އަހަރުތަކަކަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ދެން އޮތީ މަދު ދުވަސްތަކެކެވެ. އެކަމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އާންމުންގެ މެދުގައި އެ ޓާމިނަލާ ބެހޭ ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. މި ބަހުސްގެ އިސް ސަފުގައި ތިބީ އެކި ފިކުރުގެ ސިޔާސީ ބޭފުޅުންނާއި ޕާޓީތަކެވެ. އަދި އެ މީހުންގެ ބަސްތައް އަކުރުން އަކުރަށް ތަކުރާރުކުރާ އާންމު ރައްޔިތުންނެވެ. ބަހުސްގެ މައުޟޫއުއަކީ "އެއީ އަހަރެމެން ހެދި ޓާމިނަލެއް" މިއެވެ.
ބަހުސްގެ ބައިވެރިންނަށް އުޅެނީ މައިގަނޑު ތިން ފިކުރެކެވެ. ފުރަތަމަ ބަޔަކީ އެ ޓާމިނަލްގެ މަސައްކަތް އެ ސަރުކާރެއްގައި ފެށި، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރި މީހުންނެވެ. ދެން ތިބީ އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ދިގުލައިގެންދިޔަ ނަމަވެސް ނުހުއްޓާ ކުރިއަށް ގެންގޮސްދިން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ސަޕޯޓަރުންނެވެ. އަދި އެއަށްފަހު މި ސަރުކާރުގެ ޚާދިމުންނާއި ވެރިންނާއި އެކްޓިވިސްޓުންނެވެ. މި ތިން ޕާޓީގެ އިތުރުން މިކަމާ ސީދާގޮތުން މާ ބޮޑު ގުޅުމެއް ނެތް، އެހެން ނަމަވެސް ސުރުހީތަކުން ޖާގަ ހޯއްދަވަން އަވަދިނެތި އުޅުއްވާ ސިޔާސީ ބޭފުޅުން ވެސް އެބަތިއްބެވެ.
މި ތިން ޕާޓީގެ މެމްބަރުން އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދީ، ޓާމިނަލްގެ ވެރިންގެ ގޮތުގައި ދައުވާ ކުރަމުންދާއިރު، މިކަމުގައި ޒަމާނީ ޓެކްނޮލޮޖީއިން ފައްކާކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)އިން ވެސް މި ވަނީ ބަސް ބުނަން ފަށާފައެވެ. މިސާލަކަށް އެކްސް ޕްލެޓްފޯމްގެ ގްރޮކް ނެގިދާނެއެވެ. މީހަކު އެކްސްގައި ބަހެއް ބުނާއިރަށް ގްރޮކް ގާތުގައި އެއީ ތެދެއްތޯ އަހާލުމުން ދިރާސާކޮށްލުމަށްފަހު ޖަވާބުދެއެވެ. މިހެން ޖަވާބުދޭދިނުމުގައި ސިޔާސީ ބޭނުމެއްގައި ކަމުގެ ހަގީގަތް އޮޅުވާލަން އުޅޭ އެކްޓިވިސްޓުން ބޭޒާރުވާ މަންޒަރު ވެސް މި ބަހުސްގެ ތެރެއިން އަންނަނީ ފެންނަމުންނެވެ.
އެހެންކަމުން މި ބަހުސްގައި އޭ.އައި އިން ބުނަނީ ކީކޭތޯ ބަލާލުން މުހިންމެވެ. މި ރިޕޯޓުގެ ބޭނުމަށް އަޅުގަނޑުމެން ސުވާލުކުރީ ޗެޓްޖީޕީޓީ، ކްލައުޑް އަދި ޑީޕްސީކްއާއެވެ.
އެ ޕްރޮޖެކްޓާ ގުޅޭ ހަބަރުތަކާއި އެކި މައުލޫމާތުގެ އަލީގައި މި ތިން އޭ.އައި އިން ވެސް އެއްބަސްވަނީ އާ ޓާމިނަލްގެ ކްރެޑިޓްގެ ބޮޑު ބައެއް އޮތީ ކުރީގެ ރައީސް ޔާމީނަށް ކަމަށެވެ.
ކްލައުޑުން ބުނާ ގޮތުގައި އެ ޕްރޮޖެކްޓުގެ %60 ކްރެޑިޓް އޮތީ ޔާމީންގެ ސަރުކާރަށެވެ. އެ ޕްރޮޖެކްޓު ފަށާ، ފުރަތަމަ ކޮންޓްރެކްޓަރާއި ފައިސާ ވެސް ހަމަޖެއްސީ ޔާމީންގެ ސަރުކާރުންނެވެ. ނިމިދިޔަ އެމްޑީޕީގެ ހައްގުވަނީ %30 އެވެ. އަދި މި ސަރުކާރަށް ލިބެނީ އެންމެ %10އެވެ.

ޑީޕްސީކުން ވެސް ޔާމީން ސަރުކާރަށް ދިނީ %60އެވެ. އެ ސަރުކާރުން އެ ޕްރޮޖެކްޓު ނުފެށިނަމަ، ވުޖޫދުގައި ވެސް ނޯންނާނެތީއެވެ. އެ ޕްރޮޖެކްޓްގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސް، ބައެއް ބައިތައް އޮޕަރޭޝަނަލައިޒްކޮށްފައިވާތީ އެމްޑީޕީ ސަރުކާރަށް %40 ދީފައިވާއިރު، މި ސަރުކާރަށް ޑީޕްސީކުން ދިނީ %0އެވެ. ސަބަބަކީ ޑީޕްސީކުގެ ޑޭޓާބޭސް އަޕްޑޭޓްކުރުމާ ހަމައަށް މި ސަރުކާރުން އެ ޕްރޮޖެކްޓުގެ މުހިންމު އެއްވެސް ކަމެއް ކޮށްފައި ނެތުމުންނެވެ.

ޗެޓްޖީޕީޓީގެ ނަތީޖާއަށް ބަލާއިރު، ޔާމީން ސަރުކާރަށް ދީފައިވަނީ %50 ކްރެޑިޓެވެ. ޓާމިނަލްގެ މައިގަނޑު ސްޓްރަކްޗާ ބިމުން މައްޗަށް ހިއްލާލުމާއި އިންޓީރިއާގެ ގިނަ މަސައްކަތްތަކެއް ކޮށް، މި ސަރުކާރު އައުމުގެ ކުރިން އެ ޕްރޮޖެކްޓުގެ %85 ނިންމާފައިވާތީ ސޯލިހުގެ ސަރުކާރަށް އެ ޕްރޮޖެކްޓުގެ %45 ދީފައިވެއެވެ. އަދި މި ސަރުކާރަށް ދިނީ ކްރެޑިޓްގެ %5އެވެ. ޗެޓްޖީޕީޓީއިން ބުނާ ގޮތުގައި މި ސަރުކާރުން ކުރި ކަމަކީ މަސައްކަތުގެ ނުނިމިހުރި ކަންކަން އަވަސްކުރުމާއި ހުޅުވާނެ ތާރީހެއް އިއުލާންކުރުމެވެ.

ކޮންމެ ބަޔަކަށް ވެސް ކޮންމެވެސް ގޮތަކަށް އަނބުރާލައިގެން ޓާމިނަލް މަޝްރޫއާ ގުޅޭގޮތުން ވާހަކަދެއްކިދާނެއެވެ. އެކަމަކު އޭ.އައިއިން ދޭން އުޅޭ މެސެޖު ވަރަށް ސާފެވެ. ދިވެހި ބަހުން ބުނާނަމަ އޭ.އައިއިން ބުނާ ވާހަކައަކީ ކަންވެ ނަންނުވިޔަސް، ކަންނުވެ ނަންނުވުމަށެވެ.
