ފައިނާން ދިން ޚިޔާލު އަހަންނަށް ވަރަށް ކަމުދިޔައެވެ. އަހަންނަށް ކުރިން ވިސްނިފައި ނެތް އޭންގަލު ތަކުން އޭނާ ވިސްނިއެވެ. އެއީ ފައިނާނުގެ ޚިޔާލުތަކާއި މަޝްވަރާ އަހަންނަށް ކަމުދާ އެއް ސަބަބެވެ. އޭނާގެ މަޝްވަރާއާއި ލަފާ ކަންކަމުގައި ހޯދަން ބުރަވެވެނީ އެހެންވެގެންނެވެ. ފައިނާނުގެ އެ ޚިޔާލަށް އަހަންނަށް ތާއީދު ކުރެވުނެވެ. އެ ޚިޔާލު ބަލައިގަނެވުނެވެ. އެއީ ރަގަނޅު ކަމެއްކަމުގައި ބުނަމުން އަހަރެން ފައިނާނަށް ޝުކުރު އަދާކުރީމެވެ. ފައުނާނު ކަހަލަ ރައްޓެއްސަކު ހުންނަކަން އެއީ ނަސީބެކޭ ބުނީމެވެ. ތިހެން ގޯނި ފުލަށް ނުލިކަމުގައި ވިއަސް ނާއިޒް ބޭނުންވާ ކަންކަމުގައި އޭނާއަށް ފެންނަ ޚިޔާލެއް ދީފާނަމޭ ބުނަމުން ފައިނާނު ހީގަތެވެ. އަހަރެން ވެސް ދެރަ ނުވާން ވެގެން ފައިނާނުގެ ހުނުމުގައި ބައިވެރި ވެލީމެވެ.
ބައްޕައަށް އަންނަމުން ދާ ބަދަލާއި މެދު އެކަނިވާ ކޮންމެ ވަގުތެއްގައި އަހަންނަށް ވިސްނެއެވެ. އެ ހިމޭން ކަމުގެ ކަރުނައިގެ ހަގީގަތް ކޮންމެ ވެސް ދުވަހަކުން އަހަރެންގެ ކުރިމަތީގައި ހާމަވެގެން ދިއުމަށް އެދި ދުޢާ ކުރެއެވެ. އަހަންނަށް ޔަގީން ނުވި ނަމަވެސް ޝައްކުގެ ނަޒަރަކުން ރައުޝާއަށް ބެލެން ފެށުނެވެ. ހިތް އަބަދުމެ ބުނެއެވެ. ހުރިހާ ކަމެއް ގުޅެނީ ރައުޝާ އާއެވެ. ހަޔާތުގައި ވަކި ގޮތަކަށް ކަމެއް ނިންމުމުގެ ކުރިން އެކަމެއް ޔަގީން ވުމަކީ ނުހަނު ބޭނުންކަމެކެވެ. އެގޮތުން ރައުޝާއާއި މެދު އަހަރެންގެ ހިތުގައި އުފެދެމުން އައި ތޫފާނީ ވަސްވާސްތައް ވެސް ޔަގީންވާން ޖެހެއެވެ. ފަހުން ފަހުން އައިސް އަހަރެން ކޮށަމުން އައި މަގަކީ އެއީއެވެ. އަހަރެންގެ ހިތުގެ ޝައްކު ޔަގީނަށް ބަދަލުކޮށްލުމެވެ.
އަހަރެން ހުރީ އެފަދަ ފުރުސަތެއް ފަހިވާނެ ވަގުތަކަށް ބަލަބަލައެވެ. ރައުޝާގެ މަތިން އަހަރެން ފޫހި ވާންފެށީ އެ ގޮތަށް ވިސްނެން ފެށުމުންނެވެ. އެހެނަސް ކައިވެންޏެއްކޮށް ކާފަ ދަރިއެއް ހޯދުމަކީ ބައްޕަގެ ވެސް އެދުމަކަށް ވާތީ ކަމެއް ނެތި ރައުޝާ ވަރިކުރާކަށް ވެސް އަހަންނަކަށް ނުކެރުނެވެ. އެހެންކަމުން އަހަރެންގެ ހުރިހާ ވެސް މަސައްކަތަކަށް ވެފައި އޮތީ ރައުޝާއަށް ޝައްކުގެ ނަޒަރުން ބަލައި ފާރަލުމެވެ. އެއީ ކިތަންމެ ގޯސްކަމެއް ކަމަށް ވީ ނަމަވެސް މެއެވެ.
ރައުޝާ އަހަންނަށް ގޯހީއެއް ނޫނެވެ. ވަރަށް ރަގަނޅެވެ. ވަރަށް އޯގާތެރިއެވެ. އެހާމެ ކިޔަމަން ތެރިއެވެ. ބަރާބަރަށް އަހަންނަށް ކާންދެއެވެ. އެއްޗެހި އިސްތިރި ކޮށްދެއެވެ. ކުރު ގޮތަކަށް ބުނަނީނަމަ އަހަންނަށް މަދުވާ އެއްކަމެއް ވެސް ނެތެވެ. އެހެނަސް ކައިވެންޏަށް ފަހު ރައުޝާ އަހަންނާއެކު ބޭރަށް ދިއުން ހުއްޓާލިއެވެ. އުފާވެރި ވަގުތުތައް ހޭދަކުރުން މަދުކޮށްލިއެވެ. ރޭގަނޑު ވަރުބަލި ކަމަށް ބުނެ ނުލާހިކު އަވަހަށް ނިދާނެއެވެ. އެ ކަހަލަ ކަމަކާއި އަހަރެން ދެބަސްވާން އުޅޭއިރަށް ބުނެލާނެއެވެ. އަހަރެން ނާއިޒް އަށް ހެޔޮ ނޫނީ ކީއްވެ ހެއްޔެވެ. ނާއިޒްގެ އެއްވެސް ކަމަކަށް ދަތި ނުވެ ހުރިހާކަމެއް ކޮށްދެމެއް ނޫން ހެއްޔެވެ. ވަގުތުން ވަގުތަށް ކާން ހަނދާއި ދެމެވެ. އެއްޗެހި ދޮވެދީ އިސްތިރި ކޮށްދެމެވެ. އެއްކަމެއް ވެސް ނާއިޒް އަމިއްލައަށް ކުރާކަށް ނުޖައްސަމެވެ. އެހެންވީމަ އަހަރެންހާ ހެޔޮ އަތްބެއް ނާއިޒް އަކަށް ނުލިބޭނެވެ.
ރައުޝާގެ ވާހަކަތައް ސަތޭކައެވެ. އެއް ކަމެއް ނޫނީއްޔާއެވެ. އެއީ އެބުނާ "ރައުޝާ ފަދަ ހެޔޮ ރަގަޅު އަތްބެއް ނުލިބޭނޭ" އެބުނާ ތަންކޮޅެވެ. އެކަމާ އަހަރެން ފަހުން ފަހުން އައިސް އެއްބަހެއް ނޫނެވެ. ރައުޝާ އަކީ އެފަދަ "ހެޔޮ ރަގަނޅު" އަތްބެކޭ ނުބުނެވޭނެއެވެ.
އާދައިގެމަތިން އަހަރެން ބައްޕަ ރީތިކޮށް ހެދުމަށްފަހު އޮފީހަށް ދިޔައީމެވެ. އޮފީހުގައި މަސައްކަތް ބުރަ ދުވަހެއް ނަމަވެސް އަހަރެންގެ ޕްލޭން ސިކުޑިން ފިލައިގެން ދިޔަ ނުދެމެވެ. އެހެން ދުވަސްތަކެކޭ ޚިލާފަށް އަހަރެންގެ ހިތުގެ ހިނގުން އިހުނަށް ވުރެ ހަލުވި ކަމުގައި އިހުސާސް ކުރެއެވެ. އަހަރެންގެ ހަރަކާތްތައް އަވަސްކަމުން ކައިރީގައި ހުރި ރަހުމަތްތެރިޔާ ސުވާލު ކޮށްލިވެސްމެވެ. އެ އަޑު އިވުނުކަމަށް އަހަރެން ނުހެދީއެވެ. ހެނދުނު 9:30 ވާން ގާތްވެފައި ހުއްޓައި އަހަރެން އޮފީހުން ނުކުމެ ސައިކަލަށް އަރައި ދުއްވާލީމެވެ.
ގެ ކައިރީގައި ސައިކަލު ޕާކު ކޮށްލުމަށްފަހު އަހަރެން ގެއަށް ވަނުމަށް އަވަސްވެގަތީމެވެ. ގެއަށް ވަދެގެން ދިޔަ ވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ ދުވަހަކު ވެސް އަޑުއަހަން ބޭނުންވި އަޑެއް ނޫނެވެ. އިވުނީ އަހަރެން ދުވަހަކު އެ ބަސްތަކެއް އިވެން ބޭނުން ނުވި ބަސްތަކެކެވެ. އެ ބަސްތައް އެމީހެއްގެ ކިބައިން އިވިދާނެ ކަމަށް ދުވަހަކު އުންމީދު ނުކުރާ ފަރާތެއްގެ ކިބައިން އަހަރެންގެ ކަންފަތާއި ހަމައަށް އިވި އިވި ހުރި ބަސްތަކުން އަހަރެން ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އަހަރެންގެ އަންހެނުން ރައުޝާ ބައްޕަ އާއި ދިމާއަށް އެއްޗެހި ކިޔަނީއެވެ. އެ ބައްޕަ އާއި ދިމާއަށް ރައުޝާ ނުގޮވާކަށް އެއްޗެއް ނެތެވެ.
"އަދި ވެސް މިކަލޭގެ މަރުވާކަށް ނޫޅޭއޭ..!" އަހަރެންގެ ކަންފަތުގައި ޖެހުނީ ރައުޝާގެ އަޑެވެ. "މި މުދާވެރިކަމުގެ ދަހިވެތި ކަމުގައި ނޫނީ އަހަރެން ނާއިޒް އަކާ ނުއިނީސް...މުސްކުޅިޔާ ކަލެއަށް ޚިދުމަތް ކުރާކަން މަށަކަށް ނުޖެހޭނެ .... ކޮން ފެންފޮދެކޭ ގޮވާކަށް،" އެއީ ރައުޝާގެ ރަހުމުކުޑަ ލާއިންސާނީ އަޑެވެ. ރައުޝާގެ ހިތުގައި އެވަނީ ނަފްރަތެވެ. އިންތިހާއީ ރުޅިވެރިކަމެވެ. މަކަރުވެރިކަމާއި ބޮޑާކަމެވެ. އެ އަޑު އަހަންނަކަށް ނޯޅޭނެއެވެ. އަހަންނަށް ހުރެވުނު ތަންވެސް ނުއެގުނެވެ. ދިޔަ ބާރު މިނުގައި ރައުޝާގެ ކޯތާފަތް މަތީގައި އަހަރެންގެ ކަނާއަތުން ފިރުމާލީމެވެ. އެއްފަހަރު ދެފަހަރަކު ނޫނެވެ. އަހަރެން ރުޅި އައިސް ކޮންޓްރޯލުން ނެއްޓީއެވެ. ބައްޕަ ގެ އަޑު އިވުނެވެ. ދަރިފުޅާ ތިހެން އަނިޔާވެރި ނުވާށޭ ބުނެލި އަޑެވެ. ރައުޝާގެ ވޭނީ "އާހް" ގެ އަޑުން މުޅި ކޮޓަރި ގުގުމައިގެން ދިޔައެވެ. "އައްދޯތް...ތަދުވެއްޖޭ،" އަހަންނާއި ދިމާއަށް ބަލަން ހުރެ ކޯތާފަތްމަތީ އަތް އަޅައިގެން ރައުޝާ ބުންޏެވެ.
"ނަސީބެއްނު އަހަރެން އަތުން ލޭ ނޯ ހޮރުނުކަން !" އަހަރެން ބުނީމެވެ.
" އަހަންނަށް ތިކީ ހުރިހާ އެއްޗެއްގެ އަޑު އިވިއްޖެ... ވީ އެންމެ އަވަހަކަށް ރައުޝާ ރަގަނޅުވާނީ މި ގެއިން ނުކުތީއްޔާ....އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް އަވަހަށް ނުކުމެގެން ދޭ ،" އަހަރެން އިންޒާރު ދިނީމެވެ.
"އަހަރެން ވަކި ދާނީ ކޮންތާކަށް ....މިހާރު ވަޒީފާއެއް،" ރައުޝާ އިސްޖަހައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ.
"ތިން މަސް ވަންދެން ކޮޓަރި ކުލި އަހަރެން ދައްކަދޭނަން....ތި ހުރީ ވަރިކޮށްފައި...ތިކަހަލަ މުޑުދާރު މީހަކާއި އެކު އަހަންނަކަށް ކެތެއްނުވާނެ...ތީ ރަހުމުކުޑަ އިންސާނެއް..ހަރު ހިތެއްގެ ވެރިއެއް،" އަހަރެން ބައްޕަ ކައިރިއަށް ދިޔައީމެވެ. ބައްޕަގެ ގައިގާ ބައްދާލައިގެން އޮވެ ރުއީމެވެ. ބައްޕަ އެދޭ ކަހަލަ މީހަކަށް ރައުޝާ ނުވީތީ މާފަށް އެދުނީމެވެ.
ބައްޕަގެ ހިމޭން ކަރުނައިގެ ސިއްރު ވަންހަނާ ކުރީތީ ޝަކުވާ ކުރީމެވެ. އަހަރެން ބުނީމެވެ. އަހަރެންގެ ހުރިހާ ވެސް މީހަކީ ތި ބައްޕައެވެ. އަހަންނަށް ޚިދުމަތްކުރުމުގައި ވީ ގުރުބާނީ ދުވަހަކު ވެސް މި ހިތުން ފޮހެވެގެން ނުދާނެއެވެ. ބައްޕައަށް އޯގާތެރި ނޫން މީހަކަށް އަހަރެންގެ ދިރިއުޅުމުން ދެން ވެސް ޖާގައެއް ނުލިބޭނެއެވެ.
-ނިމުނީ-

