އެ ރެއަކީ މުޅި ކާއިނާތު މަޑުމައިތިރި ހިމޭންކަމެއްގެ ތެރެއަށް ފީނައިގަނެފައިވާ ފަދަ އާދަޔާޚިލާފު ރީތި ރެއެކެވެ. މަގުތަކުގެ ތެރެއިން ދަތުރުކުރަމުން ދިޔަ ފިނި ރޯޅިތަކުގައި މޫދުގެ ލޮނުވަހާއި، ހަނދުވަރުގެ އަލީގައި ފޮޅިފައިވާ މާގަސްތަކުގެ މީރުވަސް އެކުލެވިފައި ވިއެވެ. ދުރުން އިވެމުންދިޔަ ރާޅުތަކުގެ އަޑާއި އުޑުމަތީގައި ވިދަމުންދިޔަ ތަރިތަކުން ހީވަނީ، މި ދުނިޔެމަތީގައިވާ ރީތި ހުރިހާ ކަމެއް އަބަދަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެމުންދާ ހެންނެވެ. ނަމަވެސް، އެންމެ ބިރުވެރި ބިރުވެރިކަން ފެށެނީ އެންމެ ހިތްގައިމު ރޭތަކުންނެވެ. އަދި ހިތުގެ ހަމަޖެހުން ލޫޓުވާލަނީ، ތިބާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ދަޢުވާކުރާ ފަރާތްތަކުންނެވެ.
ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރުން ވަދެގެން އައި ފިނި ވައިރޯޅިއާއެކު ފަރުދާތައް ތަޅުވައިގަތެވެ. ކަށިގަނޑު ފިނިވެގެން ދިޔަ ވަގުތު އާލިޔާ ހޭލެވުނު ނަމަވެސް، އަލުން ނިދަން އުޅުނު ވަގުތު ކޮޓަރީގެ ކަނަކުން މަޑު ވސްވުމެއްގެ އަޑު އިވުނެވެ. އެއީ ފިރިހެނެއްގެ އަޑެވެ؛ ނާމާން އަދި އާދަޔާޚިލާފަށް ދަންނަ ގޮތެއް އެ އަޑުގައި ހުއްޓެވެ. އެ އަޑުން އޭނާއަށް ނަމުން ގޮވާލިއެވެ. އާލިޔާ ލޯ ހުޅުވާ ވަށައިގެން ބަލައިލި ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ހުވަފެނެއް ކަމަށް ހީކޮށް، ފާރާ ދިމާއަށް އެނބުރި އޭނާ ލޯ މަރައިލިއެވެ.
ދެން އޭނާއަށް އިހުސާސްވީ އެނދުގެ އެއްފަރާތް މަޑުމަޑުން ތިރިވެގެން ދިޔަ ކަމެވެ.
އާލިޔާގެ ހިތުގެ ތެޅުން އަވަސްވެ، އޭނާގެ ފައިތިލައާ ކައިރިން އާދަޔާޚިލާފު ފިނި ހިޔަންޏެއްގެ އަސަރު ވެރިވިއެވެ. ބިރުން ތުރުތުރުއަޅަމުން ރަޖާގަނޑު މޫނުމަތީގައި އެޅި ވަގުތު، ކަންފަތްދޮށުން ސިއްރުސިއްރުން އެ އަޑު އިވުނެވެ.
"އާލިޔާގެ އިންތިޒާރުގަ އަހަރެން ހުންނަތާ ވަރަށް ދުވަސް ވެއްޖެ."
އާލިޔާ ބިރުން ހަޅޭއްލަވައިގަނެ އަވަސްއަވަހަށް ކޮޓަރީގެ ބޮކި ދިއްލިއެވެ. އެކަމަކު ކޮޓަރީގައި އެއްވެސް މީހަކު ނެތެވެ.
އަނެއް ދުވަހު ހެނދުނު، ރޭގަނޑު ވީ ކަންތައް ހަނދާން ނައްތާލަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ފާޚާނާއަށް ވަދެ ލޯގަނޑަށް ބަލައިލިއިރު، އޭގައި އަކުރުތަކެއް ލިޔެފައި ހުއްޓެވެ. " އާލިޔާ ނިދާފައި އޮންނަ މަންޒަރު ބެލުމަކީ އަހަރެން އެންމެ ލޯބިވާ ކަންތައް." ތުރުތުރުއަޅަމުން އެ ލިޔުން ފޮހެލިއިރު، ތަޅުލާފައި ހުރި ފާޚާނާއަކަށް މީހަކު ވަންނާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. މި ވާހަކަ މަންމައަށް ކިޔައިދޭން އުޅެނިކޮށް، އާލިޔާގެ ކުޑަކުޑަ ކޮއްކޮ ބުނީ ރޭގަނޑު އާލިޔާގެ ކޮޓަރި ބޭރުގައި އިސްކޮޅުން ދިގު ފިރިހެނަކު ހުއްޓައި ދުށް ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އާލިޔާ ވާނީ އޭނާގެ އަނބިމީހާއަށް ކަމަށް އެ މީހާ ބުނި ކަމަށެވެ.
މަންމަގެ މޫނުމަތީގެ ކުލަވަރު ވަގުތުން ފަނޑުވެގެން ދިޔައެވެ. ކުދިން ބޭރަށް ފޮނުވާލުމަށްފަހު، މަންމަ އަވަސްވެގަތީ އާލިޔާގެ މާމަގެ ކުރީގެ ފޮށްޓެއް ހާވަން ފެށުމަށެވެ. އެ ފޮށީގެ ތެރެއިން ފެނުނީ ގޭގެ ބޭރުގައި ހުރި ޒުވާން އަންހެނެއްގެ ބާވެފައިވާ ފޮޓޯއެކެވެ. އެ އަންހެންމީހާގެ ފަހަތުން، މަތީ ފަންގިފިލާގެ ކުޑަދޮރުން ކަޅު ހެދުމެއް އަޅައިގެން ހުރި ދިގު ހިޔަންޏެއް ފެންނަން ހުއްޓެވެ. އެރޭ އެކަނި ނިދަން ބިރުން އާލިޔާ އޮތީ މަންމަގެ ކައިރީގައެވެ. ދަންވަރު 3:17 އެހާކަންހާއިރު ހޭލެވުނުއިރު، އަނދިރި ކޮރިޑޯގެ ކޮޅުގައި މީހަކު ހުއްޓި ހުއްޓެވެ. އޭނާއަށް ހަޅޭއްލަވައިގަނެވުމުގެ ކުރިން އެ ހިޔަނި ގެއްލުނެވެ. ދެން ފެނުނީ ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި، ނުފެންނަ އިނގިއްޔަކުން އަކުރެއް ކުރަހަމުން ދިޔަ ތަނެވެ. މަންމަ ކީރިތިކުރަމުން ހެޔޮ ދުއާތައް ކިޔަން ފެށިއެވެ. ކުއްލިއަކަށް، އާލިޔާގެ ފަހަތުން އަނދިރިގަނޑުގެ ތެރެއިން އެ އަޑު ނުކުތެވެ. އެ ފަރާތުގެ ފިނި ނޭވާ އާލިޔާގެ ކަރަށް އެޅޭހާ ކައިރިންނެވެ. "އާލިޔާގެ މަންމަ އަހަރެން މަތިން ހަނދާން އެބަހުރި،" ސިއްރުން ބުންޏެވެ. "އާލިޔާގެ މާމައަށް ވީގޮތް މަންމަ ކައިރީ އަހާބަލަ". ގޭގެ ކަރަންޓު ކެނޑި، އަނދިރިވިއެވެ. އާލިޔާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލި ކަމުގެ އިހުސާސް ކުރެވުނެވެ. އަދި ބިރުވެރި މަޑުމައިތިރިކަމަކާއެކު އެ އަޑު އަނެއްކާވެސް ވާހަކަދެއްކިއެވެ.
"އާލިޔާގެ އިންތިޒާރުގައި އަހަރެން އެތައް އަހަރެއް ހޭދަކޮށްފިން. ދެން ދުވަހަކުވެސް އާލިޔާއާ ދުރަކަށް ނުދެވޭނެ"
އަލުން އަލިވިއިރު ކޮޓަރި އޮތީ ހުހަށެވެ. އެކަމަކު އާލިޔާގެ ފޯނު އޮތީ ތަޅުންގަނޑު މަތީގައެވެ. ނުދަންނަ ނަންބަރަކުން އައިސްފައިވާ މެސެޖެއް ސްކްރީނުން ފެންނަން އޮތެވެ.
"އާލިޔާ ދުނިޔެއަށް އައުމުގެ ކުރިންވެސް އަހަރެން ކަލާ ދެކެ ލޯބިވިން."
އަދި އަނދިރިގަނޑުގެ ތެރެއިން، މަޑުމަޑުން ގޭގެ ދޮރުގައި ތިން ފަހަރު ޓަކިދިން އަޑު އިވުނެވެ.
އާލިޔާ ބިރުން ރަޖާގަނޑު އަޅައި މޫނު ފޮރުވިއެވެ. އޭނާ ޚިޔާރުކޮށްފައި އެވަނީ އާދައިގެ އިންސާނެއް ނޫންކަން އޭނާއަށް އެނގުނެވެ. އެއީ އޭނާ ދެކެ ލޯބިވާ، އަދި އޭނާ ވަކިކުރަން އުޅޭ ކޮންމެ އެއްޗެއް ހަލާކުކޮށްލާނެ ބިރުވެރި ބާރެކެވެ.
ނުނިމޭ!
