ބޮލުގެ ހަންގަނޑު ފިނިކޮށްދީ، އިސްތަށިގަނޑު ވަރުގަދަކުރުމަށް ގަނދަކޯޅި އޮށުގެ ޖެލް ބޭނުންކޮށްގެން ހާއްސަ ހެއާ މާސްކެއް ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވިދާނެއެވެ. ގަނދަކޯޅި އޮށަކީ އާންމުކޮށް ބުއިންތަކުގައި ބޭނުންކުރާ އެއްޗަކަށް ވިޔަސް، އޭގައި އެކުލެވޭ ފައިދާހުރި މާއްދާތަކުގެ ސަބަބުން ބޮލުގެ ހަންގަނޑުގެ ތެތްކަން ދަމަހައްޓައިދީ އިސްތަށިތަކުގެ ބުޑުތަކަށް ބޭނުންވާ ފައިދާތައް ލިއްބައިދެއެވެ.
މި މާސްކު ތައްޔާރުކުރުމަށްޓަކައި ގަނދަކޯޅި އޮށް ފެނަށް އަޅައި، 10 މިނެޓާއި 15 މިނެޓާ ދެމެދުގެ ވަގުތަކަށް ބަހައްޓަން ޖެހެއެވެ. އޮށްތައް ފެނަށް ދަމައި ބޯ ޖެލްއަކަށް ބަދަލުވުމުން އެ ގޮތަށް ވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ފަސޭހައިން ބޮލުން ދޮވެލެވޭނެ ގޮތް ހެދުމަށްޓަކައި، މި މިކްސްޗަރު ބްލެންޑަރަކުން ގިރާލުމަށްފަހު ފޮތިގަނޑަކުން ފުރާނައިގެން އޮށްތައް ވަކިކޮށް އޮމާން ޕޭސްޓެއްގެ ގޮތުގައި ބޭނުންކުރުން މާ ބޮޑަށް ވެސް ރަނގަޅެވެ.
ތައްޔާރުކުރި ޖެލް އެންމެ ފުރަތަމަ އުނގުޅަން ޖެހޭނީ ބޮލުގެ ހަންގަނޑުގައި މަޑުމަޑުން މަސާޖުކުރަމުންނެވެ. އޭގެ ފަހުން ބާކީ ހުރި ބައި އިސްތަށިތަކުގައި އުނގުޅައި، ގާތްގަނޑަކަށް 20 މިނެޓާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް ބަހައްޓަން ޖެހެއެވެ. އަދި މި ޖެލް އެއްކޮށް ހިކުމުގެ ކުރިން އާދައިގެ ތާފަނާ ފެނުން ރަނގަޅަށް ދޮވެލުމަށްފަހު، ޝޭމްޕޫ އާއި ކޮންޑިޝަނާ ބޭނުންކުރަން ޖެހެއެވެ.
ބޮލުގެ ހަންގަނޑަށް ދިމާވާ އެކި މައްސަލަތަކަށް ބަލައި މި މާސްކު އިތުރަށް ފުރިހަމަކޮށްލެވިދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ބޮލުން ހަންފޮޅޭ މައްސަލަ ދިމާވާނަމަ މި ޖެލްގެ ތެރެއަށް ކުޑަ ލުނބޯ ހުތްކޮޅެއް ނުވަތަ ޓީ ޓްރީ އޮއިލް އެއްކޮށްލެވިދާނެއެވެ. އަދި އިސްތަށިގަނޑު މާ ބޮޑަށް ހިކޭނަމަ ކާށިތެޔޮ، އާގަން އޮއިލް ނުވަތަ ކުޑަ މާމުއިކޮޅެއް އެއްކޮށްލުމުން އިސްތަށިގަނޑު މަޑުމޮޅުވެ، ބޭނުންވާ ފުރިހަމަ ތެތްކަން ލިއްބައިދެއެވެ.
ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި ގަނދަކޯޅި އޮށުގައި ހަށިގަނޑަށާއި އިސްތަށިގަނޑަށް މުހިންމު އެންޓިއޮކްސިޑެންޓްތަކާއި، އަޔަން އަދި ވިޓަމިން ކޭ ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މި މާއްދާތަކުގެ ސަބަބުން ބޮލުގެ ހަންގަނޑުގެ ލޭދައުރުވުން ރަނގަޅުކޮށްދީ، އިސްތަށި ފޭބުން ހުއްޓުވައި އަވަހަށް އިސްތަށި ދިގުވުމަށް އެހީތެރިވެދޭ ކަމަށް ދިރާސާތަކުން ބުނެއެވެ.
ހަވާލާ:
ހެލްތިފައިމީ. (2026). ސަބްޖާ ސީޑްސް - ބެނެފިޓްސް، ނިއުޓްރިޝަން، އެންޑް ސައިޑް އިފެކްޓްސް. ހެލްތިފައި ވެބްސައިޓް.
އޯގަނިކް ފެކްޓްސް. (2024). 12 އެމޭޒިންގ ބެސިލް ސީޑްސް ހެލްތު ބެނެފިޓްސް އެންޑް ޔޫސަސް. އޯގަނިކް ފެކްޓްސް މީޑިއާ.
