ހެނދުނުގެ ރަން ދޯދިތަކުން އުޑުމަތި ޒީނަތްތެރިވަމުން އައި ނަމަވެސް، އާލިޔާގެ ހިތް ވަނީ ފާއިތުވެދިޔަ ބިރުވެރި ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ތާށިވެފައެވެ. އާލިޔާގެ މަންމަ ހޭނެތިފައި އެނދުގައި އޮތް އިރު، މަންމަގެ އަތްތިލައިގައި ކަނޑާނަގާފައިވާ ބީރައްޓެހި އަކުރުތައް ދިޔައީ އާލިޔާގެ ހިޔާލުތައް ސިއްސުވަމުންނެވެ. މަންމަ ހޭއެރުވުމަށްޓަކައި ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ. ނަމަވެސް، މަންމަގެ ގާތުގައި އިނދެ ދުއާތައް ކިޔަވަން ފެށުމުން، ކުއްލިއަކަށް މަންމަ ލޯ ހުޅުވައިލިއެވެ. އަދި ހޭވެރިކަން ލިބުމާއެކު އެންމެ ފުރަތަމަ ވެސް އާލިޔާގެ އަތުގައި ބާރަށް ހިފަހައްޓައި، އެ ޖިންނިއާ ދުވަހަކު ވެސް ވާހަކަ ނުދެއްކުމަށް އާދޭސްކުރިއެވެ. އެއްވެސް ހަގީގަތެއް ނޭނގި ސިއްރުތަކުގެ ތެރޭގައި ހުންނަން އާލިޔާ ބޭނުމެއް ނުވިއެވެ. މާމަ އެ ޖިންނިއަށް ވީ ކޮން ވައުދެއްތޯ އާލިޔާ ސުވާލުކުރިއެވެ. މަންމަ ޖަވާބު ދިނުމުގެ ކުރިން ގިސްލާ ރޯން ފެށިއެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު، މަންމަ އެ ހިތި ހަގީގަތް ހާމަކުރިއެވެ. މީގެ އަހަރުތަކެއް ކުރިން، މުޅި އާއިލާގެ ރައްކާތެރިކަމަށްޓަކައި މާމަ ވަނީ އެ ޖިންނިއާއެކު އެއްބަސްވުމެއް ހަދައިފައެވެ. އާއިލާ ސަލާމަތްކޮށްދިނުމުގެ ބަދަލެއްގެ ގޮތުން، އެ ޖިންނީގެ މިލްކެއް ކަމަށް އޭނާ ގަބޫލުކުރާ އެއްޗެއް ދިނުމަށް މާމަ އޮތީ ވައުދުވެފައެވެ. މަންމަ އެ ހަގީގަތް ކިޔައިދިން ވަގުތު، އާލިޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

މި އާއިލާއަށް އެންމެ ފުރަތަމަ އުފަންވާ އަންހެން ދަރިފުޅު ދިނުމަށް ޖިންނިއަށް އޮތީ ވައުދުވެވިފައެވެ.

އާލިޔާއަށް މުޅި ކޮޓަރި އެނބުރިގަތް ފަދަ އިހުސާސެއް ކުރެވުނެވެ. މާމަ ނިޔާވިތާ އަދިވީ އެންމެ ހަ މަހެވެ. އަދި އުފަންވި ފުރަތަމަ އަންހެން ދަރިއަކީ ހުދު އާލިޔާއެވެ. ކުއްލިއަކަށް، ފެންނަމުންދިޔަ ބިރުވެރި މެސެޖުތަކާއި، ކަންފަތްދޮށުގައި އިވޭ އަމުރުވެރި ސިއްރު އަޑުތަކާއި، ލޯގަނޑުގައި ލިޔެވިފައިވާ ބަސްތަކުގެ އަސްލު މާނަ އާލިޔާއަށް ފަހުމްވިއެވެ. އެ ޖިންނި އާލިޔާ ޚިޔާރުކުރީ އިއްތިފާގަކުން ނޫނެވެ. އޭނާ ދެކޭގޮތުގައި އާލިޔާއަކީ އޭނާގެ ހައްގެކެވެ. އެ ދުވަހުގެ އިރުއޮއްސުނު ވަގުތު، އާލިޔާ އެއްވެސް މީހަކާ ވާހަކަދައްކަން ބޭނުންނުވެ، އަމިއްލަ ކޮޓަރީގައި ތަޅުލައިގެން އިނެވެ. ލޯބިވާ ކަމަށް ދައުވާކުރާ ފަރާތަކުން، އާލިޔާގެ އެއްވެސް ރުހުމެއް ނެތި ވެފައިވާ ވައުދެއް ބަލައިގަންނާނީ ކިހިނެއްބާއޭ ހިތަށްއަރައި ކަރުނައަޅަމުން ދިޔައެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިދިން އަޑު އިވުނެވެ. އެއީ މަންމަ ކަމަށް ހީކޮށް އާލިޔާ ދޮރު ކުޑަކޮށް ހުޅުވާލިއިރު، ކޮރިޑޯގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

އާލިޔާ ބޭރަށް ނިކުމެ ބަލައިލި އިރު ކުޑަ ފޮށްޓެއް ތަޅުންގަނޑުމަތީގައި ބަހައްޓާފައި ހުއްޓައެވެ. އޭގެ އެތެރޭގައި އޮތީ، އަނދިރި ރަތްކުލައިގެ ޖަވާހިރެއް ޖަހާފައިވާ ރީތި ރަން އަނގޮޓިއެކެވެ. ކޮޓަރީގެ އަލީގެ ތެރޭގައި އެ ޖަވާހިރު ދިޔައީ ވިދަމުންނެވެ. އޭގެ ދަށުގައި ފަތްޖަހާފައިވާ ސިޓީއެއް އޮތެވެ. އޭގައި ރީތި އަތުލިޔުމަކުން ލިޔެފައިވެއެވެ. "އާލިޔާ، މި އަނގޮޓި އަޅާބަލަ، އޭރުން އެއްވެސް ގެއްލުމެއް ލިބުނަ ނުދީ އަހަރެން  އާލިޔާ ރައްކާތެރިކުރާނަމެވެ." އާލިޔާ ރުޅިވެރިކަމާއެކު އެ ފޮށި ކޮޓަރީގެ ފާރާ ދިމާލަށް ހޫރާލިއެވެ. ފާރުގައި އެ ފޮށި ޖެހުމާއެކު، ކޮޓަރީގެ ހުރިހާ ބޮކިތަކެއް އެއްފަހަރާ ނިވި، މުޅި ތަން އަނދިރިވިއެވެ. ކޮޓަރީގެ ތެރެއަށް ގަނޑުފެން ފަދަ ފިނި ރޯޅިއެއް ވަދެގެން އައެވެ. އަދި އަލަމާރީގެ ދޮރު މަޑުމަޑުން ހުޅުވެން ފެށިއެވެ. އެ އަނދިރިގަނޑުގެ ތެރެއިން ނުކުމެގެން އައީ މީގެ ކުރިން ލޯގަނޑުން ފެނުނު ޒުވާނާއެވެ. ކަޅު ހެދުމުގައި ހުރި އެ ޒުވާނާގެ މޫނުމަތިން ފެންނަނީ ހަމަހިމޭންކަމެވެ. އެކަމަކު އޭނާގެ ދެލޮލުން ފެންނަނީ އަނދައަނދާ ހުރި ރުޅިވެރިކަމެކެވެ. އެއްވެސް އަޑެއްނީއްވައި އޭނާ އާލިޔާއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ހުއްޓުނީ އާލިޔާ ފާރުގައި ބުރަކަށި ޖައްސައި ފަހަތަށް ޖެހުނު ހިސާބުންނެވެ. "އަހަރެން ދޭ ހުރިހާ އެއްޗަކަށް އާލިޔާ އިންކާރުކުރަނީ ކީއްވެ؟" އާލިޔާ ބިރުން ތުރުތުރުއަޅަމުން ދިޔަ ނަމަވެސް، ހިތްވަރުކޮށްފައި އޭނާގެ ލޮލަށް ބަލައިލިއެވެ. މާމަ ކޮންމެ ވައުދެއް ވީ ނަމަވެސް، އާލިޔާއަކީ ދުވަހަކު ވެސް އޭނާގެ މިލްކަކަށް ވާނެ މީހެއް ނޫން ކަމަށް ބުންޏެވެ.

މިއިން ދުވަހަކު ވެސް ނުފެންނަ ފަދައިން، އެ ޖިންނީގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔައެވެ. އޭނާގެ މޫނުމަތީގައިވި އޯގާތެރިކަން ފިލައިގޮސް، ނޭވާލާން ވެސް އުނދަގޫވާ ފަދަ ނުރައްކާތެރި ފިނިކަމެއް ވެރިވިއެވެ. "ފަހަރުގައި އަހަންނަށް އާލިޔާއާމެދު މާ ބޮޑަށް މަޑުމައިތިރިވެވުނީ ކަންނޭނގެއެވެ." އަނދަމުންދާ ފިނިފެންމަލުގެ ވަސް އެތަނަށް ދޫކޮށްލުމަށްފަހު، ކުއްލިއަކަށް އޭނާ ގެއްލުނެވެ. އާލިޔާ ވަގުތުން ސިޑިން ތިރިއަށް ދުއްވައިގަތީ މަންމަ ހޯދުމަށެވެ. ނަމަވެސް ސިޓިންގރޫމުން ދަންނަ އަޑެއް އިވުމުން އާލިޔާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެއީ މަންމައާ މަޑުމަޑުން ވާހަކަދައްކަން ހުރި ރައްޔާނެވެ. ހާސްވެފައިވާ ހިތަށް ތަސައްލީއެއް ހޯދުމަށްޓަކައި އާލިޔާ ދުވެފައި ގޮސް ރައްޔާނުގެ ގައިގައި ބައްދައިގަތެވެ. ހިނދުކޮޅަކަށް ނަމަވެސް އާލިޔާއަށް ރައްކާތެރިކަން އިހުސާސްވިއެވެ. އެހެންނަމަވެސް، ރައްޔާން ކުއްލިއަކަށް އާލިޔާ ދުރުކޮށްލުމަށްފަހު، ބުނެދޭން ނޭނގޭ ފަދަ ބަލައިލުމަކުން އާލިޔާގެ މޫނަށް ބަލައިލިއެވެ. ރައްޔާނުގެ ދެލޯ ވަނީ އެއްކޮށް ކަޅުވެފައެވެ. އާލިޔާ ސިއްސައިގެން ގޮސް ފަހަތަށް ޖެހުނެވެ. ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް، އަޑެއް ބޭރެއް ނުވިއެވެ. އެވަގުތު، ޖިންނީގެ ހުންނަ އާދަޔާޚިލާފު އޯގާތެރި ހިނިތުންވުމާއެކު ރައްޔާން ހީނލިއެވެ.

" އާލިޔާ އެ އަނގޮޓި އެޅި ނަމަ މާ ރަނގަޅުވީހެވެ." އާލިޔާއަށް ފެންނަމުންދިޔަ ދަންނަ މޫނު، މަޑުމަޑުން ބަދަލުވާން ފެށިއެވެ.

އާލިޔާ ބިރުން ގާވެފައި ހުރެ ބަލަމުން ދިޔައިރު، އެ ޖިންނި އާލިޔާއާ ގާތްވާނެ އެހެން ގޮތެއް ހޯދައިފިކަން އެނގުނެވެ. އޭނާ އަނދިރީގެ ތެރޭގައި ފިލައިހުރުން ހުއްޓާލައިފިއެވެ. އަދި އާލިޔާ އެންމެ ލޯބިވާ މީހުންގެ ސިފަ ޚިޔާރުކޮށް، އެމީހުންގެ މޫނުތަކުގައި ފާޅުވާން ފަށައިފިއެވެ. " އަހަރެން ދެކެ ބިރު ނުގަނެ އަހަރެން އާލިޔާ އާ ވާހަކަ ސައްކަން ފުރުސަތެއް ދީ" އެ މަހްލޫގް ބުނެލިއެވެ.

 

ނުނިމޭ!