ތަލަވުމުގެ މައްސަލައަށް އިންގިލާބީ ހައްލެއް ހޯދުމުގެ ގޮތުން، ހަމުގެ ދަށުގައި ހުންނަ ސަރުބީ ބޭނުންކޮށްގެން އެންމެ 20 ދުވަހުގެ ތެރޭގައި އިސްތަށި އަލުން ފަޅުވައިދޭ ހާއްސަ ފަރުވާއެއް ތައިވާނުގެ ސައިންސްވެރިންތަކެއް ހޯދައިފިއެވެ. ނޭޝަނަލް ތައިވާން ޔުނިވާސިޓީ (އެންޓީޔޫ) ގެ ޕްރޮފެސަރު ސަންގް-ޖާން ލިން އިސްވެ ހުންނަވައި ކުރިއަށް ގެންދެވި މި ދިރާސާގެ ހޯދުންތައް ސައިންޓިފިކް މަޖައްލާ 'ސެލް މެޓަބޮލިޒަމް' ގައި ވަނީ ޝާއިއުކޮށްފައެވެ. ސައިންސްވެރިން ބުނި ގޮތުގައި، ހަމުގެ ދަށުގައި ހުންނަ ސަރުބީ ސެލްތަކާއި އިސްތަށި ފަޅާ ބޮކިތަކާ ދެމެދު އޮންނަ ގުޅުން ހާމަވުމަކީ އިސްތަށި ފޭބުމުގެ މައްސަލަތަކަށް އޮތް ބޮޑު އުންމީދެކެވެ.

މި ދިރާސާއަށް ސައިންސްވެރިންނަށް ހިޔާލު ލިބުނީ ހަންގަނޑަށް އަނިޔާއެއް ވުމުން ނުވަތަ ހަންގަނޑު ހަލާކުވުމުން އެ ސަރަހައްދެއްގައި އިސްތަށި ގިނައިން އަދި ބޯކޮށް ފަޅާ ސަބަބު ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. މިގޮތުން ދިރާސާވެރިން ވަނީ ހަންގަނޑަށް އަނިޔާވުމުން ދިފާއީ ނިޒާމުގެ ސެލްތަކުން ހަމުގެ ދަށުގައި ހުންނަ ސަރުބީ ވިރުވައިދޭ ކަމާއި، އެ ސަރުބީ ވިރުމުން ބޭރުވާ މޮނޮއަންސެޗުރޭޓެޑް ފެޓީ އެސިޑްތަކުން ނިދާފައި ތިބޭ އިސްތަށީގެ ސްޓެމް ސެލްތައް ހޭލައްވާލައި، ހަކަތަ ލިއްބައިދޭކަން ކަށަވަރުކޮށްފައެވެ.

ހަންގަނޑަށް ގެއްލުމެއް ނުދީ މި މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި، ދިރާސާ ޓީމުން ވަނީ އޮލީވް ތެލުގައި ވެސް ހިމެނޭ އޮލެއިކް އެސިޑާއި ޕާމިޓޯލެއިކް އެސިޑް އެކުލެވޭ ހާއްސަ ސިރަމެއް ތައްޔާރުކޮށްފައެވެ. ތަލަ މީދާތަކެއްގެ ހަމުގައި މި ސިރަމް އުނގުޅައިގެން ކުރި ޓެސްޓުތަކުން އެންމެ 20 ދުވަހުގެ ތެރޭގައި އެ މީދާތަކުގެ އިސްތަށިގަނޑު އެއްކޮށް ފަޅައި، ކުރިއަރާފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ލެބޯޓަރީ ތަހުލީލުތަކުގައި އިންސާނުންގެ އިސްތަށީގެ ސެލްތަކަށް ވެސް މި ސިރަމް ބޭނުންކޮށްގެން ކާމިޔާބީ ވަނީ ހޯދާފައެވެ.

"ހަންގަނޑަށް އަނިޔާއެއް ވުމުން ޓިޝޫތައް ދުޅަވުމުގެ އިތުރުން އިސްތަށި ފެޅުމަށް ވެސް ބާރުއަޅާ،" ދިރާސާ ޓީމުގެ އިސްވެރިޔާ ޕްރޮފެސަރު ސަންގް-ޖާން ލިން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ދިރާސާއިން ދައްކައިދެނީ، ހަންގަނޑަށް އަނިޔާއެއް ނުދީ ވެސް، ގުދުރަތީ ފެޓީ އެސިޑް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އިސްތަށި ފެޅުމުގެ ބާރު ހަށިގަނޑުގައި އުފެއްދިދާނެ ކަމެވެ.

މި އާ ފަރުވާގެ ޕޭޓެންޓް މިހާރު ރަޖިސްޓްރީކޮށްފައިވާއިރު، އިންސާނުންގެ ބޮލުގެ ހަމުގައި މި ފަރުވާ އަޖުމަބެލުމުގެ ކްލިނިކަލް ޓްރަޔަލްތައް ފެށުމަށް ސައިންސްވެރިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ސިރަމް ތައްޔާރުކޮށްފައިވަނީ ހަށިގަނޑާއި ގަސްގަހާގެހީގައި ގުދުރަތީ ގޮތުން ހުންނަ މާއްދާތަކުން ކަމަށްވާތީ، މިއީ ހޯމޯނަށް ބަދަލު ގެންނަ ނުރައްކާތެރި ކެމިކަލްތަކާ ނުލައި ފަސޭހައިން ބޭނުންކުރެވޭނެ އުފެއްދުމަކަށް ވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އާންމުކޮށް މި ފަރުވާ ބާޒާރަށް ނެރުމުގެ ކުރިން، އިންސާނުންނަށް ބޭނުންކުރާނެ އެންމެ ރަނގަޅު މިންވަރާއި ދިގު މުއްދަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

---

މައުލޫމާތު:

ލިން، އެސް. ޖޭ. އަދި އެހެން ބޭފުޅުން. (2025). ސްކިން އިންޖަރީ ޓްރިގާސް އެޑިޕޯސައިޓް ލިޕޮލިސިސް ޓު އެކްޓިވޭޓް ހެއާ ފޮލިކަލް ސްޓެމް ސެލްސް. ސެލް މެޓަބޮލިޒަމް. https://doi.org/10.1016/j.cmet.2025.09.014