ރައްޔިތުންގެ ލޯބިވާ ބޭންކު، ބީއެމްއެލްއިން ޖުލައި މަހަށް ރައްޔިތުންނަށް ދިން ހަދިޔާއަކީ %30އެވެ. އެންމެ ގިނަ ދިވެހިން އޮންލައިންކޮށް ވިޔަފާރިކުރާ ހަ ވެބްސައިޓުން މުއާމަލާތެއް ކޮށްފިނަމަ %30ގެ ފީއެއް ދޭން ޖެހޭނެއެވެ.
ބީއެމްއެލްގެ މި ތިއަރީ އާއި ލޮޖިކް ބައެއް އެހެން ހިދުމަތްތަކަށް އެޕްލައިކޮށްލަމާ ހިނގާށެވެ. މިފަހަރު މިދަނީ މޯލްޑިވްސް 2.0އިން މޯލްޑިވްސް %30ގެ ތަސައްވުރަކަށެވެ.
1. ކަރަންޓު ނުކެނޑިއްޖެނަމަ %30 ފީއެއް
މިއީ މަހެއްގެ ނުވަތަ ބިލިން ސައިކަލްގައި އެންމެ ދުވަހަކުވެސް ކަރަންޓު ނުކެނޑި ބަރާބަރަށް ހިދުމަތް ދެވިއްޖެނަމަ މޯލްޑިވްސް %30 ގައި ސްޓެލްކޯ އާއި ފެނަކައަށް ނެގިދާނެ ފީއެކެވެ. މިއަށް ކިޔާނީ "ކަރަންޓު ޔަގީން ފީ"އެވެ. މޯލްޑިވްސް 2.0ގައި ކަންކަން ހިނގާ ގޮތުން މެދުކެނޑުމެއްނެތި ކަރަންޓު ދިނުމަކީ ވެސް އޭގެ ޒާތުގައި ފާޑެއްގެ ޕްރިމިއަމް ހިދުމަތެކެވެ.

2. ސޯޝަލް މީޑިއާ ފީ
މިއީ މޯލްޑިވްސް 2.0ގެ ވިދުވަރެއްހާ ހަލުވި އިންޓަނެޓު ހިދުމަތުގެ ސަބަބުން އެކި ފާޑުފާޑުގެ ސޯޝަލް މީޑިއާ ވެބްސައިޓްތަކުގައި މުޅި ދުވަސް ހޭދަކޮށް، މާ ގަދައަށް ޓިކްޓޮކް އާއި އިންސްޓަގްރާމް ރީލްސްގެ އަވައިގައި މީހުން ވަނީ ޖެހިފައެވެ. ފާޑެއްގެ "ޑޫމް ސްކްރޯލް" ކިޔާ ބައްޔެއް އާންމުންގެ މެދުގައި އޮތީ ފެތުރިފައެވެ.
މިކަން ހުއްޓުވަން މޯލްޑިވްސް %30ގައި ދިރާގާއި އުރީދޫގެ އިންޓަނެޓް ބިލްތަކުގައި އޮންނަނީ ޑޫމް ސްކްރޯލް ފީގެ ނަމުގައި އިތުރު ޗާޖެއް ހިމެނިދާނެއެވެ. އެއީ ވަކި ވަގުތެއް ކަނޑައަޅާފައި، އެ ވަގުތަށް ވުރެ އިތުރަށް އެޕްލިކޭޝަނެއް ބޭނުންކޮށްފިނަމަ ނަގާ ފީއެކެވެ.
މިއީ ޑޫމް ސްކްރޯލް ކުރުމުން މީހުން ދުރުކުރަން ބާރު އަޅައިދީ، އޭގެ ސަބަބުން ހެޔޮ ބަދަލެއް ވެސް ފެނިދާނެ ކަމެކެވެ. އޮންލައިންކޮށް ވިޔަފާރި ނުކޮށް، ފިހާރަތަކުން މުދާ ގަންނަން ބީއެމްއެލްއިން ބާރު އަޅާ ގޮތަށް، ޑޫމް ސްކްރޯލް ކުރުމުގެ ބަދަލުގައި ދިރާގާއި ބީއެމްއެލްއިން ބާރުއަޅަނީ ފޮތް ކިޔުމަށެވެ.

3. ކެފޭތަކުން ސިޓިންގް ފީ
މިއީ މޯލްޑިވްސް 2.0 އަދި އޭގެ ކުރިން އައުޓްޑޭޓްވެގެންދިޔަ މޯލްޑިވްސް 1.0ގައި ވެސް ވަރަށް ގިނަ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ފެނުނު މައްސަލައަކަށް އޮތް ހައްލެކެވެ. ބައެއް މީހުން ކެފޭއަކަށް އަރާ ގޮތަށް ކަޅު ކޮފީއަކާއި ފެން ފުޅިއަކާއި ނަޓްސް ތަބަކެއް ނަގައިގެން ގޮނޑިން ފޫ ހިއްލާނުލާ ތިބެދާނެއެވެ. ތަން ފުރިގެން ޖާގަ ނުލިބިގެން ހުރިހާ އުނދަގުލެއް އޮތީ އެހެން މީހުންނަށެވެ. ގެއްލުން ކެފޭއަށެވެ.
މޯލްޑިވްސް %30ގައި މިކަން ހުއްޓުވަން ކެފޭތަކަށް ސިޓިން ފީގެ ގޮތުގައި އަގެއް ނެގިދާނެއެވެ. 1 ގަޑިއިރަށް ވުރެ ގިނަ އިރު ގޮނޑީގައި އިށީނދެ އިނދެއްޖެނަމަ ބިލަށް އަރާވަރުގެ %30 ސިޓިން ފީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.

4. ފިހާރަތަކުން ވޯކް އިން ފީ
ފިހާރައަށް މީހުން ވަންނަނީ މުދާ ގަންނާށެވެ. އެތަނުގައި ލާހޫރި، ހުރިއްޔާ ހުރި ހުރިހާ މުދަލެއްގައި އަތް އުނގުޅައި، ތަރުތީބު ގެއްލުވާލުމަށްފަހު ހުސް އަތާ ނުކުންނާކަށް ނޫނެވެ.
އެއްޗެއް ނުގަނެ ނުކުންނަން ދިމާކޮށްފިނަމަ، އަތްލި ހުރިހާ މުދަލަކަށް އަރާ ޖުމްލަ އަދަދުން %30 ޗާޖު ކުރެވިދާނެއެވެ. މިއީ ވިޔަފާރިއެވެ. ކުޅޭ ކުޅިވަރެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ނޫނެވެ.

5. ނަރުދަމާ ފީ
ފާހާނާކޮށްފައި ފްލަޝް ކުރަން ދޯއެވެ. ތިޔަ ބޭނުންކުރެވެނީ ސަރުކާރުން އަޅާފައި އޮތް ނަރުދަމާ ނިޒާމެވެ. އެއީ މިލިއަނުން ފައިސާ ހަރަދުކޮށްގެން އަޅާފައި އޮތް ނެޓްވޯކެކެވެ. އެހެންވީމަ ފްލަޝް ކުރާ ކޮންމެ ފަހަރަކު ނަރުދަމާ ފީގެ ގޮތުގައި %30 ނެގޭނެއެވެ. އިގްތިސާދުކުރަން ދަސްކުރާށެވެ.

6. ކަސްޓަމަރ ސަރވިސް ފީ
މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު އޮފީސްތަކަށް ގުޅައިގެން ތިޔަ ދައްކަނީ ކޮންހާ ބޭކާރު ވާހަކައެއް ހެއްޔެވެ؟ ތަންތަނުން ކަސްޓަމާ ސާވިސް ހޮޓްލައިން ލާފައި ހުންނަނީ އެ ނަންބަރަށް ގުޅީމަ އިވޭ ރާގުގަނޑު އަޑުއަހާކަށް ނޫނެވެ. އެކަމަކު ބައެއް މީހުން މާ ހާސަރު ދިގުކުރާތީ އެހެން މީހުން މި ޖެހެނީ އެތައް އިރެއް ވަންދެން އެ ރާގު އަޑުއަހަން ތިބޭށެވެ. ތިޔަ އަރައިގަނެވެނީ އެތައް ބައެއްގެ ހައްގަކަށެވެ. އެހެންވީމަ މާ ހާސަރު ދިގުކުރާނަމަ، ކުންފުނިތަކަށް ކަސްޓަމާ ސާވިސް ފީގެ ގޮތުގައި ވަކި އަދަދެއް ޗާޖު ކުރެވިދާނެއެވެ.

އަބަދުވެސް ސިކުނޑީގައި ބައިންދާށެވެ. މިއީ އެއްވެސް ހާލެއްގައި ވައްކަން ނުވަތަ ފޭރުމެއް ނޫނެވެ. މިއީ ސިޔާސަތުތަކެވެ.
