ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ބަޔަކު ސަކަރާތްތަކެއް ޖަހައިފިއެވެ. ދަރާ ވިކިގެން ވިޔަސް ކުލަގަދަ ރަސްމިއްޔާތަކާއި ގިނަ ހަރަކާތްތަކެއް ބޭއްވިއެވެ. އެ ހަރަކާތްތަކާ މެދު އާންމުން ދެކެނީ ކިހިނެއް ހެއްޔެވެ؟
އެ ރަސްމިއްޔާތުގައި އިއްޒަތްތެރިން ތިއްބެވި ގޮނޑިތަކާއި ޕޯޑިއަމްއާ ހުރި ދުރުމިނުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެ ވާހަކަ ދައްކާނަމަ، އެ ދެމެދުގައި ހިނގަން ބޭކާރުވިހާ ވަގުތު މިކަމަށް ވެސް ބޭކާރު ވާނެއެވެ.
ފުރަތަމަ ވާހަކަ ދައްކަން އެރީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފެވެ. ފަށުވި ދިވެހި ބަހުން، ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފުގެ ބަސްތައް އަމުނަމުން ގެންދިޔައިރު ބައެއް މީހުން ނިދިގެން ނުވެއްޓި ތިބީ ކިރިޔަކިރިޔާއެވެ.
ޓީވީ ޗެނަލްތަކާއި ސޯޝަލް މީޑިއާގައި ވަގުތުން ދައްކަމުންދިޔަ އެ އިވެންޓުގައި ޝަރީފްގެ ވާހަކައަށް މަލާމާތް ކުރި މީހުންގެ އަދަދު މަދެއް ނޫނެވެ. އާ ޓާމިނަލް މަޝްރޫއުގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުންނޭ ޝަރީފް ވިދާޅުވުމުން މީހުންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
ކަނޑައެޅިގެން އެވަރުގެ އިތުރުފުޅެއް ހެއްދެވީ، އާ ޓާމިނަލް ހުޅުވުމަށްފަހު ޝަރީފް ހުންނެވި މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރައްވަން އުޅޭކަމުގެ އަޑު، ސޯޝަލް މީޑިއާގައި ފެތުރިފައި އޮތުމުންނޭ ބުނާކަށް ނެތީމެވެ. ޝަރީފަކީ ތުއްތު ކުއްޖެއް ނޫނެވެ. އެވަރުގެ އިތުރުފުޅެއް ހައްދަވާއިރު އެތައް ހާސް ރައްޔިތުންގެ މަލާމާތް ރައްދުވާނެކަން މި ވަސީމަށް އެނގޭއިރު ޝަރީފަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެ މަޝްރޫއުގެ އަލިފާއި ޔާ އާއި ހ އާއި ޗ ވެސް އެ އޮތީ ފެންނާށެވެ. އެވަރުން ވެސް ކަން އޮތްގޮތް އޮޅުވާލަން މަސައްކަތް ކުރެއްވީ، މަގާމު ދިފާއު ކުރެއްވުމުގެ ގޮތުންނޭ ބުނާކަށް ނުކެރޭނެއެވެ.
ދެން ވާހަކަދެއްކެވީ އެ 70 ޕަސެންޓް ނިސްބަތްވާ ރައީސުލްޖުމްހޫރިއްޔާއެވެ. އަބްދުﷲ ޔާމީނެއް، އިބްރާހިމް މުހައްމަދު ސޯލިހެއް ނޫނެވެ. ޑރ. މުހައްމަދު މުއިއްޒުއެވެ. އެކަމަކު މި ރައީސްގެ ވާހަކައިގައި ކުރީގެ ދެ ރައީސުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ. އެކަމަކު އެއީ ކިތައް ޕަސެންޓުން ކަމެއް ވިދާޅުނުވެއެވެ. ޝަރީފް ވިދާޅުވި ޕަސެންޓަށް އެއްބަސްވެވަޑައިގަންނަވާނަމަ، ކުރީގެ ދެ ރައީސުންނަށް 30 ޕަސެންޓް ޖެހޭނީ ބަހާލާށެވެ.
ދެން އޮތީ ހަރަކާތްތަކެވެ. އެކަމަކު އޭގެ ކުރިން ވަސީމު ގާތުގައި މީހަކު ބުނި ވާހަކައެއް ހިއްސާކޮށްލާނަމެވެ. ލައްމާން ގޮވައިގެން ގޮސް މަހެއް ވެސް ނުބޭނޭނެއެވެ.
އެމްއޭސީއެލްއިން އާ ޓާމިނަލް ހުޅުވަން ރޭވި ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާންއޭ ބުނާކަށް ނެތީމެވެ. އެކަމަކު އެ ހަރަކާތްތަކުގެ ވާހަކަ ބައެއް ނޫސްތަކުގައި ޖެހީ ލައްމާނާ ހަވާލާދިނުމަށްފަހުއެވެ.
ފުރަތަމަ ޑްރޯން ޝޯއެވެ. އެ ރައީސުންނަށް ޝުކުރު އަދާކޮށްފައި މި ރައީސް ފައިބައިވަޑައިގަތްތަނުން ޑްރޯން މެދުވެރިކޮށް ދިވެހި ބަހުން އެ އެރުވީ ޝުކުރިއްޔާ ރައީސް ޑރ. މުއިިއްޒުއެވެ. ރައީސްގެ ފަހަތްޕުޅުގައި ތިއްބެވި މެހެމާނުންގެ ގާތަށް އައީ ހިންނެވެ. ސޯޝަލް މީޑިއާގައި ވެސް އޮތީ މީހުންގެ ހުނުމެވެ. ރައީސްގެ ވާހަކަފުޅާއި އެ މެސެޖަކާ ދިމާނުވެއެވެ. ފަހަރެއްގައި ބައެއް ޑްރޯންތައް ނުދިއްލި ހުރުމުން މުޅި މެސެޖު ފުރިހަމަ ނުވަނީ ކަމަށް ވެދާނެއެވެ. އޭގެ ބަދަލުގައި "މި ޑްރޯން ޝޯއަށްޓަކައި ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު" މިހެން ޖެހި ނަމަ ވަރަށް ޗާލުވީހެވެ.

އާ ޓާމިނަލް އަޅަން ފަށައި، ފައިސާ ހަމަޖެއްސީ ކުރީގެ ރައީސް ޔާމީނެވެ. ލަސްވި ނަމަވެސް، ނުހުއްޓައި ކުރިއަށްގެންދިޔައީ ކުރީގެ ރައީސް ސޯލިހެވެ. އިތުރު ދަރަނި ނަގައި ގިރިޓީ ވެސް ކުރެއްވިޔޯލައެވެ. ދެން މި ރައީސާއި މި ސަރުކާރެވެ. ހިރަފުސް ފޮޅައި، މޮޕު ޖަހައި، ރިބަން ކަނޑައި، ހުޅުވީ މި ސަރުކާރުންނެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އެކަމަކު އެއީ މުޅި މަޝްރޫއުގެ 70 ޕަސެންޓަށް ވާ ގޮތް އެނގޭނީ ޝަރީފަށެވެ.
އާ އަހަރު ފާހަގަކުރަން ދައްކާލާ ޑްރޯން ޝޯތަކާއި ރޭގެ ޝޯއާ މާ ބޮޑު ތަފާތެއް ނެތެވެ. ހުރިހާ ޝޯތަކުގައި ފެންނަ މަންޓާ އާއި ސީޕްލޭންތަކާއި ފްލައިޓުތައް ރޭގެ ޝޯގައި ވެސް ފެނުނެވެ. ތަފާތަކީ ޑްރޯންތަކުގެ އަދަދެވެ. ތެދެކެވެ. ލައްމާން ގޮވައިގެން ގޮސް މަހެއް ވެސް ނުބޭނެއެވެ.
ޑްރޯން ޝޯ ނިމުމާ އެކު އެއާޕޯޓު ވަށައިގެން ފަޓާސް ބަރިއެއްހެން އެ އަރުވައިގަތީ ހަވާގެ ކުލަވަރުތަކެވެ. އަރުވަން ތިބި މީހުން، އެ މީހަކާ އެމީހެކެވެ. ހަވައަކާއި ހަވައެކެވެ. އާދައިގެ މަތިން ހަމަ ހީވީ ސްޓޮކު ހުސްކޮށްލަން އެކަކު އަނެކަކާ ވާދައަށް ހަވާ އަރުވައިގަތީހެންނެވެ. ފެށިއިރު ރީތިވެދާނެހެން ހީވިއެވެ. އެކަމަކު އިރުކޮޅެއް ނުވަނީސް އެއާޕޯޓް ވަށާލާފައި އޮތީ ބޮޑު ދުން، ފުސްގަނޑަކެވެ. ކުލައެއް ވަކިނުވެއެވެ. ހަމަ ލައްމާން ގޮވައިގެން ގޮސް މަހެއް ވެސް ބާނާނުލެވޭނެއެވެ.
މި ވަސީމުގެ ކޮށި ވިސްނުމުން ވިސްނާލުމުން ހިތަށް އެރިއެވެ. ކުރީކޮޅުގައި އެރުވީ މިކަމަށް ގަނެގެން ގެނެސްފައި ހުރި ސްޓޮކެވެ. މިނެޓެއް ނުވަނީސް އެ އެތިކޮޅު ހުސްވެއްޖެއެވެ. ދެން ފަހުން އެ އެރުވީ މިކޮޅުގެ ގުދަނުގައި ހުރި ބާ ސްޓޮކް ކަމަށްވެދާނެއެވެ. އެކަމަކު އެހެން ވެސް ޔަގީންކަމާ އެކު ބުނަން ވަސީމު މިއީ ކާކު ހެއްޔެވެ.

އެ ދުންގަނޑު ތެރޭގައި މީހުން ކޮށި އަރަމުންދަނިކޮށް ދެން ދިމާވީ މާ ނުރައްކާ ކަމަކާއެވެ. ކަމަކު ދާކަށް ނެތެވެ. އެއްކަލަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލިއްޖެޔޯލައެވެ. ކަނޑަށާއި އެކި ދިމަދިމާލަށް ވެއްޓޭ ވާހަކަ އިވެން ފަށައިފިއެވެ. ޑްރޯންތައް އެއާޕޯޓު ހިފަނީޔޯލައެވެ. މުވައްޒަފުން ފަހައި ވޫސްލާފައި އުދުހެނީއެވެ. އެއާޕޯޓުގެ މުވައްޒަފުން ބޮލުގައި ބާލިދީ އަޅައިގެން ދުވަނީޔޯލައެވެ.
އެކަމާ ބެހޭގޮތުން ރޭ އެމްއެންޑީއެފްގެ އެއްވެސް ބަހެއް ނެތެވެ. މީޑިއާ އޮފިޝަލަށް ވެސް ދިފާއުކޮށްދެވޭނީ ވަކި ވަރަކަށް ދެއްތޯއެވެ. އޭނާގެ ހިލަމެއް ނުވެގެން އުޅެނިކޮށް ގްރޫޕުގައި ހުރި "ނޫސްވެރިއަކު" ޖަހައިފިއެވެ. ރަންވޭ އޮތީ ހުޅުވާފައެވެ. އެއާޕޯޓު އޮޕަރޭޝަންތައް އޮމާންކޮށް ކުރިއަށް އެބަދެއެވެ. ހައިސިއްޔަތުން ބޭރުން އޭނާ އެ ޖަވާބު ދިން ސަބަބު ބުނަން މި ވަސީމަކަށް ލާހިކު ކުޅަދާނައެއް ނޫނެވެ.
ދެން މި ހުރިހާ ޗަރުކޭހެއް ބެލުމަށްފަހު އަހަރެން ގެއަށް ގޮސް ރަނގަޅަށް ލޯ ދޮވެ، ގައިން ދެލި ފިލުވައިގެން ފޭސްބުކަށް ވަދެ ބަލާލިއިރު މީހަކު ޖަހާފައި އޮތް ސްޓޭޓަސްއެއް ފެނިއްޖެއެވެ.
"ހަވާ އަރުވާލާއިރު ހީނުވޭ ދަރާފަ އޮންނަ ގައުމެއް ހެން ވެސް."
އެ ސްޓޭޓަސްގެ ކޮމެންޓްތަކާއި ޝެއާތަކަށް ބަލާލިއިރު 99.9 ޕަސެންޓް މީހުން އެ ވާހަކައާ ދެކޮޅެއް ނުހަދައެވެ. އެކަމަކު އެކަކު ބުނީ ދަރާފައި ތިބީ ރައްޔިތުން ކަމަށެވެ. ފަސް އަހަރުގެ ދައުރެއް ނިންމާލުމަށްފަހު ވެރިން ދާނީ އަންބޮނޑި ފުރާލައިގެންނެވެ.
އެކަމަކު މަހުޖަނަކު ވިދާޅުވިއެއް ނޫން ހެއްޔެވެ. ލާރި ލިބޭނީ ލާރި ގޮސްގެންނެވެ. ރޭ ހަވަޔަށް އެ ތަޅާ ބުރުވާލީ ހަމަ ރައްޔިތުންގެ ފައިސާއެވެ. އަޑުއިވޭ ގޮތުންނަމަ 6.5 މިލިއަން ޑޮލާސް އޮންލީއެވެ. އެއީ ދަރަންޏަށް ނެގި ފައިސާ ވިޔަސް އެ ދަރަނިވެސް އެޅެން އޮތީ ރައްޔިތުންގެ ބޮލުގައެވެ.
މިއޮތީވާ ގައުމެކެވެ. ރައްޔިތަކު ކަމެއް ކޮށްދޭން ބުނެފިނަމަ ސަރުކާރު އޮންނަނީ އެއަށްވުރެ މާ ކުރިން ސަލާން ޖަހަން އަތް ދިއްކޮށްގެންނެވެ. ބުނާ ކަހަލައެވެ. ކަލޭ 1000 ރުފިޔާ މަށަށް ދޭށެވެ. މަ އޭރުން ކަލެއަށް 50 ރުފިޔާ ދީފާނަމެވެ.
އެކަމަކު ހަވާ އަރުވަން ވެއްޖެނަމަ މިލިއަނުން ވެސް ފައިސާ ތަޅަން ރެޑީއެވެ. އާންމު މީހަކު ބޭރުން މުދާ ގެންނަން އުޅެފިނަމަ ޑޮލަރު ހުރި ކަމަކަށްނުވެއެވެ. އެކަމަށް ހަވާ ވެއްޖެއްޔާ ރުފިޔާއެއް، ޑޮލަރެއް، ދިރުހަމެއް ވިޔަސް ވަރިހަމައެވެ. ހާހުންނާއި މިލިއަނުން ވެސް ނެރޭ ތަނަކުން އެބަ ނެރެއެވެ.
ދަރަނި މައްޗަށް ދަރަނި ނަގައިގެން ރޭ އެ ހުޅުވީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލެކެވެ. އެކަމަކު އެވަރަށް ފަތުރުވެރިން އައިސްގެން ރާއްޖޭގެ އިޤްތިސާދުގައި އެނބުރޭނީ ކިތައް މިލިއަން ޑޮލަރު ހެއްޔެވެ. ރައްޔިތަކަށް އޭގެ ފައިދާއެއް ކުރާނެ ހެއްޔެވެ. ފުރާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސްއިން ދޭ، ބޭރު ގައުމުތަކުން ބަލައިނުގަންނަ ބާ ޑޮލަރުކޮޅު ފިޔަވައި އިތުރު އެންމެ ޑޮލަރެއް ވެސް ލޮލުކޮޅަށް ފެންނާނެ ހެއްޔެވެ
ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން، އެކަން ފާހަގަކުރަން އެތައް މިލިއަން ޑޮލަރެއް ރޭ އެ އަރުވާލީ ހަވަޔަށެވެ. އެ ސްޓޭޓަސްގައި އޮތީ ހަމަ ހެޔޮކޮށެވެ. ހަވާ އަރުވާލާއިރު ދަރާފައި އޮންނަ ގައުމެއް ހެން ހަމަ ހީވެސް ނުވެއެވެ.

