އެ ބިރުވެރި ހާދިސާއަށްފަހު އާލިޔާއަކަށް އޭނާގެ އަމިއްލަ ކޮޓަރީގައި ނިދާކަށް ނުކެރުނެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ކަނދުރާއަށް އެޅުނު ފިނި ނޭވާއާއި ފޯނަށް އައި ބިރުވެރި މެސެޖު ސިކުނޑީގައި އެނބުރެން ފެށިއެވެ. އާލިޔާ އެންމެ ޖެހިލުންވީ އެއްވެސް ބީރައްޓެއްސަކު ގެއަށް ވަދެދާނެތީއެއް ނޫނެވެ. އެކަމަކު އޭނާގެ މަންމަގެ އަމަލުތައް ހުރި ގޮތުންނެވެ. ހީވަނީ ހިނގަމުން މިދާ ކަންތައްތަކުގެ އަސްލު މަންމައަށް ވަރަށް ރަނގަޅަށް އެނގޭ ހެންނެވެ. އެހެން ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި މަންމަ މަސައްކަތް ކުރީ ވާހަކަ އޮޅުވާލައި ހިތްވަރުކޮށްފައި ދުއާތައް ކިޔަވާށެވެ. އެރޭ މަންމަ އާލިޔާ ގާތު ނިދަން އެދުނީ މަންމަގެ ކައިރީގައެވެ. އަދި ދަންވަރު ނަމުން ގޮވާ އަޑު އިވުނަސް އެއްވެސް ހާލެއްގަ އެއަށް ޖަވާބު ނުދިނުމަށް ހަރުކަށިކޮށް އިންޒާރު ދިނެވެ. ކުޑަދޮރުތަކުގައި ވައިރޯޅިތައް ބީހެމުން ދިޔައިރު، ކޮޓަރީގެ ކަނެއްގައި ހުރި ބޮޑު އަލަމާރިއަށް އާލިޔާގެ ނަޒަރު ތަކުރާރުކޮށް ހުއްޓެމުން ދިޔައެވެ. ބަރާބަރު ދަންވަރު ތިނެއް ޖަހައި ސަތާރަ މިނެޓުގައި މުޅި ކޮޓަރީގެ ހަމަހިމޭންކަން ދިޔައީ ވިއްސިވިހާލިވެގެންނެވެ. އަލަމާރީގެ އެތެރެއިން ގުގުމައިގެން ދިޔައީ ތިން ޓަކީގެ އަޑެވެ.   ޓަކި. ޓަކި. ޓަކި.    އާލިޔާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް މަންމަ ހޭލެއްވިއެވެ. އެހެން ނަމަވެސް އެއިން އެކަކަށްވެސް އެނދުން ތެދުވެވޭ ވަރު ވުމުގެ ކުރިން، އަނެއްކާވެސް ކުރިއަށްވުރެ ބާރަށް އެ އަޑު އިވެން ފެށިއެވެ. އެއަށްފަހު އިވުނީ ބަލިކަށި، ތުރުތުރުއަޅަމުން ދިޔަ އަންހެނެއްގެ އަޑެވެ. އެ އަޑުން އާލިޔާއަށް ގޮވަމުން ދިޔައީ ހަމައެކަނި އޭނާގެ މާމަ ބޭނުންކުރި ލޯބި ނަމުންނެވެ. "ދަރިފުޅާ... ދޮރު ހުޅުވަބަލަ. މިތަން ވަރަށް އަނދިރި." މިހެންނެވެ. މާމަ މަރުވިތާ ހަ މަސް ވެފައިވާއިރު، އެ އަޑު އިވުމުން އާލިޔާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އެންމެ ފަހު ފަހަރަށް މާމަގެ ސޫރަ ދެކިލުމުގެ ދަހިވެތިކަމުގައި އޭނާ އެނދުން ތެދުވަން އުޅުނެވެ. އެހެން ނަމަވެސް މަންމަ ވަގުތުން އޭނާގެ އަތުގައި ބާރަށް ހިފަހައްޓައި ފަހަތަށް ދަމައިގަތެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރި ސިހުމާއި ބިރުވެރިކަން ފެނިފައި އާލިޔާ ގަނޑުވިއެވެ. އަލަމާރި ތެރެއިން އިވެމުންދިޔަ އާދޭހުގެ އަޑު މަޑުމަޑުން ހުއްޓި، ކުއްލިއަކަށް އިވިގެން ދިޔައީ ޖެއްސުމުގެ ޒާތަކަށް ޖަހާލި ހުނުމެއްގެ އަޑެވެ. "ވަރަށް ރަނގަޅު ކުއްޖެއް،" ފިރިހެނެއްގެ މަޑު އަޑަކުން ބުނެލިއެވެ. "މަންމަގެ ބަސް އެހީތީ."

އަލަމާރީގެ ދޮރުފަތްތައް އަމިއްލައަށް ކުއްލިއަކަށް ހުޅުވިގެން ދިޔައެވެ. އަޅުވާފައި ހުރި އަންނައުނުތަކުގެ ތެރޭގައި ކަޅު ކުލައިގެ ހެދުމެއް އަޅައިގެން ހުރީ އާދަޔާ ހިލާފަށް އިސްކޮޅުން ދިގު ހިޔަންޏެކެވެ. މޫނު އަނދިރިކަމުގެ ތެރޭގައި ފޮރުވިފައިވީ ނަމަވެސް، އޭނާގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ސީދާ އާލިޔާއަށެވެ. މަންމަ އާލިޔާ ގައިގައި ބައްދާލަމުން ހާސްކަމާއެކު ދުއާ ކިޔަވަން ފެށި ނަމަވެސް، އެ މަހުލޫގަށް އޭގެ އެއްވެސް އަސަރެއް ނުކުރިއެވެ. " އާލިޔާގެ މާމަ އެތައް އަހަރެއް ވަންދެން މަސައްކަތް ކުރީ އާލިޔާ އަހަރެން އަތުން ސަލާމަތް ކުރަން. އެކަމަކު އޭނާއަށް ވިސްނެން ވާނެ އެއީ ވާނެ ކަމެއް ނޫންކަން." އެ މަހްލޫގު ބުނެލިއެވެ.

ކުއްލިއަކަށް ބޮކިތައް ނިވިދިއްލިގެން ގޮސް އަނދިރިވުމަށްފަހު އަލި އެޅުނުއިރު އެ ހިޔަނި ވަނީ ގެއްލިފައެވެ. ނަމަވެސް އަލަމާރީގެ ދަށުގައި ތަޅުންގަނޑުމަތީގައި ބާ ފޮޓޯއެއް އޮތެވެ. އާލިޔާ ތުރުތުރުއަޅަމުން ދިޔަ އަތަކުން އެ ފޮޓޯ ނެގިއެވެ. އެއީ އޭނާގެ މާމަ ޒުވާން އުމުރުގައި ރީތި ފިރިހެނެއްގެ ކައިރީގައި ހުއްޓި ހުރި ފޮޓޯއެކެވެ. އެ ފިރިހެންމީހާގެ ލޮލުގައި ހުރީ ބިރުވެރި ތޫނުކަމެކެވެ. ފޮޓޯ ފަހަތަށް ޖަހާލިއިރު މާމަގެ އަތުލިޔުމުން ލިޔެފައި އޮތެވެ. "އޭނާ ދުވަހަކުވެސް ދަރިފުޅުގެ ހޯދަން އަތުވެއްޖެނަމަ، އޭނާގެ ލޯތްބަށް އިތުބާރު ނުކުރާތި." އެއީ ކާކުތޯ އާލިޔާ ސުވާލުކުރުމުން މަންމަ އެންމެ ފަހުން ހަގީގަތް ހާމަކުރިއެވެ. އެއީ މާމަގެ އާއިލާގެ އަންހެނަކާ އަވަލައިގެން އުޅުނު ޖިންނިއެކެވެ. އަބަދަށް ލޯބިވާނެ ކަމަށް ވަޢުދުވި ނަމަވެސް، އެ ލޯބި ފަހުން ބަދަލުވީ ހުރިހާ އެއްޗެއް ހަލާކުކޮށްލި ނުރައްކާތެރި މިލްކުވެރިކަމަކަށެވެ. އެ ވާހަކަ ނިމުނީ މާމައާއެކު ކަމަށް މަންމަ ހީކުރި ނަމަވެސް، އެއީ ކުށްހީއެކެވެ. ފޮޓޯގެ ކަރުދާސްގަނޑު ދަށުން ފެނުނީ އިތުރު ލިޔުމެކެވެ: "އޭނާ ލޯބިވަނީ އެންމެ ފަހަރަކު ނޫނެވެ. އޭނާގެ ލޯބި ދެމިއޮންނާނީ އަބަދަށެވެ." އެ ވަގުތު އާލިޔާގެ ފޯނު ރިންގުވެލުމާއެކު އައީ ބިރުވެރި މެސެޖެކެވެ: "އަހަރެން ދެކެ ބިރުގަންނާކަށް ނުވާނެ. އާލިޔާގެ އަހަރެންގެ އަތުން ފޭރިގަންނަން އުޅުނު ހަމައެކަނި މީހަކީ އާލިޔާގެ މާމަ. މާމަ މަރުވީ އަހަރެންގެ ނަމުން ހަޅޭއްލަވަމުން ކަންއާލިޔާގެ  މަންމަ އާލިޔާއަށް ކިޔައިނުދިނީ ކީއްވެގެންތޯ އަހާބަލަ." އާލިޔާ މަންމައާ ދިމާއަށް ބަލައިލިއިރު މަންމަ ގިސްލާ ރޮމުން ދިޔައެވެ. ހަމަ އެއާއެކު، ހުސްކޮށް ހުރި އަލަމާރި ތެރެއިން އަނެއްކާވެސް މަޑުމަޑުން ތިން ޓަކީ ޖަހައިލި އަޑު އިވުނެވެ. "މިރޭ އަރާމުގައި ނިދާލާ. އަހަރެންގެ ކިބައިން ސަލާމަތްވާން އުޅުނު އެންމެ ފަހު މީހާއަށް ވީގޮތް މާދަމާ އަހަރެން މާދަމާ ދައްކާނަން."

 

ނުނިމޭ!