިވިފައި ހުރުމުން އެކަމާ އެހާބޮޑަށް އަޅައެއް ނުލަމެވެ. ރައުޝާ ކުރާ އެކަހަލަ ޝަކުވާތަކަށް ސަމާލުކަމެއް ނުދެމެވެ.
ފަހުން ފަހުން އައިސް އަހަންނަށް ފާހަގަވާން ފެށި ކަމެއް އޮތެވެ. އެއީ އޮފީހުން އަންނަ އިރުގައި ބައްޕަގެ މޫނުމަތިން ކުރިން ފެންނަމުންދާ އުޖާލާ ހިނިތުންވުން މަޑުމަޑުން ފިލަމުން ދާކަމެވެ. އަބަދު ހުންނަނީ ދެރަވެފައެވެ. ކަރުނަ ހިލިފައެވެ. އެ ބައްޕަގެ ލޮލުން އައިސްފައި ހުންނަ ކަރުނުތައް ސިއްރު ސިއްރުން ފުހެލޭކަން އަންނަށް ފާހަގަވިއެވެ. ކިތަންމެ ސިއްރު ކުރަން އުޅުނު ނަމަވެސް ކޮންމެ ވެސް ކަމެއް ވާކަން އަހަންނަށް ގައިމެވެ. އެހެން ނޫންނަމަ ބައްޕަ ހިތާމައެއް ނުކުރާނެއެވެ. ކަރުނައެއް ނާޅާނެއެވެ. އެ ހިމޭން ކަރުނުތަކުގައި ސިއްރެއް ވާނެކަން އަހަންނަށް ގައިމެވެ. ފުރަތަމަ އަހަރެން ހިތަށް އެރީ އެއީ އަހަންނަށް ބައްޕައަށް ދެވޭ ވަގުތު މަދުވީމައި ވާގޮތެއް ކަމަށެވެ. އެހެން ހިތައި ހިތްހަމަ ޖައްސާލައިގެން ހުރީމެވެ. ކުރިން ދޭ ވަރަށް ވުރެ ގިނަ ވަގުތު ބައްޕައާއި އެކު ހޭދަ ކުރަމެވެ.
އެހެން ދުވަހެކެވެ. އަހަރެން އުޅުނީ ކޮޓަރީގައެވެ. ރައުޝާ ބަދިގޭގައި ކެއްކުމުގައި އުޅުނެވެ. ކޮންމެ ވެސް ކަމެއް ހަނދާންވެގެން އެ ވާހަކަ ރައުޝާ ގާތު ބުނުމަށް އަހަރެން ކޮޓަރިން ނުކުތް އިރު ބައްޕަގެ ހަޅޭކުގެ އަޑު އިވެއެވެ. ބަދިގޭގައި އުޅޭ މީހަކަށް ގައިމުވެސް އެ އަޑު ރަގަނޅަށް ވެސް އިވޭނެއެވެ. ރައުޝާ އަޑެއް އިވޭކަމަށް ވެސް ހަދާނުލައި ބަދިގޭގައި މަސައްކަތައިގެން މަސްއޫލުވެ އުޅެއެވެ. ރުޅި އައި ނަމަވެސް އަހަރެން ފުރަތަމަ ބެލީ ބައްޕައަށް ވީ ކީއްތޯއެވެ. ބައްޕަ އޮތީ ވެއްޓިފައެވެ. އެހީއަށް އެދި ގޮވަނީއެވެ. އަހަރެން ބައްޕަ ނަގައި އެނދުގައި ބޭއްވީމެވެ. ފެއް ފޮދެއް ދިނީމެވެ. އެއްވެސް ތަނަކަށް ތަދުވިތޯ އަހައި އޮޅުން ފިލުވީމެވެ. ނަސީބަކުން ބައްޕައަށް މާބޮޑު ކަމެއް ނުވެއެވެ.
ބައްޕަ ކައިރިން ނިމިގެން އަހަރެން ރައުޝާ ކައިރިއަށް ދިޔައީމެވެ. ބައްޕަ އެވަރަށް ގޮވާއިރު އަޑު އިވޭކަމަށް ހަދާނުލައި ހުރީ ކީއްވެތޯ އެހީމެވެ. ހިތްހަމަ ނުޖެފައި ހުރެއެވެ. ރައުޝާގެ ޖަވާބަކަށް ވީ އޭނާއަށް ބައްޕަ ގޮވާ އަޑު ނުއިވޭކަމަށެވެ. މާބޮޑަށް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުރެވުމުން އަޑު ނުއިވުނީ ކަމަށް ވެދާނެ ކަމަށް ބުންޏެވެ. އަހަންނަށް ރައުޝާގެ ބަސް ގަބޫލު ކުރެވުނެވެ. މާ ބާރަށް ހިތްހަމަ ނުޖެހި ހުރެ އެހުނީތީ މާފަށް އެދުނީމެވެ.
ފަހަކަށް އައިސް ގޭތެރޭގައި ކަންތައްތައް ވަމުންދާ ގޮތުން އަހަރެން ބައްޕަ ކައިރީން ވާގޮތެއް އޮޅުން ފިލުވުމުގެ ގޮތުން ސުވާލު ކުރީމެވެ. ބައްޕަގެ ޖަވާބަކަށްވީ މާ ބޮޑު ކަމެއް ނުވާކަމަށެވެ. މާ ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވެނީ ކަމުގައި ބުންޏެވެ. ބައްޕަގެ ޖަވާބުން އަހަރެންގެ ހިތަކަށް ތަސައްލީއެއް ނުލިބުނެވެ. ބައްޕަ އެހެން ބުނި ނަމަވެސް ގައިމު ކަމެއް އެބަ ހިނގައޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އެހެން ނޫން ނަމަ ބައްޕަ ލޮލުން ކަރުނަ އަންނަން ވީ ކީއްވެ ހެއްޔެވެ. އެ މޫނުން ހިތާމައިގެ އަސަރު ފެންނަން ނުހުރީހެވެ. އަހަންނަށް ނޭނގެނީ ވީކަމެކެވެ. ވަމުންދާ ގޮތެވެ. ބައްޕަ އަށް އައި ބަދަލަކީ ކޮބައިކަމެވެ. އެކަމުގެ ހަގީގަތެވެ. ރައުޝާގެ ފަރާތުން ވެސް އަހަންނަށް ކަމެއް އޮޅުން ފިލާވަރެއް ނުވިއެވެ. އެހެންކަމުން އަހަރެން ނިންމީ ރަހުމަތްތެރިއެއްގެ މަޝްވަރާ ހޯދާށެވެ. ހިތަށް ތަސައްލީއެއް ހޯދުމުގެ ބޭނުމުގައެވެ
އަހަރެން ހުރީ އޮފީހުގައި އެންމެ އެކުވެރި ފައިނާން އާއި އެކު ކޮފީއެއްގައެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. ރަހުމަތްތެރިޔާ އާއި މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްލުމަށެވެ. ފައިނާނަކީ ގިނަ ކަންތައްތަކުގައި އަހަރެން ލަފާ އަހާ މަދު ރަހުމަތްތެރިންގެ ތެރެއިން އެކެކެވެ. އަހަރެން ވަރަށް އިތުބާރުކުރާ ވަރަށް ގާތް އެކުވެރިއެކެވެ. އޮފީހުގެ ރަހުމަތްތެރިކަމަށްވުރެ އަހަރެމެންގެ މެދުގައި އުފެދިފައިވާ ގުޅުން ވަރުގަދައެވެ. އެހެންކަމުން ވަރަށް ޒާތީ ކަންކަމާއި ވެސް އަހަންނަށް ފައިނާނާއި މަޝްވަރާކުރުމަކަށް އެއްވެސް އުނދަގުލެއް ނޫނެވެ.
ފައިނާން ދިނީ ރަގަނޅު ޚީޔާލެކެވެ. އަހަންނަށް ކުރިން ވިސްނިފައި ނެތް އޭންގަލަކުން އޭނާ ވިސްނިއެވެ. އެ ޚިޔާލަށް އަހަންނަށް ވެސް ތާއީދު ކުރެވުނެވެ. އެއީ ރަގަނޅު ކަމެއްކަމުގައި ބުނަމުން އަހަރެން ފައިނާނަށް ޝުކުރު އަދާކުރީމެވެ.
- ނުނިމޭ-

