މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މޭންޑޭޓުގައި 41 ކަމެއް ހިމެނެއެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ އެ މިނިސްޓްރީގެ މުވައްޒަފުންނަށް އިސްކުރަން ޖެހޭ ކަމަކީ ވަޒީރާއި ވަޒީރު ފެންވަރުގެ ބޭފުޅުންނަށް ކަމޭހިތުމެވެ. އަބަދު ވެސް އިސްކުރަންވީ އަދަބުވެރިކަމެވެ.
އެކަން ނުކުރާތީ ކަންނޭނގެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު އެ މިނިސްޓްރީގެ މުވައްޒަފުންނަށް ފޮނުވި އީމެއިލްއެއްގައި ވަޒީރާއި ވަޒީރު ފެންވަރުގެ ބޭފުޅުންނަށް އަދަބުއަދާކޮށް، ކަމޭހިތަން ވަނީ އަންގާފައެވެ.
"މި ވުޒާރާގެ ވަޒީރު ނުވަތަ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު އެއްވެސް ކަމެއްގައި ތިޔަ ސެކްޝަން/ޑިވިޝަން/ޑިޕާޓްމަންޓަށް ވަޑައިގަންނަވައިފިނަމަ، ތަނުގައި ތިއްބަވާ މުވައްޒަފުން އެ ބޭފުޅަކަށް އަދަބު އިހުތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެ، ހިނިތުންވުމާ އެކު މުހާތަބު ކުރުމަށް ހުރިހާ މުވައްޒަފުންނަށް އަންގަވައި ދެއްވުން އެދެމެވެ."
ވަޒީރުންނާއި ވަޒީރު ފެންވަރުގެ ބޭފުޅުންނަށް އަދަބު އިހުތިރާމް އަދާކުރަން އީމެއިލަކުން އަންގާ ހިސާބަށް ކަންކަން މި ދިޔައީ އެ ބޭފުޅުންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން އެކަން ނުކުރާތީ ކަމަށް ބެލެވެއެވެ. މިނިސްޓްރީގައި އަދަބުވެރިކަން ނެތި ހަތުރުވެރިކަން ބޮޑީ ކަންނޭނގެއެވެ. ނޫނީ އެކަން ކުރަންވީ ގޮތް ބުނެދީފައި ނޯންނަނީއެވެ. ހިތާމަވެރި، މޮޅިވެރިކަމެކެވެ.
ނޫނީ މި ވީ ގޮތަކީ ވަޒީރާއި ވަޒީރު ފެންވަރުގެ ބޭފުޅުން މަސައްކަތެއް ނުކޮށް މުޅި ދުވަހު އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ހިންގަވަނީއެވެ. މިކަން އާންމު ކަމަކަށް ވުމުން މުވައްޒަފުންނަށް ވެސް ބައެއް ފަހަރު ވަޒީރު ބޭފުޅާ ފެނުމުން އެކަން ރޭކާނުލަނީއެވެ.
ދެން އެހެންވީމަ މުވައްޒަފުން ކުރަން މި ޖެހޭ ކަމަކީ ދުވަހުގެ މަސައްކަތް ހުއްޓާލާ، މިނިސްޓްރީގެ މަސްއޫލިއްޔަތު އެއްފަރާތް ކޮށްފައި ވަޒީރު ބޭފުޅާ ފެންނަ ކޮންމެ ފަހަރަކު ގޮނޑިން ތެދުވެ، ބޯލަނބާ، ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި ގޮނޑިން ތެދުވުމަކުން ނުފުދެއެވެ. ގަދަކަމުން ވިޔަސް ހިނިތުންވެ، ވަޒީރާ މުހާތަބު ކުރަންޖެހެއެވެ. އަދަބުވެރިކަމާއެކު މުހާތަބު ކުރާއިރު ވަޒީރާ ދެއްކިދާނެ ބައެއް ވާހަކަތައް ވެސް އެބަހުއްޓެވެ. މިސާލަކަށް:
"އަނހާ ވަޒީރު ކޮން ދަތުރެއްތޯ؟"
"ވަޒީރު މިއަދު ހާލުކޮޅު ކިހިނެއްތޯ؟"
"ވަޒީރު މިއަދު ކޭންބަލައްވައިފިންތޯ؟"
"ވަޒީރު އިރުއިރުކޮޅާ މި ޑިޕާޓްމަންޓަށް ވަޑައިގަތުމަކީ އަޅުގަނޑުމެންގެ މަސައްކަތުގެ ސްޕީޑު އަވަސްވެގެންދާ ކަމެއް"
"ވަޒީރުގެ ފައިންޕުޅު މިގޮތަށް އަޅުގަނޑުމެންނަށް ތާއަބަދު ފެނިފެނި ހުންނާނެ ނަމަ ކޮން ފަދަ."
ވަޒީރު ފެނުމުން ހައިރާން ނުވިޔަސް ހައިރާންވާ ކަމަށް ހެދި، ސިއްސައިގެން ގޮސް ގޮނޑިން ފުންމައިގެން ތެދުވުމަކީ ވަޒީރަށް އަދި މާ ބޮޑަށް އުފާވެރިކަން ގެނެސްދީ، އަދަބު އިހުތިރާމްގެ ސައްހަކަން އިތުރުވާނެ ކަމެއް ކަމަށް ބެލެވެއެވެ. މިގޮތަށް ފުންމައިގެން ތެދުވާއިރު ގޮނޑި ވީހާވެސް ފަހަތަށް ވިއްސައިގެން ދިއުން ނުވަތަ ގޮނޑި ފަހަތަށް ވެއްޓުމަކީ އަދި އިތުރު ބޯނަހެކެވެ.
މުހާތަބު ކުރާއިރު ވަކިން ހާއްސަ ސަމާލުކަމެއް ބަހައްޓަންޖެހޭ ކަމަކީ ބުނާ ކޮންމެ ބަހެއް ވެސް ހިނިތުންވުމާ އެކު ބުނުމެވެ. މަސައްކަތެއް ނުނިމުނަސް، ލަސްވިޔަސް އެ ވާހަކަ ބުނަންވާނީ ހިނިތުންވެހުރެގެންނެވެ. އޭރުން ފަހަރެއްގައި ލިބެން އޮތް އަދަބަކުން ސަލާމަތްވެސް ވެދާނެއެވެ.
ވަޒީރު ބޭފުޅާއަކީ އަދަބު އިހުތިރާމު ހައްގު ބޭފުޅެއްކަން ނޭނގޭ މީހަކު ހުރިނަމަ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ވަޒީރަށް ހާއްސަ ޕޭޖަށް ޒިޔާރަތްކޮށްލާށެވެ. އެކަން އެނގޭނަމަ މުވައްޒަފުން ތިބީހީ އަބަދު އަދަބު އިހުތިރާމު އަދާކޮށްލަކޮށްލައެވެ.
މިހާ ވަރުގަދަ އީމެއިލްއެއް މިނިސްޓްރީގެ މުވައްޒަފުންނަށް ފޮނުވުމުން ހިތަށް އަރަނީ، އެކަން ނުކުރާ މީހުންނަށް އަޅާނީ ކޮން ފިޔަވަޅެއްބާއެވެ. އަބަދު އަދަބު އަދާނުކުރާ މީހުންނަށް އަދަބު ދީފާނެބާއެވެ.

