ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް އައީ ހަމަ ކުއްލިއަކަށެވެ. ދުވާ ޓްރެކު ފަޅުވެއްޖެއެވެ. އެތަނުގެ އަރިމަތިތަކުގައި އަނހާހުތް ކިޔާފައި ޖައްސާ އެކި ކަހަލަ ދެމުންތަކާއި ކުރުގެޅުންތަކެއް މިހާރު ނުފެނެއެވެ.

ޖިމްތައް ބަންދުކުރާ ހިސާބުގައެވެ. ޒުމްބާ ކުލާހެއްގެ އަޑެއްބަޑެއް ނީވެއެވެ. އިންސްޓްރަކްޓަރުންގެ ވަޒީފާ ނުރައްކަލެއްގައެވެ. އުފުލާލާނެ އަތެއް ނެތި، ޑަމްބެލްތަކުގައި ދަބަރު ޖަހަން ފަށައިފިއެވެ. އަރާނެ މީހަކު ނުވެ، ޓްރެޑްމިލްތަކުގައި އޮތީ ހިރަފުހެވެ.

ވެގެން އުޅޭ ގޮތަކީ ބަރުދަން ލުއިކުރާނެ މޮޅު، މާ ފަސޭހަ ގޮތެއް މީހަކު އުފަންކުރީއެވެ. ހަމަ އެންމެ ސެޝަނަކުން ތިން ހަތަރު ކިލޯ ގެއްލުވާލަނީއެވެ. އެކަން ކުރާނެކަމުގެ ޔަގީންކަން އެ ދެނީ ޝައްކުކުރާ މީހުންނަށް ޗެލެންޖުކޮށްލާފައެވެ. އަދި ކޮބާހެއްޔެވެ؟ ކާމިޔާބު ނުވެއްޖެނަމަ ދިން ލާރިކޮޅުގެ ތިން ގުނަ އަނބުރާ ލިބޭނެއެވެ.

މި އުކުޅުގެ މޮޅުކަމާ މެދު އަޖައިބުވެފައެވެ. ތަރިބުރައިގެން ގޮސް، ސޯޝަލް މީޑިއާއަށް ޝުއޫރުތައް ބަންޑުންކޮށްފިއެވެ. އެކަކު ބުނެފިއެވެ. މި ހުރިހާ ކަމެއް މި ނިމުނީއެވެ. ނިކަން ބަލަން ތިބެބަލާށެވެ. ފަހަރަކު ތިން ކިލޯ ލުއިކުރަމުން ގޮސް ވުޖޫދުން ވެސް ގެއްލޭނަމެވެ. އަހަރެން ހޯދަން ނާންނައްޗެވެ.

އެހެން މީހަކު ބުނީ އެކަން ކުރި ފަހުން ގްރެވިޓީއަށް ވެސް އޮޅިއްޖެ ކަމަށެވެ. މިހާރު ހީވަނީ ދޫނިފަތެއްހެނެވެ. ބަރު އެލުވައިގެން ނޫނީ ބޭރަށް ނުނުކުމެވެއެވެ. މީނާ މި ލުއިވީ މާ ބޮޑަށެވެ.

އެއްބަޔަކު ތިބީ ގަދަކަމުން ފަލަވެގެންވެސް އަޖުމަ ބަލަން ބޭނުންވެފައެވެ. ނުހިކިގެން ދެއިރު ދެދަޅައަށް ދުވަން ދިޔަ މީހުން ތިބީ ރުޅިގަދަވެފައެވެ. މިހާ ފަސޭހަ ގޮތެއް އޮވެފައި ކުރިން އެކަން ނުބުނެ އޮތީމައެވެ.

މި ސެޝަނެއްގެ ވާހަކަ ފެތުރުނު ފަހުން ކާން ފެށި މީހުން ވެސް މަދެއް ނޫނެވެ. ފަލަވެދާނެތީ ކުރިން ކެއީ ބަލައިގެންނެވެ. އެކަމަކު މިހާރު އެ ބިރުވެރިކަމެއް ނެތެވެ. އެހާ ފަސޭހައިން ހިކޭނޭ ބުނާތީ ހަމަ ކެވެނީއެވެ. ސެޝަނަށް ދާނީ ވެސް ހައެއްކަ ކިލޯ ބަރުކޮށްލައިގެންނެވެ.

ގޯސްކޮށް ނުދެކެއްޗެވެ. މި ސެޝަންތަކަށް މަލާމާތެއް ނުކުރަމެވެ. ކުރާކަށް ނުވެސް ކެރޭނެއެވެ. އަޖުމަ ބެލި މީހުންގެ ނަތީޖާ ކަރުދާސްކޮޅު އެހުރީ ފޭސްބުކަށް ލާފައެވެ. ހަފްތާ ފެށުމުގެ ކުރިން މެދާ ހަމައަށް ސެޝަންތައް ބުކްވެ ހުސްވެފައެވެ. އެހެންވީމަ އަޖުމަ ނުބަލާ، މިއީ ނުވާނެ ކަމެކޭ ބުނަން ހަމަ ހިލާ ނުކެރޭނެއެވެ.

އެކަމަކު ބައެއް މީހުން ދައްކާ ވާހަކައިން ކުޑަކޮށް "ޖޯކު ވަސް" ދުވައެވެ. ދިރިއުޅުމުގެ ބައެއް އެހެން ދަތިތަކަށް ވެސް މިކަމުން ހައްލެއް ހޯދައިދިނުމަށް އަންނަނީ އެދެމުންނެވެ. ފޭސްބުކް ޕޭޖުތަކުން ޖަހާ ޕޯސްޓުތަކުގައި ވެސް އެ ވާހަކައެވެ. ކޮމެންޓް ސެކްޝަންގައި ވެސް އޮންނަނީ މި ޓްރެންޑެވެ.

އެއްބަޔަކު ބޭނުންވަނީ އެކަން ކޮށްގެން ގިނަ އަނބިންނެވެ. އުންމީދަކީ ސެޝަން ނިންމާލުމަށްފަހު ތެދުވާއިރު ކުރިމަތީގައި ކައިވެނި ކުރާނެ މީހަކު ހުރުމެވެ. އެކަން ވެއްޖެނަމަ އެމީހުން ތިބީ ކަޕު ނުވެސް ނައްޓާ ގޮތަށެވެ.

ދެން އުޅެނީ ފައިސާ ޑަބަލްކުރާ ގްރޫޕެވެ. ބޭނުންވަނީ ބަރުދަން ލުއިވާހާ ފަސޭހައިން، ދެތިން ދުވަހުން މުއްސަނދިވާނެ ކަހަލަ ސެޝަނެކެވެ. މިވެރިން ކަޕު ޖަހަން ބޭނުންވަނީ ސީދާ ވޮލެޓަށެވެ.

ސަރުކާރުގެ ދަރަނީގެ މައްސަލަ ވެސް ހައްލުކުރަންވީ އެމީހުން ބުނާ ގޮތުގައި މިކަހަލަ ސެޝަނަކުންނެވެ. ދައުލަތުގެ ހަޒާނާއަށް ވެސް ޖަހަންވީއެވެ. ހަމަ ހެސްކިޔާފައި ކުރަންވީ ޑަބަލްއެވެ.

އެކަމަކު ކަމުގެ ދެކޮޅު ނުބަލާ ގޮސް ކަޕު ޖަހައިފިނަމަ ލުއިވާނީ ވޮލެޓުގެ ބަރުދަނެވެ. އާމްދަނީއިން ތިން ހަތަރު ކިލޯ ވެސް ލުއިވެދާނެއެވެ. ދެން މި ވާހަކަ ބުނަން ވަސީމަކީ ކާކު ހެއްޔެވެ؟ ކޮމެންޓުތައް ކިޔާކިޔާ އަހަރެން މިހުރީ ސިކުނޑިއަށް ކަޕު ޖަހާ ހިސާބުގައެވެ.