ހެނދުނުގެ ރަން ދޯދިތައް ފުރާޅުތަކުގެ މައްޗަށާއި، އަލިމަހުގެ ވިދުމެއް ފަދައިން ބަބުޅަމުންދިޔަ މާކަނޑުގެ ލޮނުގަނޑަށް އެޅެމުން ދިޔައީ ހިތްގައިމު އަރާމު ފިނިކަމަކާ އެކުގައެވެ. އާލިޔާ ބަގީޗާގެ މާތަކަށް ބަލަހައްޓައިގެން އިނީ ފުން ވިސްނުމެއްގައެވެ. ހަޔާތް ބަދަލުވެގެން ދިޔުމުގެ ކުރިން އޭނާ ތަހައްމަލުކުރި އާދައިގެ، އުފާވެރި ދުވަސްތަކަށް އެނބުރި ދެވޭނެ ނަމައޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ސްކޫލްގެ ފިލާވަޅެއް ނުނިމި އޮތުން ނުވަތަ ކޮއްކޮއާ ދެމެދު ހިނގާ ކުދިކުދި ޒުވާބުތައް ފިޔަވައި އެހެން އެއްވެސް ފިކުރެއް ނެތް، އަދި އަނދިރިކަމުގެ ތެރެއިން ބިރުވެރިކަމެއް ފާރަލައިފާނެ ކަމުގެ ބިރެއް ނެތި ނިދާލެވުނު އަމާން ދުވަސްތަކެވެ.

ނަމަވެސް އެ ހަމަހިމޭންކަން ގެއްލިގެން ދިޔައީ ގޭގެ ކޮރިޑޯއަށް އޭނާ ނުކުތް ވަގުތުގައެވެ. މުޅި ގޭތެރެއިން ދުވަމުންދިޔައީ ބަރު، އާދަޔާ ހިލާފު މީރުވަހެކެވެ. އެއީ ރޯވެފައިވާ އުށްބައްތިއެއްގެ ކައިރީގައި މޯޅިވެ އަނދަމުންދާ ފިނިފެންމާތަކަކުން ދުވާ ކަހަލަ ވަހެކެވެ. އެ ވަސް ދުވި ދިމާ ހޯދަމުން ސިޓިންގރޫމަށް ދިޔައިރު، މޭޒުމަތީގައި ބާއްވާފައި އޮތީ ތާޒާ ރަތް ފިނިފެންމަލެކެވެ. ގޭގެ ބަގީޗާގައި ފިނިފެންމަލެއް ނުފޮޅޭއިރު، އަދި އެއްވެސް މީހަކު އެފަދަ މަލެއް ގެއަށް ގެނެސްފައި ނުވާތީ އާލިޔާ ހުރީ ހައިރާންވެފައެވެ. އެ މަލާ ދިމާއަށް އަތް ދިއްކޮށްލި ވަގުތު، މަލުގެ ތަނޑިގަނޑު ދަށުގައި އޮތް ކުޑަ ކަރުދާސްކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

"އަހަރެންގެ ހަޔާތުގަ އަހަރެންގެ ލޮލުގަ އަޅައިގަތް އެންމެ ރީތި އަންހެންކުއްޖާއަށް." އެ ކަރުދާސްކޮޅުގައި ލިޔެފައި އޮތެވެ.

އާލިޔާ ވަގުތުން އެ ކަރުދާސްކޮޅު އަތުން ދޫކޮށްލިއެވެ. އޭނާގެ މަންމައަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު، ފެނުނީ އެ ރަތް ފިނިފެންމާ މަޑުމަޑުން ކަޅުވާން ފެށި މަންޒަރެވެ. ފަހަރަކު ފިޔައެއް ކަޅުވެ، އަނދައި އަޅިއަށް ވެގެން ފައިބައިގަތެވެ. އަދި އެއާއެކު އަރައިގެން ދިޔަ ކުޑަ ދުންކޮޅާއެކު، އަންދާލެވިފައިވާ ފިނިފެންމަލުގެ ވަސް ވަކިން ގަދަވިއެވެ. އާލިޔާ ފަހަތަށް ޖެހިލި ވަގުތު، އޭނާގެ ފަހަތުން އިވުނީ ސިއްރުސިއްރުން ބުނެލި އަޑެކެވެ. "އާލިޔާ އަށް އަހަރެންގެ ހަދިޔާ ކަމުނުދިޔައީތަ؟" އޭނާ ވަގުތުން ފަސްއެނބުރި ބަލައިލި ނަމަވެސް، އެތަނުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެ ދުވަހުގެ ހަވީރު، ވޭތުވެދިޔަ ބިރުވެރި ހާދިސާތަކުގެ ހަނދާންތަކާ ދުރުވެލުމުގެ އުންމީދުގައި، އާލިޔާ އޭނާގެ ދެބެންގެދެދަރި ކޮއްކޮގެ ގެއަށް ދިޔައެވެ.

އިރުއޮއްސުމުގެ ކުރިން ގެއަށް އައުމަށް މަންމަ ވަސިއްޔަތް ކުރި ނަމަވެސް، މަދު ވަގުތުކޮޅަކަށް ނަމަވެސް އެ ގެއިން ބޭރަށް ނުކުމެވުމުން އޭނާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެތައް ދުވަހަކަށްފަހު އޭނާ ހީނ، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރަމުން ދަނިކޮށް، އެ ގެއަށް އައީ އާއިލީ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ރައްޔާނެވެ. ރައްޔާންގެ މަޖާ ވާހަކަތަކުން އާލިޔާގެ ހިތަށް ބޮޑު ތަސައްލީއެއް ލިބިގެން ދިޔައެވެ. ނަމަވެސް ކުޑަދޮރުން ބޭރު ބަލައިލި ވަގުތު އޭނާގެ ހިނިތުންވުން ވަގުތުން ފަނޑުވެގެން ދިޔައެވެ. މަގުގެ އަނެއް ފަރާތުގައި ހުރި ބޮޑު ގަހުގެ ހިޔަލުގައި، ކަޅު ހެދުމެއް އަޅައިގެން ހުރި ފިރިހެނަކު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ދުރުމިނުގައި ހުރި ނަމަވެސް، އެ ބިރުވެރި ދެ ލޯ އާލިޔާއަށް ވަގުތުން ވަކިކުރަން އެނގުނެވެ.

އަނެއްކާވެސް ބަލައިލި އިރު އެ ސިފަ ގެއްލިއްޖެއެވެ. އެރޭ އާލިޔާ ގެއަށް ލައިދިނީ ރައްޔާނެވެ. ރައްޔާން އަނދިރިގަނޑުގެ ތެރެއަށް ގެއްލުމާއެކު، ގޭގެ މައިދޮރު ބާރަށް ޖެހި ލެއްޕުނެވެ. އަދި އެއާއެކު ގޭގެ ހުރިހާ ބޮކިތަކެއް އެއްފަހަރާ ނިވި، މުޅި ތަން އަނދިރިވެގެން ދިޔައެވެ. އެނދި އަނދިރީގެ ތެރެއިން އަނެއްކާވެސް ދުވަން ފެށީ އެ ބިރުވެރި ފިނިފެންމަލުގެ ވަހެވެ.

ސިޑިން ތިރިއަށް ފިޔަވަޅު އަޅަމުން އަންނަ އަޑު އިވެމުންދިޔައިރު، އާލިޔާގެ އަތުގައި އޮތް ފޯނު ވައިބްރޭޓް ވެގެން ދިޔައެވެ. ނޭނގޭ ނަންބަރަކުން އައި މެސެޖުގައި އޮތީ: "މިއަދު އޭނާއާއެކު ތިހުރީ ވަރަށް އުފަލުން ދޯ؟"  އާލިޔާގެ އަތް ތުރުތުރުއަޅަމުން ދަނިކޮށް ފޯނުގެ ސްކްރީން ކަނިވެގެން ދިޔައެވެ. ބިރުން ފިތްކަނޑައިގެން ގޮސް އާލިޔާ ސިޑިއާ ދިމާއަށް ދުއްވައިގަތް ވަގުތު، ސިޓިންގރޫމުގައި ހުރި ހުރިހާ ފޮޓޯފްރޭމްތަކެއް ތަޅުންމައްޗަށް ވެއްޓި ބިއްލޫރިތައް މުގުރިގެން ދިޔައެވެ.

ތަޅުންމަތީގައި އޮތީ މީގެ މަދު ގަޑިއިރުތަކެއް ކުރިން އާލިޔާއާއި ރައްޔާން ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައިވާ ރައްޔާންގެ މޫނުމަތީގައި ކަޅު ކުލައިގެ ފަލަ ރޮނގެއް ދަމާފައިވާއިރު، ފޮޓޯގެ ދަށުގައި ގަދަ ރަތްކުލައިން ލިޔެފައި އޮތެވެ: "އޭނާއަކަށް އާލިޔާ އަހަރެންގެ އަތަކުން ނުޖެހޭނެ." މަންމަ ދުވެފައި ތިރިއަށް އައިސް އާލިޔާގެ ގައިގައި ބައްދައިގަތް ވަގުތު، ގޭތެރެއިން ގުގުމައިގެން ދިޔައީ ރުޅިވެރި، ބަރު އަޑެކެވެ.

"އާލިޔާ އެކަނި ހުރިއިރު އަހަރެން ކެތްތެރިވިން. އަހަރެން ލައްވާ ހިތާމަކުރުވާކަށް ނޫޅޭތި!" އެރޭ ދަންވަރު، އާލިޔާ އޭނާގެ ކޮޓަރިއަށް ވަތްއިރު ބާލީސްމަތީގައި އޮތީ އަރިމަތި އަނދައި ކަޅުވެފައިވާ ރަތް ފިނިފެންމަލަކާއި ކަރުދާސްކޮޅެކެވެ. އޭގައި ލިޔެފައި އޮތެވެ: "އާލިޔާ އަހަރެން ދެކެ ބިރުގަތަސް އަހަރެން މާފުކޮށްފާނަން. އެހެން މީހަކު ދެކެ ލޯބިވިޔަސް މާފުކޮށްފާނަން. އެކަމަކު އާލިޔާއަކީ މަގޭ މިލްކެއްކަން ހަނދާންނައްތާލަން އޭނާ ހިތްވަރު ދިން ދިނުމަކަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން." ހަމަ އެވަގުތު، ކޮޓަރީގައި ހުރި އަލަމާރީގެ ތެރެއިން ތިން ފަހަރަށް ޓަކިޖަހައިލި އަޑު އިވުނެވެ. އަދި އެ އަނދިރިގަނޑުގެ ތެރެއިން ނުކުތީ، ރޮމުން ސަލާމަތަށް އެދި އާދޭސްކުރަމުން ދިޔަ އާލިޔާގެ އަމިއްލަ އަޑެވެ.

 

ނުނިމޭ!